އަލް ޤަޞަޞް ސޫރަތުގައިވާ ބައެއް ވާހަކަތައް-

ކިޔުމަށް ހޭދަވާނީ 6މ 1ސ
އަލް ޤަޞަޞް ސޫރަތުގައިވާ ބައެއް ވާހަކަތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

އަލް ޤަޞަޞް ސޫރަތަކީ ކީރިތި ޤުރްއާނުގެ 28 ވަނަ ސޫރަތެވެ. މި ސޫރަތުގައި 88 އާޔަތް ވެއެވެ. މި ސޫރަތް ބާވައިލެއްވުނީ ނަމްލު ސޫރަތައް ފަހުގައެވެ. މިއީ މައްކީ ސޫރަތެކެވެ. 

އެހެންކަމުން މި ލިޔުމުގައި މި ބަޔާން ކޮށްލަނީ މި ސޫރަތުގައި ހިމެނޭ ބައެއް ވާހަކަތަކެވެ. 

·  މޫސާގެފާނު އުފަންވެވަޑައިގަތުން: ފިރުޢައުނު އިސްރާއީލުގެ ދަރިންގެ ތެރެއިން އަލަށް އުފަންވާ ފިރިހެން ކުދީން މަރަމުން ގެންދިޔައެވެ. އެކަމުގެ ސަބަބަކީ އޭނާގެ ޙަޔާތައް އައިސްދާނެ ބަދަލާމެދު ބިރުގަތުމެވެ. އަދި ﷲ ތަޢާލާ މޫސާގެފާނު އުފަންވުމަށްފަހު އެކަލޭގެފާނުގެ މަންމާފުޅަށް ގާތުން ކިރުދިނުމަށް ވަޙީ ކުރެއްވިއެވެ. ދެން މޫސާގެފާނުގެ މަންމާފުޅު، މޫސާގެފާނު ކަނޑަށް އެއްލާލެއްވިއެވެ. އަދި ކަނޑުގެ ރާޅުތަކުގެ ތެރޭގައި ފޮށި ދުއްވާފައި ދިޔައިރު، މޫސާގެފާނު ފިރުޢައުނުގެ ގަނޑުވަރުގައި މަޑުކޮށްލެއްވުމުން، އެ ފޮށި ނަގައި އުފުލިއެވެ. އަދި ފިރްޢައުނު، މޫސާގެފާނު ތަރުބިއްޔަތުކޮށް ބަލާ ބޮޑުކުރިއެވެ. ނަމަވެސް ފިރްޢައުނަށް އޭނާގެ ހަލާކު އޭނާގެ އަތުގައި އޮތް ކަމެއް ނޭނގެއެވެ. 

ﷲ ތަޢާލާ ޤަޞަޞް ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَأَوْحَيْنَا إِلَىٰ أُمِّ مُوسَىٰ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِي الْيَمِّ وَلَا تَخَافِي وَلَا تَحْزَنِي ۖ إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ ﴿٧﴾‏

މާނައީ: "އަދި ތިމަންރަސްކަލާނގެ موسى ގެފާނުގެ މަންމައަށް إلهام ކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ! ފަހެ، ކަމަނާ އެކަލޭގެފާނުގެ މައްޗަށް ބިރުފުޅުގެންފިނަމަ، އެކަލޭގެފާނު (ފޮށްޓަކަށް ލައްވައިފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ! އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ކަމަނާއަށް ރައްދުކުރައްވާހުށީމެވެ. އަދި އެކަލޭގެފާނު رسول ންގެ ތެރެއިން ލައްވާހުށީމެވެ. (7)" 

·  މޫސާގެފާނު މަދްޔަނަށް ހިޖުރަ ކުރެއްވުން: މޫސާގެފާނަށް އޮޅިގެން މީހަކު މަރާލެވުމުން އެކަލޭގެފާނުގެ އަރިހަށް މީހަކު އައިސް މިޞްރު ދޫކޮށް ދިއުމަށް ނަސޭހަތްތެރިވިއެވެ. ދެން މޫސާގެފާނު މަދްޔަނަށް ހިޖުރަ ކުރެއްވިއެވެ. 

وَلَمَّا تَوَجَّهَ تِلْقَاءَ مَدْيَنَ قَالَ عَسَىٰ رَبِّي أَن يَهْدِيَنِي سَوَاءَ السَّبِيلِ ﴿٢٢﴾‏ وَلَمَّا وَرَدَ مَاءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِّنَ النَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ امْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِي حَتَّىٰ يُصْدِرَ الرِّعَاءُ ۖ وَأَبُونَا شَيْخٌ كَبِيرٌ ﴿٢٣﴾‏ فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰ إِلَى الظِّلِّ فَقَالَ رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ ﴿٢٤﴾‏ 

މާނައީ: "އަދި އެކަލޭގެފާނު مدين އާ ދިމާއަށް ވަޑައިގެންނެވިހިނދު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާނގެ މިއަޅާއަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށިއެވެ! (22) އަދި އެކަލޭގެފާނު مدين ގެ ފެންވަޅުގެ ކައިރިޔަށް ވަޑައިގެންނެވިހިނދު، މީސްތަކުންގެ ތެރެއިން ގިނަބަޔަކު (އެއުރެންގެ ޖަނަވާރުތަކަށް) ފެންދެނިކޮށް އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އަދި އެއުރެންނާ ތަންކޮޅެއް ދުރުގައި ދެއަންހެނަކު ތިބެގެން (އެއުރެންގެ ޖަނަވާރުތައް) ދުރަށް ޖައްސާތީ ދެކެވަޑައިގެންނެވިއެވެ. (އެހިނދު) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަ ދެމީހުން ތިޔަހެން ހަދަނީ ކީއްވެގެން ހެއްޔެވެ؟ އެ ދެ އަންހެނުން ދެންނެވިއެވެ. ޖަނަވާރުތައް ހުއިހައްޕާމީހުން (އެއުރެންގެ ޖަނަވާރުތަކަށް ފެންދީ) ދުރަށް ހިނގައްޖައުމަށް ދާނދެން، ތިމަންމެންގެ ޖަނަވާރަށް ތިމަންމެންނަކަށް ފެނެއް ނުދެވޭނެތެވެ. އަދި އަހުރެމެންގެ ބައްޕައަކީ (އެފަދަކަމެއް ކުރެއްވޭވަރަށްވުރެ) عمر ން ދުވަސްވެފައިވާ މުސްކުޅިއެކެވެ. (23) ފަހެ، އެކަލޭގެފާނު (އެ ދެ އަންހެނުންގެ ޖަނަވާރުތަކަށްޓަކައި) އެ ދެ އަންހެނުންނަށް ފެންދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ. (24)"

މިއަދު އޮންލައިން