ދަރިން ލިބުމުން އަނބިމީހާއަށްވުރެ ދަރިން ދެކެ ފިރިމީހާ ލޯބިވުމަކީ އަނބިންނަށް އެންމެ ފައިދާހުރި ގޮތް! ނަމަނަމަ ޝަކުވާ ނުކުރާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދަރިން ލިބުމުން އަނބިމީހާއަށްވުރެ ދަރިން ދެކެ ފިރިމީހާ ލޯބިވުމަކީ އަނބިންނަށް އެންމެ ފައިދާހުރި ގޮތް! ނަމަނަމަ ޝަކުވާ ނުކުރާތި!

ދަރިން ލިބުމުންވެސް ފިރިމީހާ ދަރިންނަށްވުރެ ތިމާދެކެ ލޯބިވާން ބޭނުންވާ އަނބިން ތިބެއެވެ. އަދިއެގޮތަސް އެކަންތައް މެދުވެރިނުވާނަމަ ޝަކުވާވެސް ކުރެއެވެ. ފިރިމީހާ ދެކެ ލޯބިނުވަނީ ކަމަށްވެސް ބުނެއެވެ. 

އަހުރެންގެ ގާތަށް ފަރުވާ (ކައުންސިލިންގ) ހޯދަން އަންނަ އެތައް ސަތޭކަ މިބާވަތުގެ އަނބިންގެ ކިބައިން ލިބުނު މަޢުލޫމާތަށް ބަލައި ބުނަމެވެ. މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. އެކަމުގެ ސަބަބުވެސް ބުނެދޭނަމެވެ. 

މިޘާލަކަށް ދަރިންނަށްވުރެ އަނބިމީހާ ދެކެ ލޯބިވާނަމަ އެއިގެ މާނައަކީ އޭނާއަށް ދަރިންގެ މުހިންމުކަން ކުޑަކަމެވެ. އެހެންކަމަށް ވެއްޖެނަމަ އޭނާ އަނބިމީހާ ދޫކޮށްލައި އެހެން އަންތބަކު ހޯދުމަކީ މައްސަލައަކަށް ނުވާނެއެވެ. 

ނަމަވެސް ދަރިން ދެކެ ބޮޑަށް ލޯބިވާނަމަ ދަރިންގެ މަންމަ އެދަރިންނާއި ވަކިވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. ވަރިއެއް ނުކުރާނެއެވެ. މައްސަލައެއް ޖެހުނަސް ދަރިންނަށްޓަކައި އެމައްސަލައެއް އެހައި ބޮޑުކަމަކަށް ނުހަދާނެއެވެ. ބަލާނީ މައްސަލަ ޙައްލުކޮށްގެން އަނބިމީހާ ގޮވައިގެން އުޅެވޭތޯއެވެ. ވީމާ ދަރިން ދެކެ ލޯބިވާ މީހަކު އަނބިމީހާ ދޫކޮށްލައި ދަރިންނާއި އަނބިމީހާ އާއި ވަކިވާކަށް ބޭނުމެއް ނުވާނެއެވެ. 

ހަމަ އެފަދައިން ދަރިންގެ މަންމަ ކަމަށްވީތީވެސް އަނބިމީހާގެ ހިތުގައި ޖެހޭނެ ފަދަ ކަމެއްވެސް ނުކުރާނެއެވެ. އެއީ އަނބިމީހާ ދެރަކުރީމާ އެކަމުގެ ގެއްލުން ދަރިންނަށް ލިބޭނެތީއެވެ. ދަރިންނަށް އަޅާނުލެވި ފަރުވާކުޑަކުރެވޭނެތީއެވެ. 

ވީމާ ފިރިމީހާ ތިމާއަށްވުރެ ބޮޑަށް ދަރިން ދެކެ ލޯބިވާނަމަ އޮތީ ކަންބޮޑުވެ ޝަކުވާކުރުމެއް ނޫނެވެ. އުފާކުރުމެވެ. އެއީ ދެމީހުން ވަކިނުވެ އެކުގައި އުޅެވޭނެ ކަމުގެ ވަރަށް ބޮޑު ހެއްކެކެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ދިރާސާ ރިޕޯޓެއްގެ ބައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެތީ ޙިއްޞާކޮށްލީއެވެ.

- އަލަފް / މިއަދުނޫސް

 

 

މިއަދު އޮންލައިން