ނަމަނަމަ ދަރިއަކަށް މިފަދަ ބަހެއް ނުބުނާށެވެ! ބުނެފިނަމަ ދަރިންގެ ހިތުން ފިލުވައެއް ނުލެވޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ނަމަނަމަ ދަރިއަކަށް މިފަދަ ބަހެއް ނުބުނާށެވެ! ބުނެފިނަމަ ދަރިންގެ ހިތުން ފިލުވައެއް ނުލެވޭނެއެވެ!

5 ކައިވެނިކޮށް 12 ދަރިން ލިބި 5 ދަރިން މަރުވެފައިވާ 65 އަހަރުގެ އަންހެނަކާއި ކުރެވުނު ސުވާލަކެވެ. "ޢުމުރުން މިހައިތަނަށް އައުދެވުނުއިރު އެންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ވަޤުތަކީ ކޮބައިހެއްޔެވެ؟" 

5 ކައިވެނީގެ ތެރެއިން 4 ކައިވެނި ރޫޅިގެން ދިއައިރު ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިވެފައި ވާނެތާއެވެ. 5 ދަރިން މަރުވުމަކީވެސް އާދައިގެ ކަންކަމެއް ނޫންތާއެވެ. ނަމަވެސް މިހުރިހާ ކަންކަމަކާއިއެކު އޭނާގެ ޖަވާބު އެނގޭހެއްޔެވެ؟ 

"އަހަރެންގެ ބައްޕަގެ ސިފައެއް ނުއެނގެއެވެ. އެހައި ކުޑައިރު މަންމަ ވަރިކޮށްލާފައި ހިނގައްޖެއެވެ. އެއިގެ ފަހުން ބައްޕަގެ ޚަބަރެއް ނުވެއެވެ. އަހުރެން ގެންގުޅެ ބޮޑުކުރީ މަންމަ އާއި ދޮން ބައްޕައެވެ. ބައްޕަކިޔަނީވެސް ބައްޕަކަމަށް ދެކެނީވެސް ދޮންބައްޕައެވެ. 

އަހުރެންގެ ޢުމުރުން 15 އަހަރު ފުރެން ކައިރިވެފައި ހުއްޓާ އެއްދުވަހަކު ދޮންބައްޕަގެ މަންމަ، ޢާއިލާގެ ގިނަ ބައެއްގެ ތެރޭގައި ހުރެގެން އަހުރެން ދައްކާފައި ބުންޏެވެ. އަހުރެންނަކީ އެޢާއިލާގެ ކުއްޖެއް ނޫނެވެ.

އަހުރެންނަށް ވަރަށް ބާރަށް ރޯންފެށުނެވެ. މަންމަ އާއި ދޮންބައްޕަ އަހުރެން ހުއްޓުވަން ވަރަށް މަސައްކަތްކުރިއެވެ. ރޮމުންވެސް އަހުރެންނަށް ބުނެވުނީ އެހެންވީއިރު އަހުރެންގެ ޢާއިލާއަކީ ކޮބައިހެއްޔެވެ؟ މާމަ އެހެން އެބުނީ ކީއްވެގެން ހެއްޔެވެ؟ އަހުރެންނަކީ މިޢާއިލާގެ ކުއްޖެއް ނޫންނަމަ އަހުރެންގެ ޢާއިލާ ޢާއި އަހުރެން އަވަހަށް ހަވާލުކުރާށެވެ! މިއަދުވެސް އެކަން ހަނދާންވުމުން އަހުރެންނަށް ރޮވެއެވެ." 

ވިސްނައިލާށެވެ! ދަރިން ދެކެ ރުޅި އައުމުން މިފަދަ ބަސްތައް ކުދިންގެ މައިންބަފައިންވެސް ބުނެއެވެ. ދަރިންގެ ހިތުގައި ޖެހޭނެ މިފަދަ ބަހެއް ނުބުނާށެވެ! އެކުދިންގެ މުޅި ޙަޔާތައް އެކަމުގެ އަސަރުކުރާނެއެވެ. ހަނދާނުން ފުހެލަން މަސައްކަތްކުރިނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. އަދި މާފުކުރުންވެސް ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ.

އަދިވެސް ބުނަންހެއްޔެވެ؟ މިފަދަ ބަސްތައް ބުނާނަމަ އެކުދިން ބޮޑެތިވެ މައިންބަފައިންނަށް އަޅާލައި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ދުވަހު ދަރިންގެ ޢަމަލުތަކުން ނުދައްކަން އުޅުނަސް ދެއްކޭނެއެވެ. އެކަމާއި ދެރަވެ ހިތާމަކުރަން މައިންބަފައިންނަށް ޖެހޭނެއެވެ. ވަރަށް މަދު ޙާލަތެއްގައި މެނުވީއެވެ.

 

--އަލަފް / މިއަދުނޫސް

މިއަދު އޮންލައިން