ފާފަ ކުރެވޭ ގިނަ ބައަކު ނަމާދުވެސް ކުރެއެވެ. އެހެންވެ އޭނާ ފާފަކުރާކަން އެނގޭ މީހުން އޭނާއަށް ނަފްރަތުކުރެއެވެ. ފާފަކުރަމުން ނަމާދުކުރުމުގެ ބޭނުމެއް ނެތްކަމަށް ބުނެ އޭނާ މާޔޫސްވެސް ކުރުވައެވެ.
އެޢިބާރާތުން ބުނެގެން ނުވާނެއެވެ. ވިސްނައިދޭން ބުނަންވާނީ ފާފަކުރުން ހުއްޓާލަން މަސައްކަތްކުރުމަށެވެ. ކުރާ ނަމާދުގެ ފައިދާ ފުރިހަމަ ގޮތުގައި ލިބެން އޮތީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެގެން ކަމަށެވެ.
އަހުރެން މިހެން މިބުނަނީ ނަމާދުކުރުމަކީ އެމީހަކަށް ތެދުމަގު ދައްކަވާ ކަމެކެވެ. އޭނާކުރާ ނަމާދުގެ ސަބަބުން ތެދުމަގު ލިބިއްޖެނަމަ ފާފަފަކުރުން އޭނާ ހުއްޓައިލާނެއެވެ. ތައުބާވެ ފާފަކުރުން ހުއްޓާލާފައިވާ މީހުން ވަރަށް ގިނައެވެ.
މީހަކު ނަމާދުކުރާނަމަ އޭނާ އެހުރީ ޙައްޤުމަގުގައެވެ. ދެން އޮތީ އޭނާއަށް ކުރެވޭ ފާފައެވެ. އޭނާކުރާ ނަމާދުތަކުގެ ސަބަބުން ކުރިން މިބުނި ފަދައިން އޭނާ ތައުބާވެ ފާފަކުރުން ހުއްޓާލުމަށް މަގުފަހިވެގެންދެއެވެ.
ވީމާ އެއްވެސް ޙާލެއްގައި ނަމާދުކުރުމުގެ ފައިދާއެއް ނެތްކަމަށް ނުބުނާށެވެ! ކިތަންމެ ގިނައިން ފާފަކުރެވޭ މީހަކު ނަމަވެސް ނަމާދު ޤާއިމުކުރާށެވެ! ނަމާދުކުރާނަމަ އޭނާއަށް ތެދުމަގު ދައްކަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން