ދެމީހަކު ލޯބިވެއްޖެނަމަ އަވަހަށް ކައިވެނިކުރާށެވެ! ކައިވެނީގެ އެންމެ ބޮޑު ބޭނުމަކީ ދުނިޔޭގައި އުފާވެރިކަން ލިބުން ކަމުގައި ނުދެކޭށެވެ. އެއިގެ ބަދަލުގައި ދެމީހުން އެކުގައި ސުވަރުގެ ވަނުމަށް މަސައްކަތްކުރާށެވެ! ދެމީހުން އެކުގައި ސުވަރުގެ ލިބިގަތުމަށް މަސައްކަތްކުރާނަމަ އިތުރަށް ބޭނުންވާ ހުރިހާ އުފާވެރިކަމެއް ދެއްވަވާނެތެވެ! އިން ޝާ ﷲ
ދެމީހަކު ލޯބިވެއްޖެނަމަ ކައިވެނިކުރުން ފަސްކުރަން ޝައިޠޯނާ ވަސްވާސްދޭނެއެވެ. އެއީ ދެމީޙުން ލައްވައި ފާފަތައް ކުރުވައި ކައިވެނީގެ ބަރަކާތް ކަނޑުވާލަން ބޭނުންވާތީއެވެ. ދިރިއުޅުމުގައި އުފާވެރިކަން ލިބުމަށް ހުރަސްއަޅާށެވެ. ކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ނުލައްވަވައިފިނަމަ ދެމީހުންގެ މެދުގައި އަވަހަށް މައްސަލަ ޖެހި ދެމީހުން ވަރިވާނެތީއެވެ.
ގިނަ ކައިވެނިތައް ދާދި އަވަހަށް ރޫޅެން މެދުވެރިވާ ސަބަބަކީ އެއީއެވެ. ވަރި ގިނަވާ ސަބަބަކީ އެއީއެވެ.
ގޮތްބަލަންވެސް އެކަކު އަނެކަކު ދެކެ ލޯބިވަނީ ﷲ ތަޢާލާއަށްޓަކައި ކަމުގައި ނިކަން ހަދައިބަލާށެވެ! ކައިވެނީގެ އެންމެ ބޮޑު މަޤްޞަދަކީ ސުވަރުގެ ދިއުން ކަމުގައި ހަދައި ދެމީހުން އެކުގައި ނިކަން އެކަމަށް މަސައްކަތްކޮށްބަލާށެވެ! ދެމީހުން އެކުގައި ނިކަން ދަމުނަމާދުކޮށް ދުޢާކޮށްބަލާށެވެ! އަތްމަތި ދަތިނަމަވެސް އުފާވެރިކަމުގައި ދިރިއުޅެވޭނެއެވެ! އިން ޝާ ﷲ
އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ! އިންސާނުން ކަމުގައިވީތީ ދެމީހުންނަށްވެސް އަނެކާ ނުރުރުހޭނެ ކަންކަންވެސް ކުރެވޭނެއެވެ. އެކަން އެއީ އެހައިބޮޑު މައްސަލައަކަށް ނުހަދައި މާފުކުރުން އިސްކުރާށެވެ! ނޫންނަމަ އެއީ ކިތަންމެ ކުޑަކުޑަ ކަމެއް ނަމަވެސް ދެމެދަށް ޝައިޠޯނާ ވަދެގަނެ އެއީ މާބޮޑުކަމެއް ކަމަށް ހަދާނެއެވެ. އެފުރުޞަތު ޝައިޠޯނާއަށް ނުލިބޭނީ މާފުކުރުން އަވަސްކޮށް އެކަކު އަނެކަކަށް ހިތްހެޔޮކުރުމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން