ސަމާލުވޭ! ކާމިޔާބީއަށް މަރުޙަބާކިޔާއިރުވެސް ޙަސަދަވެރިވެ އެސްފީނާ ލައިގެން ތިބޭ އެކުވެރިން ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ސަމާލުވޭ! ކާމިޔާބީއަށް މަރުޙަބާކިޔާއިރުވެސް ޙަސަދަވެރިވެ އެސްފީނާ ލައިގެން ތިބޭ އެކުވެރިން ގިނަވެއްޖެ!

ތިބާގެ ދިރިއުޅުން ކުރިއަރަމުން އަންނަނަމަ ތިބާއާއި ވަކިވާނެ ބައަކު އެކުވެރިންގެ ތެރޭގައި ތިބޭނެއެވެ. ދުރުހެލިވާނެ ބައަކުވެސް ތިބޭނެއެވެ. އެއީ ތިބާއަށް ލިބޭ ކުރިއެރުމާއިމެދު ޙަސަދަވެރިވެވޭލެއް ބޮޑުކަމުންނެވެ. 

ތިމާއަށް ލިބޭ ކުރިއެރުމާއި ކާމިޔާބީގެ ވާހަކަތައް އެންމެންނާއި ޙިއްޞާނުކުރަންވީ އެންމެ ބޮޑު އެއްސަބަބަކީވެސް މިއީއެވެ. ގިނަވާނީ އެކަމަށް ހަސަދަވެރިވާ މީހުން ކަމުގައިވާތީއެވެ. ނިކަން ވިސްނައިލަބަލާށެވެ! ގިނަ ބައަކު އެމީހުންގެ އެކުވެރިޔާއަށް ކާމިޔާބީއެއް ޙާޞިލްކުރެވުމުން މަރުޙަބާކިޔައި ތަހުނިޔާގެ މެސެޖް ފޮނާއިރު ހިތުގައި ހަސަދަލައެވެ. ހެޔޮދުޢާކުރުމުގެ ބަދަލުގައި ލަނީ އެސްފީނާއެވެ. 

މިގޮތުން ފުރަތަމަކަމަކަށްވެސް އެހެން މީހުންގެ އެހީތެރިކަމާއި ނުލައި އަމިއްލަ މައްސަލަތައް އަމިއްލައަށް ޙައްލުކުރެވޭ މީހަކަށްވާށެވެ. އެއިރުން އެކުވެރިން ވަކިވިނަމަވެސް އަދި ދުރަށް ޖެހިލިނަމަވެސް ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. 

ކިތަންމެ ގާތްކޮށް އުޅުނަސް ދެން އެހެން ގޮތެއް ނެތިގެން ނޫނީ އެއްވެސް މީހެއްގެ ގާތުގައި ކަންކަންކަމު ނުކިޔައި އުޅެން މަސައްކަތްކުރާށެވެ! ތިބާއަށް އެހީތެރިވެދެވޭނެނަމަ އެކުވެރިންނަށާއި އެހެން އެހެން މީހުންނަށްވެސް އެހީތެރިވެދޭށެވެ. އެކަންކުރަންވާނީ އެމީޙުންގެ ކިބައިން އެއްވެސް ހެޔޮކަމަކަށް އެދިގެން ނުވަތަ ލިބޭނެ ކަމަކަށްވެސް ނޫނެވެ. ﷲ ތަޢާލާއަށްޓަކައެވެ. 

އަދިވެސް ބުނަންހެއްޔެވެ؟ ބައެއް މީހުން އެކުވެރިން ލައްވައި ބައެއް ކަންކަން ކުރުވަނީ އެކަމަށް ހިނގާ ޚަރަދުކުޑަވާނެ ކަމަށް ބަލައިގެންނެވެ. މިހާރަކަށް އައިސް އެކަންވެސް މިވަނީ ބަދަލުވެފައެވެ. އެވަޤުތު ދޭން ނުޖެހުނު ނަމަވެސް ފަހުން އެކުވެރިޔާއަށް ކޮށްދޭންޖެހޭ ކަންކަމުގެ އަގު އޮންނަނީ މާބޮޑުވެފައެވެ. 

ވީމާ އެކުވެރިއަކު ލައްވައި ކަމެއް ކުރުވިނަމަވެސް އެކަމަކަށް އަގުދީ ވަޤުތުން ނިންމާށެވެ! ވަޤުތުން އަދާކުރެވެން ނެތްނަމަވެސް އަގަކަށް އެއްބަސްކުރުވައިގެން އެކަމެއް ކުރުވާފައި ވީހާ އަވަހަކަށް އަގުއަދާކުރާށެވެ! ކަލަނުގޮވޭނެ ގޮތް ހަދާށެވެ! 

އެންމެން އެއްގޮތް ނުވާނެތީ ތަފާތު އެކުވެރިއަކުވެސް ހުރެދާނެއެވެ. ނަމަވެސް ގިނަވާނީ މިބުނި ފަދަ ކަންކަމަށް ސަމާލުކަންދީގެން ކަންކަން ކުރުވަންޖެހޭނެ އެކުވެރިންނެވެ. ސަމާލުކަންދީގެން އެކުގައި އުޅެންޖެހޭނެ އެކުވެރިންނެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން