"ތާޅަފިލީގެ އަޑާއިއެކު އިރާއި ހަނދުގެ އަލިކަން ގެއްލިގެންދާނެއެވެ. ތަރިތައް ނެތިގެންދާނެއެވެ. މުޅި ބިމުގައި އޮންނާނީ ކަޅުކަން ގަދަ އަނދިރިކަމެވެ. މީސްތަކުން ބިރުން ފިލަން ދުވާނެއެވެ. ނަމަވެސް އެ ގަދަ އަނދިރިކަމުގެ ތެރޭގައި ދުވެދާނީ ކޮން ދިމާއަކަށް ހެއްޔެވެ؟ މީހާގެ ވަށާލެވިފައިވާނީ ބިރުވެރިކަމެވެ.
އުޑުތައް ފަތްފަތްޖެހި ނެތިގެންދާނެއެވެ. ބޮޑެތި ބިޔަ ފަރުބަދަތައް ފުނޑުފުނޑުވެ އަޅިތަކެއް ފަދައިން ބުރަބުރައިގެންދާނެއެވެ. އެ އަޅިތައް ވިއްސިވިހާލިވެ ވިލާތަކެއް ފަދައިން މައްޗަށް އަރައިގެންދާނެއެވެ.
އާދަމްގެފާނުން ފެށިގެން ދުނިޔޭގައި ލެއްވެވި އެންމެހައި މީސްތަކުން އެއްތަނަކަށް އެއްކުރެއްވެވޭނެތެވެ. އެއެންމެންގެ ހިސާބު ބެއްލެވޭނެތެވެ! ހަމައެކަކަށްވެސް ހިސާބު ބެއްލެވުމަކުން ސަލާމަތެއް ނުވެވޭނެއެވެ."
މިއީ ހިނގާނެ ކަންކަން ކަމާއިމެދު ކުޑަވެސް ޝައްކެއްނެތެވެ. އެއްވެސް މުސްލިމަކު މިއިން އެއްވެސް ކަމަށް ކުޑަވެސް ޝައްކެއް ނުކުރާނެއެވެ. ނަމަވެސް ހިތާމައަކީ ބިރު ނުގަނެވޭކަމެވެ. ބިރުވެތި ނުވެވޭ ކަމެވެ.
– މުފްތީ މެންކްގެ ދަރުސަކުން