ދެވިހިފަންވީ ތިމާއަށް ފައިދާކުރާނެ ކަންކަން ކުރުމަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދެވިހިފަންވީ ތިމާއަށް ފައިދާކުރާނެ ކަންކަން ކުރުމަށެވެ!

ބަހުގެ ގޮތުން ބަލައިފިނަމަ ކަމަކަށް "ދެވިހިފުން" މާނަކުރެވެނީ ކޮންމެ ގޮތަކުން ނަމަވެސް އެކަމެއް ކުރަން ބޭނުންވުމަށެވެ. އެކަމެއް ނުކޮށް ނުހެރެވުމަށެވެ. ކަމަކަށް ދެވިހިފައިނަމަ އެކަމެއް ނުކޮށް ހަމަނިދިވެސް ނުލިބެއެވެ.

އެކި މީހުން ދެވި ހިފަނީ އެކި ކަންކަމަށެވެ. ހެޔޮ އަމަލެއް ކުރުމަށް މެނުވީ ދެވި ހިފުމަކީ އަމިއްލަ އަށް ލިބިގަންނަ ވަރަށް ބޮޑު އަނިޔާއެކެވެ. މިހެން ބުނުމުން ހެޔޮ އަމަލެއް ކުރަން ދެވި ހިފުމަކީ ކޮބައިތޯ ސުވާލުކޮށްފާނެވެ. އެހެންކަމުން ބައެއް މިސާލުތައް ފާހަގަކޮށްލާނަމެވެ.

ބަނގީގެ އަޑު އިވުމާއިއެކު ނަމާދު ވަގުތު ކައިރިވުމުން ދަގަތްފާނަށް ދަގަނޑު ދަމާފަދައިން މިސްކިތާއި ދިމާއަށް ދެވޭ ބައަކު އުޅެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ދަމުނަމާދަށާއި ފަތިސް ނަމާދަށް ހޭލާ ބައަކުވެސް އުޅެއެވެ. އެމީހުން ފުރަތަމަ އެ އާދަ ހިފަނީ ވަރަށް މަސައްކަތުންނެވެ. ގަޑި ސޯނާކުރުން ފަދަ ކަންކަން ކޮށްގެންނެވެ. ނަމަވެސް އެއާދަ ހިފުމުން އެމީހުންނަށް އޮޓޮމެޓިކުން ހޭލެވޭނެއެވެ.

ރަވާތިބު ސުންނަތް ނުކޮށް މިސްކިތުން ފައިބަން ބޭނުން ނުވާ މީހުން ތިބޭނެއެވެ. ކޮންމެ ނަމާދަކަށްފަހުގައި ނުވަތަ ދުވާލުގެ ކޮންމެވެސް ވަގުތުކޮޅެއްގައި ކީރިތި ޤުރްއާނުން ކޮންމެވެސް މިންވަރެއް ނުކިޔަވައި ހިތް ހަމަ ނުޖެހޭ މީހުން ތިބޭނެއެވެ. ނިދުމުގެ ކުރިން ކިޔަވަން ޖެހޭ ސޫރަތްތައް ނުކިޔަވައި ނިދި ނުވެސް އަންނަ މީހުން އުޅޭނެއެވެ. އަދި މިނޫންވެސް ބައެއް ހެޔޮ އަމަލުތައް ކުރަން އާދަވެފައި ތިބި މީހުން އުޅޭނެއެވެ.

މިފަދަ ކަންކަން ކުރަން އާދަވުމުން އެ މީހުންނަކީ އެކަންކަން ކުރަން ދެވި ހިފާފައި ތިބޭ މީހުންނެވެ. އަހަރެމެން އެންމެން ވެސް ގަދައަޅައި މަސައްކަތް ކުރަންވީ އެފަދަ އާދައަކަށް ދެވި ހިފޭތޯއެވެ! އެފަދަ ކަންކަމަށް ދެވި ހިފައިފައިވާ މީހަކަށް ވެވިއްޖެ ނަމަ އެމީހާޢަށް ކުރިއަށް އެދެވެނީ އެންމެ ރަނގަޅު ގޮތުގައެވެ. އެފަދަ މީހުން އެވަނީ ސުވަރުގެ ލިބޭނެ ކަމަށް އުންމީދުކުރާ މީހުންގެ ލިސްޓުގައި ލިސްޓް ކުރެވިފައެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން