އެދޭ ކަންކަން ޙާޞިލު ނުވާނަމަ ހުރި ހުރަސްތައް ދެނެގަންނަން ޗެކްކޮށްލަންޖެހޭ ޗެކްލިސްޓް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
އެދޭ ކަންކަން ޙާޞިލު ނުވާނަމަ ހުރި ހުރަސްތައް ދެނެގަންނަން ޗެކްކޮށްލަންޖެހޭ ޗެކްލިސްޓް-

އަހުރެމެންގެ ތެރެއިން ގިނަ މީހުންނަށް ކަންބޮޑުވެވެނީ ތިމާ ބޭނުންވާ ކަންކަން ޙާޞިލްނުކުރެވުމުންނެވެ. އެކަމުގައި ތިމާގެ އިހްމާލެއް އޮންނަ ކަމާއިމެދު ވިސްނައިލެވެނީވެސް މަދުމީހަކަށެވެ.  

ކޮންމެ ދުވަހެއް ނިމޭއިރުވެސް ކުރަން ބޭނުން ގިނަ ކަންތައްތަކެއް ހުންނަނީ ޙާޞިލު ނުކުރެވިއެވެ. ޙާޞިލުކުރަން ބޭނުންވާ ކަންކަމުގެ ތެރެއިން ޙާޞިލުކުރެވެނީ ވަރަށް މަދު މިންވަރެކެވެ. މިއީ ޢާންމު ގޮތެއްގައި ކޮންމެ ދުވަހަކުހެން ކަންކަން ހިނގަމުން އަންނަ ގޮތެވެ.  

ރޭގަނޑު ކާން އިންނައިރު އަބަދުވެސް ވިސްނޭނީ އެދުވަހު ތިމާއަށް ޙާޞިލު ނުކުރެވި ހުރި ކަންކަމަށެވެ. ސުވާލަކީ އެންމެ ފަހަރަކުވެސް ތިމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކަންކަން ފުރިހަމަކުރެވުނު މިންވަރާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟  

ކުޑަކުޑަ ޗެކްލިސްޓެއް ހާމަކޮށްލާނަމެވެ.  

- ފަތިސް ނަމާދުގެ ކުރިން ހޭލައި ﷲ ތަޢާލާއަށް ސަޖިދަކުރިންހެއްޔެވެ؟ ޛިކުރުކުރިން ހެއްޔެވެ؟ ދުޢާކުރިން ހެއްޔެވެ؟

- ފަތިސް ނަމާދުކުރީ ޖަމާޢަތުގައިހެއްޔެވެ؟ އަންހެނަކު ނަމަ ވަގުތުގެ ކުރީކޮޅުގައި ހެއްޔެވެ؟ އިހުސުންނަތް ކުރިންހެއްޔެވެ؟

- އިރުއެރުމާއި ދެމެދުގައިވާ ވަގުތުކޮޅުގެ ބޭނުން ކުރީ ހެޔޮ ޢަމަލުކުރަންހެއްޔެވެ؟

- ޟުޙާ ނަމާދުކުރިން ހެއްޔެވެ؟

- އެއަށްފަހު ފަރުޟު ނަމާދުތަކަށާއި ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވިން ހެއްޔެވެ؟

- ދުވަސް ނިމިގެންދިއައިރު ޤުރްއާން ކިޔެވުމަށާއި ޛިކުރުކުރަން ކިހައި ވަގުތެއް ހޭދަކުރެވުނު ހެއްޔެވެ؟

- ފެށި ހިނގަމުން މިދަނީ މުޅި އަހަރުގެ ތެރޭގައި ބައްދަލުކުރާނެ އެންމެ މާތްކަން ބޮޑު އެންމެ މަތިވެރި ދުވަސްތަކެވެ؟ އެންމެ ރޯދައެއްވެސް ހިފައިފިން ހެއްޔެވެ؟  

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ކޮންމެ ދުވަހެއް ވެސް ފަށައި ނިންމުމުގައި މި ބަޔާންކުރި ކަންކަމަށް ސަމާލުކަންދޭށެވެ! ތިމާއަކީ ދުނިޔަވީ ގޮތުން ކަންކަމަށް ބޭނުންވެ ނުފުދިގެން ހުރި މީހަކު ނަމަވެސް އަދި ދުނޔަވީ ގޮތުން ފުދިގެން ހުރި މީހަކު ކަމުގައިވީނަމަވެސްމެއެވެ.  

އެހެނީ ދުނިޔަވީ ގޮތުން ބޭނުންތައް ފުދިގެން ހުރި މީހަކު ކަމުގައިވީނަމަވެސް އާޚިރަތް ދުވަސް އޮތީއެވެ. އެދުވަހުން ސުވަރުގެ ލިބުމަކީ ދުނިޔޭގެ ހުރިހާ ކަމަކަށްވުރެ މާމުހިންމުކަން ބޮޑު ކަމެކެވެ. ދުނިޔޭގައި ހުރިހާ ބޭނުންތަކެއް ފުދިގެން ހުރިނަމަވެސް އާޚިރަތް ދުވަހު ސުވަރުގެ ނުލިބިއްޖެނަމަ ދެނަ ކަންކަންވެދާނެ ގޮތް ހިތްމައްޗަށް ގެންނާށެވެ.  

ވީމާ ކޮންމެ މީހަކުވެސް ދުވަސް ފަށައި ނިންމުމުގައި މި ކަންކަމަށް ސަމާލުކަންދޭށެވެ! ﷲ ތަޢާލާ އެމީހަކަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން