ތިބާއަށް ހެޔޮކަމުގެ މަގެއް ﷲ ތަޢާލާ ހުޅުއްވައި ދެއްވައިފިނަމަ، އެކަމަކަށް އަވަސްވެގަންނަން ޖެހޭ ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިބާއަށް ހެޔޮކަމުގެ މަގެއް ﷲ ތަޢާލާ ހުޅުއްވައި ދެއްވައިފިނަމަ، އެކަމަކަށް އަވަސްވެގަންނަން ޖެހޭ ސަބަބުތައް-

"ތިބާއަށް ހެޔޮކަމުގެ މަގެއް ﷲ ތަޢާލާ ހުޅުއްވައި ދެއްވައިފިނަމަ، އެކަމެއްގައި އަވަސްވެގަންނާށެވެ. އެހެނީ ތިބާގެ މައްޗަށް އެމަގު ބަންދުވެދާނެ ވަގުތެއް ނޭގެއެވެ".

خالد بن معدان 

މިޘާލަކަށް: ތަނަވަސްކަން ﷲ ތަޢާލާ ދެއްވާފައިވާ މީހުން ޞަދަޤާތްދީ މީހުންނަށް އެހީތެރިވުމަށް އަވަސްވެގަންނަންވާނެއެވެ. އެހެނީ އެތަނަވަސްކަން ނެތިދާނެ ވަގުތެއް ނުއެނގޭނެއެވެ. 

ޙައްޖާއި ޢުމުރާވުން ފަދަ މަތިވެރި އަޅުކަމެއް އަދާކުރަން ފުރުޞަތު ލިބުމުން އެކަންކަން ކުރަން އަވަސްވެ ނުގަނެ ހުރުމަކީވެސް އެފުރުޞަތު ގެއްލިދާނެކަމެކެވެ. ތިމާ ބަލިވެސްވެދާނެއެވެ. މަރުވެސްވެދާނެއެވެ. އަދި ތަނަވަސްކަން ގެއްލި ޙައްޖާއި ޢުމުރާ ނުވެވޭނެ ޙާލަތެއްވެސް މެދުވެރިވެދާނެއެވެ. 

ހަމައެފަދައިން އެންމެ މުހިންމު އެއްކަމަކީ ތިމާ ދެކެ ލޯބިވާ ހެޔޮލަފާ ބައިވެރިއަކު ދެއްވެވުމުން ޝުކުރުވެރިވެ އެކުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. އެކަމަށް ފަރުވާ ކުޑަކޮށްލެވިއްޖެނަމަ ބައިވެރިޔާ ގެއްލި މުޅި ޢުމުރަށް އެކަމުގެ ހިތާމައިގާ އުޅެންޖެހިދާނެއެވެ. 

މީހަކަށް ދެއްވަވާނެ އެންމެ ބޮޑު އުފަލަކީ ތިމާދެކެ ލޯބިވާ ބައިވެރިއަކު ދެއްވެވުމެވެ. ޙަޤީޤީ ލޯބިވާ ބައިވެރިއަކު ލިބުމަކީ އެންމެ ބޮޑު އެއް ނިޢުމަތެވެ. މަސައްކަތް ކޮށްފިނަމަ ތަނަވަސްކަން ހޯދިދާނެއެވެ. ނަމަވެސް މިޒަމާނުގައި ހެޔޮލަފާ ބައިވެރިއަކު ހޯދުމަކީ ކުރަން އެންމެ ދަތި އުނދަގޫ އެއްކަންތަކެވެ. 

ޚާއްޞަކޮށް ތެދުވެރި ވަފާތެރި ބައިވެރިއަކު ލިބުމަކީ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ގިނަ ބައެއްގެ ދިރިއުޅުން ބިލާހަކަށްވެގެންދަނީ މިބުނި ފަދަ ތެދުވެރި ވަފާތެރި ބައިވެރިން ނުލިބޭތީއެވެ. ޔެދުވެރި ވަފާތެރިންނަކީ މިއަދު ވަރަށް މަދު ބައެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން