ކައިވެނިކުރުމަށްފަހު ކުރީގެ ލޯބިވެރިޔާގެ މަތިން ހަނދާންކޮށް ގުޅުން ބޭއްވުން- ކައިވެންޏަށް އެންމެ ނުރައްކާތެރި އެއްކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކައިވެނިކުރުމަށްފަހު ކުރީގެ ލޯބިވެރިޔާގެ މަތިން ހަނދާންކޮށް ގުޅުން ބޭއްވުން- ކައިވެންޏަށް އެންމެ ނުރައްކާތެރި އެއްކަންތައް!

ކައިވެނި ރޫޅެން ދިމާވާ އެންމެ ޢާންމު އެއް މައްސަލައަކީ ކައިވެނިކުރުމަށްފަހުގައިވެސް ތިމާ ކުރިން ލޯބިވެގެން އުޅުނު މީހާ އާއިމެދުގައި ވިސްނޭކަމެވެ. ކައިވެނިކުރުމަށްފަހުގައިވެސް އޭނާ އާއި ގުޅުން ބާއްވަން މަސައްކަތްކުރެވޭ ކަމެވެ. 

މިއީ ވަރަށް ދެރަކަމެކެވެ. ފުރަތަމަ ކަމަކީ އޭނާ ތިބާ އާއި ކައިވެނި ނުކުރީ ކީއްވެގެން ހެއްޔެވެ؟ އެއީ ކޮންމެ ސަބަބަކަށްވީނަމަވެސް އެެހން މީހަކާއި ކައިވެނިކުރަން ތިއަ ޖެހުނީ އޭނާ އާއި ކައިވެނިނުކުރެވުމުންނެވެ. އެހިސާބުން އޮތީ އެކަން ހަނދާން ނައްތައިލުމެވެ. އަދި ހަނދާންވީނަމަވެސް އެކަމަށް އިތުރަށް ނުވިސްނުމެވެ.

ކައިވެނިކުރުމަށްފަހު ދެން ވިސްނަން ޖެހޭނީ ތިމާއަށް ލިބުނު ބައިވެރިޔާ އާއިމެދުގައެވެ. މަސައްކަތްކުރަން ޖެހޭނީ އޭނާއަށް ތެދުވެރިވެ އޭނާއަށް ލޯބިދީގެން ދިރިއުޅުމަށެވެ. 

ކޮންމެ މީހަކުވެސް ބޭނުންވާނީ ކޮންމެ ކަމެއްވެސް އެމީހަކު އެދޭ ގޮތަކަސްވުމަށެވެ. އެހެންވެ އެކަމަށް މަސައްކަތްކުރެވޭނެއެވެ. މަސައްކަތްކުރުމުންވެސް ކާމިޔާބު ނުވެއްޖެނަމަ އޮތީ އެޚިޔާލުތަކާއި ދުރުހެލިވާން މަސައްކަތްކުރުމެވެ. 

ހަނދާންކުރާށެވެ! އެލޯބިވެރިޔާ ތިބާ އާއި ނުގުޅޭނީ ތިބާގެ ކިބައިން އުނި ކަންތައްތަކެއް ފެނިގެންނެވެ. ތިބާ ބަލައި ނުގަނެވުނީމައެވެ. އެއިގެ ބަދަލުގައި ތިބާ އާއި ކައިވެނިކުރި އަންހެނާ ތިބާ އާއި ކައިވެނިއެކުރީ ތިބާގެ ކަންކަމަށް ރުހިގެންނެވެ. ވީމާ ތިބާއަށް ރުހުނު މީހާ ދެރަކޮށް ހިތުގައި ނުޖައްސާށެވެ. 

އެކުވެރިންނާއިމެދުގައިވެސް ވިސްނަންވާނީ ހަމަ އެގޮތަށެވެ. ތިބާ ދޫކޮށްލާފައި ދުރަށްދާ މީހުްނނާއިމެދު ނުވިސްނާށެވެ. ތިމާ އާއިއެކުގައި ތިބި މީހުންނާއިމެދުގައި ވިސްނާށެވެ. ތިމާ އާއިއެކުގައި ތިބޭނީ ތިމާއަށް އެންމެ ހެޔޮއެދޭ މީހުންނެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން