ފުރައްސާރަކުރުން ފަދަ ކަމަކުން ނަމަވެސް މީހެއްގެ ހިތުގަ ޖައްސުވައިފިނަމަ އެކަން އެނބުރި ތިބާއަށް އަންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ފުރައްސާރަކުރުން ފަދަ ކަމަކުން ނަމަވެސް މީހެއްގެ ހިތުގަ ޖައްސުވައިފިނަމަ އެކަން އެނބުރި ތިބާއަށް އަންނާނެ!: މުފްތީ މެންކް

ފުރައްސާރަ ކުރުމުން ކަމުގައިވީނަމަވެސް މީހެއްގެ ހިތުގައި ނުޖައްސާށެވެ! އެއްވެސް މީހެއްގެ ހިތުގައި ޖެހިދާނެ ފަދަ ބަހެއްވެސް ނުބުނާށެވެ! އެއީ އޭނާގެ ގައަށް ބަޑިޖެހުމަށްވުރެ މާބޮޑުކަމެއް ކަމުގައި ދެކޭނެ މީހުން ވަރަށް ގިނަވާނެއެވެ.

ބުނަން ހެއްޔެވެ؟ ތިބާ ބޭނުންވާ ކަންކަން ޙާޞިލް ނުކުރެވިގެން ތިއައުޅޭ، ނުވަތަ ހިތްހަމަޖެހުމެއް، އުފާވެރިކަމެއް ނުލިބިގެން ތިއައުޅޭ ސަބަބަކީ އޭނާގެ ހިތުގައި ޖެއްސުވުމުން އޭނާ ﷲ ތަޢާލާއަށް ކުރި ދުޢާ ކަމުގައިވެދާނެއެވެ.  

ދިރިއުޅެމުންދާއިރު އަތްމަތި ދަތިވީނަމަވެސް އަދި އެހެން ގޮތަކުން ހިތްދަތިކަމެއް ލިބުނު ނަމަވެސް ފުރަތަމަ ވިސްނައިލާންވީ ކަމަކީ ތިމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވޭ ކަމާއިމެދުގައެވެ. ދެން ވިސްނައިލަންވީ އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރެވިފައިވޭތޯއެވެ. ބުނި ބަހަކުން ނަމަވެސްމެއެވެ.  

އަވަހަށް ގޮސް އެމީހެއްގެ ކިބައިން މާފަށް އެދި ހިތްޙަލާލުހޯދާށެވެ! އިން ޝާ ﷲ އެމީހަކަށް އެމީހާ ބޭނުންވާ ކަންކަން ހިންމަވައި ދެއްވަވާނެތެވެ! 

ހިތާމައަކީ މިބުނި ފަދަ ޙާލަތު ކުރިމަތިވުމުން ތިމާއަށް ކުރެވިފައިވާ ކުށްތަކަށް ނުވިސްނައި އެހެން މީހުން ކުށްވެރިކުރެވޭތީއެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހޭއިރަށް އެކުވެރިންނާއި ޅިޔަން ފަހަރިން ކުށްވެރިކުރެވޭތީއެވެ. އެމީހުންގެ ކިބައިންވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ނަމަވެސް ތިބާ ހުރީ ޙައްޤު ގޮތުގައިނަމަ ﷲ ތަޢާލާ އެކަމެއް ތިބާއަށްޓަކައި ޙައްލުކޮށްދެއްވަވާނެތެވެ.  

ނަމަވެސް އެއީ ތިބާއަށް ކުރެވިފައިވާ ކުރިން ބުނި ފަދަ ކުށަކުންނަމަ އެކަމުގެ ޙައްލު ލިބުމުން އަވަސްވާނީ ތިބާއަށް ކުރެވުނު ކުށަށް މާފަށް އެދި ހިތްޙަލާލް ހޯދުމުންނެވެ! 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން