ޢިބްރަތްތެރި ވާހަކަ: ހެޔޮ ނިޔަތުގަ އަވަށްޓެރިންނަށް އެހީތެރިވި މަސްވެރިއަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ޢިބްރަތްތެރި ވާހަކަ: ހެޔޮ ނިޔަތުގަ އަވަށްޓެރިންނަށް އެހީތެރިވި މަސްވެރިއަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއިއެކު ގޭގޭގެ ބަދަލުގައި މިހާރު ދިރިއުލެނީ އެޕާޓްމަންޓްތަކުގައެވެ. އެކަމަކުވެސް ގިނަ ބައަކު ޖެހިގެން ހުންނަ އެޕާޓްމަންޓްގައި އުޅޭ އަވަށްޓެރިޔާގެ ޙާލު ބަލައިނުލާތަނުގައި ބައްދަލުވުމުން ހިނިތުންވެސްވެނުލައެވެ. މިފަދަ މީހުންނަށް މިގެނެސްދެނީ ޢިބްރަތްތެރި ވާހަކައެކެވެ. 

އަޅުގަނޑަކީ ރާއްޖެތެރޭގެ ރަށެއްގައި ދިރިއުޅޭ މަސްވެރިއަކީމެވެ. އަޅުގަނޑުގެ ގެއާއި އިންވެގެން ތިބި 2 މީހުންނަކީވެސް ވަރަށް ނިކަމެތި ބައެކެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތް ބައެކެވެ. ނިކަމެތި ކުދިންކޮޅަކާއިއެކު އެއްގޭގައި ދިރިއުޅެނީ އެކަނިވެރި އަންހެނެކެވެ. އަނެއްގޭގައި ދިރިއުޅެނީ ޒުވާން އެހެނަސް ހުވަފަތް އަންހެނެކެވެ. 

އަޅުގަނޑަށް ވެވުނު ވަރަކުން އެމީހުންނަށް އެހީތެރިވަމެވެ. ކާޑުވެސް ދެމެވެ. ލައިންކާނެ އެއްޗެތިވެސް ދެމެވެ. އަދި ރަށުގައި ހުރެވޭ ދުވަސްދުވަހު ވީވަރަކުން އެމީހުންނަށް ދަތިވެފައި ހުންނަ ކަންކަން ބަލައި އެކަންކަން ކޮށްދެމެވެ. ވަޅުދިޔަވެސް ހިއްކައިދެމެވެ. 

އަޅުގަނޑުގެ އަނބިމީހާއަކީވެސް ވަރަށް ދީލަތި އަންހެނެކެވެ. ކޮންމެ ދުވަހަކުހެން އެގޭގެ ދޮރުން ބޯކޮއްޕައި ޙާލުބަލާނެއެވެ. 

ކުރުކޮށްލާފައި ބުނަމެވެ. އަހަރުތައް ފާއިތުވެ ދެގޭގެ ކުދިންވެސް މިހާރު ބޮޑެތިވެއްޖެއެވެ. ފިރިހެންކުދިން މަސައްކަތްކޮށްގެން ފައިސާ ހޯދައެވެ. އެކުދިންގެ ކިބައިން އެއްވެސް ކަމަކު ނުއެދެމެވެ. 

ގައިބާރު ދެރަވެ މިހާރު މިހުންނަނީ މަހަށްވެސް ނުދެވިއެވެ. ގޭގެ ޚަރަދުތައް ބަލަހައްޓަނީ ދަރިންނެވެ. ނަމަވެސް ދަރިންނަށްވުރެ އަވަށްޓެރި 2 ގޭގެ އެހީތެރިކަން ކުޑައެއް ނޫނެވެ. ކޮންމެ ދުވަހަކުހެން ކޮންމެވެސް އެއްޗެއް ގެއަށް ވައްދާނެއެވެ. ދައްތަ އާއި ބޭބެ ކޮބައިތޯ އަބަދުބަލާނެއެވެ. 

މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާ މިކުރީ އަމިއްލަ ތަޖުރިބާއިންނެވެ. ބޭނުމަކީ އަވަށްޓެރިންނަށް ހެޔޮ ނިޔަތުގައި އެހީތެރިވުމުން ދުނިޔޭގައިވެސް ކުރާ ފައިދާތައް ހާމަކުރުމެވެ. އަވަށްޓެރިންނަށް އެހީތެރިވުމަށް ހިތްވަރު ދިނުމެވެ. 

- ޙުސައިން-- މިއަދުނޫހުގެ ކިޔުންތެރިއެއް 

އަވަށްޓެރިންގެ ޙާލު ބެލުމަށް ޖިބްރީލްގެފާނު ތަކުރާރު ކުރައްވަވައި ރަސޫލް ()އަށް ދެންނެވި!: ޢުމަރު ސުލައިމާން 

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ލިބިވަޑައިގެންވަނީ ޖިބްރީލްގެފާނަށެވެ. އެހެންކަމުން ޖިބްރީލްގެފާނަށް "ސައްޔިދުލްމަލާއިކަތު" އެވެ ވެސް ކިޔެއެވެ. ރަސޫލް () ﷲ ތައާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް، އެންމެ މަތިވެރި އިންސާނާއެވެ. އެހެންކަމަށްވާއިރު އެންމެ މަތިވެރި މަލާއިކަތާ، އެންމެ މާތް އިންސާނާއަށް ދެއްވަވާ ކޮންމެ ނަޞޭޙަތްފުޅެއްގެ ދަރަޖަ މަތިވެގެންވާ މިންވަރު ހިތަށް ގެންނާށެވެ. 

ރަސޫލް ((  ގެ އަވަށްޓެރިއަކަށް ޔަހޫދީއަކު އުޅުނެވެ. އޭނާގެ ގެއަށް ރަސޫލް ()   ޒިޔާރްތްކުރެއްވެވުން ގިނަ ކުރެއްވެވިއެވެ. އަވަށްޓެރިޔާއަށް ޚިދުމަތް ކުރެއްވެވުން ގިނަކުރެއްވެވިއެވެ. އެކަމާއިމެދު ކަންބޮޑުވެވަޑައިގެން ޞަހާބީން ސުވާލު ދެންނެވުމުން ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ އެކަން ކުރައްވަވަނީ އަވަށްޓެރިޔާގެ ގެއަށް ޒިޔާރަތް ކުރައްވަވައި އަވަށްޓެރިޔާގެ ޙާލު ބެއްލެވުމަށް ޖިބްރީލްގެފާނު އަންގަވާތީކަމަށެވެ. އަދި އެ އެންގެވުން ތަކުރާރުކުރައްވަވާ ވަރުން ކަމަށެވެ. 

ވިސްނައިލަންވީ ކަމަކީ މަލާއިކަތްބޭކަލުންނަކީ ﷲ ތައާލާ އެބޭކަލުންނަށް އަމުރުފުޅު ކުރައްވަވާ ކަމެއް ނޫނީ ކުރައްވަވާނެ ބޭކަލުންނެއް ނޫންކަމެވެ. 

ނިކަން ވިސްނައިލަބަލާށެވެ! އަހަރެމެންގެ އަވަށްޓެރިންނަށް މިއަދު ތިބީ މުސްލިމުންނެވެ. މަހަކު އެއްފަހަރު ނަމަވެސް އެމީހުންނަށް ޒިޔާރަތްކޮށް ޙާލުބަލައިލެވޭ ހެއްޔެވެ؟ މަހަކު އެއްފަހަރު ޙާލު ބަލައި ނުލެވޭއިރު އަހަރަކު އެއްފަހަރު ޙާލު ބަލައިލެވޭ ހެއްޔެވެ؟ އެކަމެއް ކުރެއްވެވުމަށް ޖިބްރީލްގެފާނު ރަސޫލް () އަށް ތަކުރާރުކުރައްވަވައި ދަންނަވާނީ ކިހައި މުހިންމު ކަމެއްކަމުގައިވުމުން ކަމަށް ޤަބޫލުކުރެވޭއިރުވެސްމެއެވެ. 

ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން