އިންތިޤާލީ މަރުޙަލާގަ ދައުލަތުގެ ހަރު މުދަލާ ފައިސާއާގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގަ ޤާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
އިންތިޤާލީ މަރުޙަލާގަ ދައުލަތުގެ ހަރު މުދަލާ ފައިސާއާގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގަ ޤާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށް އިލްތިމާސްކޮށްފި

އިންތިޤާލީ މަރުޙަލާގައި ދައުލަތުގެ ހަރު މުދަލާއި ފައިސާއާގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ޤާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށާއި އިންތިޤާލީ މަރުޙަލާގެ ރޫޙަށް އިޙުތިރާމުކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީހުން އިލްތިމާސްކޮށްފިއެވެ. 

ނޫސް ބަޔާން

އިންތިޤާލީ މަރުޙަލާގައި ދައުލަތުގެ ހަރު މުދަލާއި ފައިސާއާގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ޤާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށާއި އިންތިޤާލީ މަރުޙަލާގެ ރޫޙަށް އިޙުތިރާމުކުރުމަށް އިލްތިމާސްކުރުން

ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުޙަލާއަކީ އާ ސިޔާސަތުތަކަކަށް ރައްޔިތުން އާނބަސް ބުނެ، އާ ސަރުކާރަކަށް ދައުލަތުގެ ކަންކަން ހަވާލުކުރުމަށް ނިންމި ނިންމުމާ ގުޅިފައިވާ މަރުޙަލާއެވެ. މި މަރުޙަލާގެ ރޫޙަކަށްވާންވާނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ އާ ސަރުކާރުގެ މަސައްކަތްތަކަށް މަގުފަހިވާނެހެން ވެރިކަމުގެ ބާރުތައް ބަދަލުވެގެންދިޔުމެވެ. އަދި އާ ސަރުކާރުން ރައްޔިތުންނަށްޓަކައި ތަންފީޒުކުރުމަށް ރާވާފައިވާ ސިޔާސަތުތަކަށް ފުރުސަތު ލިބޭނެހެން ދައުލަތުގެ ހަރުމުދަލާއި ފައިސާއާއި މާލީ މުޢާމަލާތްތައް، ޤާނޫނީ ހަމަތަކުގެ މަތީން ރައްކާތެރިކުރުމެވެ.

ކަން މިހެން އޮތް ހިނދު، ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން، ވިޔަފާރީގެ މުޅިން އާ މުޢާމަލާތްތައް މި މަރުޙަލާގައި ފެށުމާއި، މި ފަދަ މުޢާމަލާތްތަކާއި އެއްބަސްވުންތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމަކީ، އެ ކަންކަމުގައި ކޮރަޕްޝަން އެކުލެވިގެންވާކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަންތައްތަކެކެވެ. އަދި، އެ ފަދަ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ގޮތް ބެލުމަށްފަހު، ޤާނޫނާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަމާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ވުމާއެކު، މި މަރުޙަލާގައި ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގަވާ ވިޔަފާރިވެރިންނާއި އެންމެހާ ރައްޔިތުން، ޤާނޫނީ އިންތަކުގެ ތެރެއިން އެ ފަދަ މުޢާމަލާތްތަކާ ގުޅޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުންވެސް ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އެ ފަރާތްތަކަށް ބާރުއަޅުއްވައިދެއްވުން އެދެމެވެ. އަދި މި ފަދަ މުޢާމަލާތްތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރެއްވުމުގެ ބަދަލުގައި، ރައްޔިތުންގެ ނިންމުމަށާއި އިންތިޤާލީ މި މަރުޙަލާގެ ރޫޙަށް އިޙުތިރާމުކޮށް، ކަމޭހިތުން އިސްކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

 

މިއަދު އޮންލައިން