ފުރިހަމަ މުސްލިމަކު، މުސްލިމުން ނުވަތަ މުސްލިމް އުންމަތެއް ބަލި ނުކުރެވޭނެ އެންމެ ބޮޑު އެއް ސަބަބަކީ އެމީހުންނަކީ މަރުވުމުން އެއީ ނިމުން ކަމަށް ޤަބޫލުކުރާ ބައަކަށްވާތީއެވެ. އެފަދަ މީހުން މަރުވެދާނެތީ ބިރެއް ނުގަންނާނެއެވެ.
ހަމައެފަދައިން މަރުވެއްޖެނަމަ އެއީ އެމީހާގެ ނިމުން ކަމަށް ޤަބޫލުކުރާ މީހުން އަބަދުވެސް ތިބޭނީ މަރަށް ބިރުންނެވެ. މަރުވެދާނެތީ ބިރުން އެކަމުން ސަލާމަތްވާން ނުކުރާނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާއަށް ބޮންތައް އޮއްސަމުން ގެންދާތާ މަސްދުވަސްވާން ކައިރިވެފައިވާއިރުވެސް އެމީހުންގެ ހިތްވަރު އެލިގެން ނުދަނީ އެސަބަބަށްޓަކައެވެ. އެމީހުންގެ ކުރިމަތީގައި އެމީހުން މަރުވަނީއެއް ނޫނެވެ. ޝަހީދުވަނީއެވެ. އެމީހުން ޝަހީދުވުމުން އެމީހުންނަށް ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
މިއަދު އެކަމުގެ ވާހަކަތައް ދައްކަން ދުނިޔެ ލަދުގަތް ނަމަވެސް ޣައްޒާއަށް ޙަމަލާތައް ދޭންފެށިފަހުން، ބޮންތައް އޮއްސަން ފެށިފަހުން އެތައް ބައަކު ވަނީ އިސްލާމްވެފައެވެ. ކުރިން މުސްލިމުންނަށް ނަފްރަތުކުރަމުން އައި އެތައް މިލިއަން ބައެއްގެ ލޯބި މުސްލިމުންނަށް ލިބިފައިވާކަން ޣައިރު މުސްލިމް ޤައުމުތަކުގައި ފަލަސްޠީނަށް ތާއީދުކޮށް ބާއްވަމުން އަންނަ އެއްވުންތަކުން ވަނީ ފެނިގެން ގޮސްފައެވެ.
މުސްލިމުން މުސްލިމުންގެ ގޮތުގައި ތިއްބައި ބަލިކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ދުނިޔަވީ ގޮތުން ފަހަރެއްގައި މީސްތަކުންގެ ލޯމައްޗަށް ބަލިވެއްޖެކަމަށް ފެނުނަސް އެއީ ޙަޤީޤީ ބަލިވުމެއް ނޫނެވެ. ވިދިގެން ކުރިއަރައިދާ މިންވަރު ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ