ދަތިޙާލެއް ޖެހުމުން ﷲ ތަޢާލާ ތިމާ ދޫކޮށްލެއްވެވީކަމަށް ބުނެވޭ މީހުން އަހުރެންގެ މިސުވާލަށް ޖަވާބުދީބަލަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދަތިޙާލެއް ޖެހުމުން ﷲ ތަޢާލާ ތިމާ ދޫކޮށްލެއްވެވީކަމަށް ބުނެވޭ މީހުން އަހުރެންގެ މިސުވާލަށް ޖަވާބުދީބަލަ!: މުފްތީ މެންކް

ބައެއް މީހުންނަށް އެމީހުން ކުރަން ބޭނުންވާ ކަމެއް ޙާޞިލްނުވާއިރަށް، ނުވަތަ އަތްމަތި ދަތިވެލާއިރަށް ނުވަތަ އެނޫންވެސް ތަކްލީފެއް ޖެހިލާއިރަށް އެންމެ ފަސޭހައިން ބުނެވޭ ބަސްތަކުގެ ތެރޭގައި ތިމާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންނުވާކަމަށް ބުނެވޭ ބަސްތައް ހިމެނެއެވެ. ނުވަތަ ތިމާގެ ޙާލު ﷲ ތަޢާލާ ބައްލަވައިވޮޑިގެން ނުވާކަމަށާއި އެހީތެރިވެވޮޑިނުގަންނަޥާކަމަށް ބުނެވޭ ބަސްތައް ހިމެނެއެވެ. 

އެފަދަ މީސްމީހުންނަށް އަހުރެން ކޮށްލަން އޮތް ސުވާލަކީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުންގެ ގަނޑުވަރުކޮޅުތަކުގެ ބަދިގެކޮޅުތަކުގައި 3 މަސްވަންދެން ކައްކަވާނެ އެއްވެސް އެއްޗެއް ލިބިވަޑައިނުގަންނަވާތީ އުނދުންކޮޅު ރޯނުކުރައްވަވައި ތިއްބަވަން ޖެހިވަޑައިގަތީ ﷲ ތަޢާލާ މިއުންމަތަށް ފޮނުއްވެވި އެންމެ މާތް އިންސާނާ، އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އިތުރު ޞާޙިބާގެ އަނބިއަނބިކަންބަލުންނާއި ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ދެކެ ލޯބިފުޅުވެވޮޑިނުގަންނަވާތީހެއްޔެވެ؟ 

ދުނިޔެއަށް ފޮނުއްވެވި އެންމެހައި މީސްތަކުންނަށްވުރެ މަތިވެރި ދަރަޖަ ދެއްވަވައި، އިސްރާއާއި މިޢްރާޖްގެ ދަތުރުފުޅު މިންވަރުކުރެއްވެވި އެފަދަ މާތް ޞާޙިބާ ދޫކޮށްލެއްވެވީމައި ހެއްޔެވެ؟ 

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެނގިގެންދަނީ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވާ މިންވަރު ބޮޑުވި ވަރަކަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ބޮޑުވެފައި ވަރުގަދަވާނެކަމެވެ. 

ވިސްނައިލާށެވެ! އެބޭކަނބަލުން ކެތްތެރިވެވަޑައިގަތީ ހަމައެކަނި ކަދުރުކޮޅެއް ފަރިއްކުޅުއްވަވަމުން ފެންފޮދު ހިއްޕަވަމުންނެވެ. އަހުރެމެންގެ ތެރޭގައި އެހައި ދުވަހު އެހައި ދަތިޙާލެއްގައި އުޅެންޖެހޭ ހަމައެކަކުވެސް ނުހުންނާނެކަމަށް ބުނުމަކީ ދޮގަކަށްވާނެ ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިތަންމެ ބޮޑު ދަތިޙާލެއްގައި އުޅެންޖެހުނަސް ﷲ ތަޢާލާ އާއިމެދު އެފަދަ ބަސްތައް ނުބުނާށެވެ. އެފަދަ ބަސްތައް ބުނަން ހެޔޮނުވާނެއެވެ. އެފަދަ ބަސްތައް ބުނުމުގެ ބަދަލުގައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށް ލިބިގެންވާކަން ޤަބޫލުކޮށް ޝުކުރުވެރިވާށެވެ! އުފާކުރާށެވެ! އެއިރުން އެމީހެއްގެ ޙާލަތު ބަދަލުކޮށް ދެއްވަވައި ރަޙްމަތް އޮއްސަވާނެތެވެ. އިން ޝާ ﷲ 

- މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން