ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން الله ސުބްޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންނަށް ތިންކަމަކަށް ރުހިވޮޑިގެންވެއެވެ. އަދި ތިންކަމެއް ރުހިވޮޑިގެން ނުވެއެވެ.
ރުހިވޮޑިގެންވަނީ 1 އެއިލާހަށް އަޅުކަން ކުރުމަށާއި, 2 އެއިލާހާއި އެކު އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަށެވެ. 3 އަދި ތިޔަބައިމީހުން އެކުގައި الله ގެ ވާފަށުގައި ހިފެހެއްޓައި, ބައިބައިވެ ނުގަތުމަށެވެ.
ރުހިވޮޑިގެން ނުވަނީ 1 ބުންޔޭ ބުންޔޭ ކިޔާފައި ވާހަކަ ދެއްކުމާއި، 2 ބޭކާރު ސުވާލު ގިނަކުރުމާއި، 3 ފައިދާ އެއް ނެތް ކަންތަކުގައި މުދާ ނަގާލުމެވެ".
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަން ކުރުމާއި ދުރުހެލިވާށެވެ! އެފަދަ ކަމެއް ނުކުރާށެވެ! އެހެން ނޫންނަމަ ތިބާއަށް ހުރެވެނީ ކޮންކޮޅެއްގައިކަން ތިބާއަށް ވެސް އޮންނާނީ ނުއެނގިފައެވެ.
ދުނިޔަވީ ގޮތުން ބެލިނަމަވެސް މައިންބަފައިންގެ ބަސް ޤަބޫލުކުރުމަކީ މައިން ބަފައިން ބުނާ، އެމީހުން ރުހޭނެ ކަންކަން ކުރުމާއިއެކު ނުރުހޭނެ ކަންކަން ނުކުރުމެވެ. ﷲ ތަޢާލާއަށް ކިޔަމްނަތެރިކަން އަދާކުރުމާއި ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުގައިވެސް އޮތީ ހަމަ މިގޮތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން