ލުޤްމާން ސޫރަތުގައިވާ ތަރުބަވީ މިސާލުތައް

ކިޔުމަށް ހޭދަވާނީ 5މ 1ސ
ލުޤްމާން ސޫރަތުގައިވާ ތަރުބަވީ މިސާލުތައް

ޢާއިޝަތު ރަފާޙް ޢަލީ

 

ލުޤްމާން ސޫރަތަކީ މައްކީ ސޫރަތެކެވެ. މި ސޫރަތުގައި 34 އާޔަތް ވެއެވެ. މި ސޫރަތް ވަނީ ކީރިތި ޤުރްއާނުގެ 21 ވަނަ ފޮތުގައެެވެ. މި ސޫރަތުގައި ބައެއް ވާހަކަތައް އައިސްފައިވެއެވެ.

އެހެންކަމުން މި ލިޔުމުގައި މިބަޔާން ކޮށްލަނީ ލުޤްމާން ސޫރަތުގައިވާ ތަރުބަވީ މިސާލުތަކެވެ. 

· ޝިރުކު ކުރުމާއި ދުރުހެލިވުން : 

ލުޤްމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ޝިރުކު ކުރުމާއި ދުރުހެލިވުމަށް ވަޞިއްޔަތް ކުރައްވާފައިވެއެވެ. 

ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 13 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴿١٣﴾‏ 

މާނައީ: "އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. (13)"

އެގޮތުން އިބްނު ޢާޝޫރު އެބޭފުޅާގެ ތަފްސީރުގައި ބަޔާން ކުރައްވާފައިވެއެވެ. "ލުޤްމާންގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވަޞިއްޔަތް ކުރައްވަން ފެއްޓެވީ އެންމެ ފުރަތަމަ، ޠާހިރުކަމާއި ފުރިހަމަކަމަށް ނަފްސު ގެންދަން ބޭނުން ކަމުގައިވާނަމަ އެންމެ ފުރަތަމަ ދޫކޮށްލަން ޖެހޭނީ ފަސާދައާއި މަގުފުރެދުމުގެ އުސޫލުތައް ކަމަށެވެ. އަދި މާތްރަސްކަލާނގެއަށް ޝިރުކު ކުރުން ދޫކޮށްލުމަށް އެދިވަޑައިގެންނެވެ. ޢަޤީދާ އިސްލާހުކުރުމަކީ އިސްލާޙީ ޢަމަލުގެ އަސާސެވެ." 

· ﷲ ތަޢާލާ އަށް ޝުކުރުވެރިވުމާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ކިޔަމަންތެރިވުން: 

ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 14 އަދި 15 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ ﴿١٤﴾‏ وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا ۖ وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ۚ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿١٥﴾‏ 

މާނައީ: "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (14) އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް شريك ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންރަސްކަލާނގެ حضرة އަށް ކިޔަމަންވެ، رجوع ވީ މީހުންގެ މަގަށް تبع ވާށެވެ! ދެން ތިޔަބައިމީހުން އެނބުރި رجوع ވުން ވަނީ ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (15)"

މިއަދު އޮންލައިން