މުފްތީ މެންކުގެ ތަޖުރިބާއިން: މީހުންދޭ ގެއްލުމާ ކުރާ އަނިޔާއަށް ކަންބޮޑުނުވެ ހުރެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މުފްތީ މެންކުގެ ތަޖުރިބާއިން: މީހުންދޭ ގެއްލުމާ ކުރާ އަނިޔާއަށް ކަންބޮޑުނުވެ ހުރެވޭނެ މަގު-

އަހުރެންގެ އެތައް އަހަރެއްގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. ހަމަޖެހިގެން ދިރިއުޅެން ބޭނުންވާނަމަ އެއްވެސް މީހެއްގެ މައްޗަށް ހިތްބުރަކަމެއް ނުބާއްވާށެވެ. އޭނާ ކުރި ކަންތަކުގެ ސައިޒަށާއި ލިބުނު ގެއްލުމުގައި މިންއަޅައި ކިރަން މަސައްކަތްނުކުރާށެވެ. އެއިގައި ކިތަންމެ ބޮޑު ބުރަދަނެއް ހުރިނަމަވެސް، ލިބުނު ގެއްލުން ކިތަންމެ ބޮޑު ނަމަވެސް އެމީހަކަށް މާފުކޮށްފައި އަވަހަށް އެކަން ހަނދާން ނައްތައިލާށެވެ.

ޢާއިލާގެ މީހުންނާއި އެންމެ ގާތް އެކުވެރިންގެ ކިބައިން ހިތަށް އަނިޔާ ލިބުމުން ކުރާ އަސަރު ވަރަށް ބޮޑުތަނުން ބޮޑުވާނެއެވެ. އެކަމަކުވެސް އަޅައިވެސްނުލާށެވެ. އަވަހަށް މާފުކޮށް ނިންމައިލާށެވެ.  

ޚުދު އަހުރެންނާއިމެދުގައިވެސް ވަރަށް ބޮޑަށް ބޭއިންޞާފުންވެސް ކަންކަން ކޮށްފައި އެބަހުއްޓެވެ. އަހުރެން ވަޤުތުން މާފުކުރަމެވެ. ހަނދާން ނައްތައިލަމެވެ. އެގޮތަށް އެކަންކުރަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ މާފުނުކޮށް ހިތުގައި އަޅައިގެން ހުރުމުން ތިމާއަށް ލިބޭ އަނިޔާ މާބޮޑުވެގެންދާނެތީއެވެ.  

ކިތަންމެ ގާތް މީހެއްގެ ސަބަބުން ނަމަވެސް އަދި ދުރުމީހެއްގެ ސަބަބުން ނަމަވެސް ކޮންމެ ކަމެއްވެސް މެދުވެރިވާނީ އެކަމަކަށް ﷲ ތަޢާލާ އިރާދަކުރައްވަވާފައިވާނަމައެވެ. އަދި އެމީހަކު އެކުރި ކަންތައްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ އެންމެ ފައިދާހުރި ގޮތަކަށްވާނީ އެކަމެއް ﷲ ތަޢާލާއަށް ވަކީލްކޮށް ހިތުން އެކުގައި ފުހެލުމެވެ.  

އެގޮތަށް އެކަން ކުރެވޭނީ 2 ކަމެއްގައި ވަރަށް ވަރުގަދައަށް ޘާބިތުވެވިގެންނެވެ. ފުރަތަމަ ކަމަކީ ތަޤްވާވެރިކަމެވެ. ދެވަނަ ކަމަކީ އެއްވެސް މީހަކަށް ތިމާއަށް އެއްވެސް ދެރައެއް ނުދެވޭނެކަމާއި ތިމާއަށް ދެރަގޮތެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެކަން ޔަޤީންކުރެވުމެވެ.

މިއީ ގުޅިލާމެހިފައިވާ ދެކަމެވެ. ފަހުން މިބުނި ގޮތަށް ޔަޤީންކޮށް ކެތްތެރިވެވޭނީ އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުރި މިންވަރަކުންނެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން