ރަންގޮނޑީގަ އިނދެގެން ޖެޓްތަކުގަ އަބަދު ޖައްވުގަ އުދުހުނަސް އެއީ ﷲ ތަޢާލާ މަތިވެރިކުރެއްވެވި މީހަކަށް ނުވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ރަންގޮނޑީގަ އިނދެގެން ޖެޓްތަކުގަ އަބަދު ޖައްވުގަ އުދުހުނަސް އެއީ ﷲ ތަޢާލާ މަތިވެރިކުރެއްވެވި މީހަކަށް ނުވެދާނެ!

މުޢްޖިޒާތްތައް ﷲ ތަޢާލާ ދެއްވަވަނީ ރަސޫލް ބޭކަލުންނަށެވެ. މާތް މުސްލިމުންނަށް ކަރާމާތްތެރިކަން ދެއްވަވަތެވެ. އަދި އާދައާއި ޚިލާފް ބައެއް ބާރުތައް ކާފަރުންނަށްވެސް ދެއްވަވަތެވެ.

އާދައާއި ޚިލާފް ބައެއް ބާރުތައް ކާފަރުންނަށް ދެއްވަވަނީ އެމީހުންގެ މާތްކަމަކުން ނޫނެވެ. އެމީހުންނާއި ކުރައްވަވާނެ ސުވާލުތައް ވަރުގަދަ ކުރެއްވެވުމަށްޓަކައެވެ. އެފަދަ ބާރުތައް ދެއްވެވުމުންވެސް އަމަލުކުރި ގޮތާއިމެދުގައެވެ. ވީމާ އާދައާއި ޚިލާފް ބާރެއް ލިބިފައިވާ ކޮންމެ މީހަކީ މާތް މީހެއް ކަމަށް ބެލުމެއް ނެތެވެ.

ބައެއް މީހުންނަށް މީސްތަކުންގެ ތާއީދުވެސް ދެއްވަވަތެވެ. އެއީ އެމީހަކާއި ހަވާލުކުރައްވަވާ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. އެވަރުގެ ބޮޑު ނިޢްމަތެއް ދެއްވެވުމުން އެ ނިޢްމަތުގެ ބޭނުން ހިފައި މީސްތަކުން ﷲ ތަޢާލާގެ މަގަށް ގެނައުމަށް ކުރި މަސައްކަތަކާއިމެދު ކުރައްވަވާނެ ސުވާލަކީ ވަރަށް ވަރުގަދަ ސުވާލެކެވެ.

ޝައިޚް އަހްމަދު އައްރިފާޢީ ވިދާޅުވެފައިވެއެވެ. "މީހަކު ފިޔަޖަހައި ޖައްވުގައި އުދުހޭތަން ފެނުނު ނަމަވެސް، ކަނޑުގެ ލޮނުގަނޑުމަތީގައި ހިނގާތަން ފެނުނު ނަމަވެސް އޭނާއަކީ އެއްވެސް މަތިވެރިކަމެއް ލިބިފައިވާ މީހަކު ކަމަށް ބަލަން ޖެހޭނީ އެމީހާ، ﷲ ތައާލާ ޙަރާމް ކުރެއްވެވި ކަންތައްތަކާއި އަދި ކުރަން އަމުރުފުޅު ކުރައްވަވާފައިވާ ކަންތައްތަކާއިމެދު ޢަމަލުކުރާ ގޮތް ރަނގަޅަށް ބެލުމަށް ފަހުގައެވެ.

މި ބަސްފުޅުގެ މާނައަކީ މީހާގެ ހުރިހާ މަތިވެރިކަމެއް ގުޅިފައިވަނީ އެމީހަކު ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާ މިންވަރެއްގެ މައްޗަށް ކަމެވެ. އެކަމުގައި ހިމެނެނީ ދެބައެކެވެ. އެއީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެންމެހައި ކަންކަމާއި ދުރުހެލިވުމާއި ފަރުޟު ކުރެއްވެވި ކަންކަން ފުރިހަމައަށް އަދާކުރުމެވެ. އެއަށްފަހު އޮތީ ﷲ ތަޢާލާ އާއި ކުއްތަންވުމަށް އެމީހަކު އިތުރަށް ކުރާ ކަންކަމެވެ. މާނައަކީ ސުންނަތް އަޅުކަން ކުރާ މިންވަރެވެ.

މާނައަކީ މީހަކީ މާތް، މަތިވެރި މީހެއް ކަމަށް ބަލައި ގަންނަން ޖެހޭނެ މިންގަޑަކީ އެމީހަކު އިސްލާމީ ޝަރީޢާއަށް ޢަމަލުކުރާ މިންވަރުކަމެވެ. އިސްލާމީ ޝަރީޢާ އަށް އަމަލު ނުކުރާ މީހެއްގެ ކިބައިގައި އެއްވެސް މާތްކަމެއްވެސް އަދި މަތިވެރިކަމެއްވެސް ނެތެވެ.

--ޝައިޚް މުޙައްމަދު އަލް ޔަޢްޤޫބީގެ ދަރުސަކުން

މިއަދު އޮންލައިން