ކަމެއް ދިމާވުމުން ޔަޤީންނުވާ ހާލު އެހެން މީހުންނަށް އިނގިލި ދިއްކޮށް ބަހެއް ނުބުނެ ހިތުގައިލުމަކީވެސް ކުރެވޭ ފާފައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ކަމެއް ދިމާވުމުން ޔަޤީންނުވާ ހާލު އެހެން މީހުންނަށް އިނގިލި ދިއްކޮށް ބަހެއް ނުބުނެ ހިތުގައިލުމަކީވެސް ކުރެވޭ ފާފައެކެވެ!

ދިރިއުޅުމުގައި ކަންކަން ކުރިމަތިވުމުން ޖެހޭ އެންމެ ބޮޑު އެއް މައްސަލައަކީ އެމައްސަލައެއް ޖެހުނު ސަބަބު، ނުވަތަ އެކަމެއް ކުރިމަތިވި ސަބަބު އަހުރެމެންނަށް އެނގޭކަމަށް ޤަބޫލުކުރެވޭކަމެވެ. ކޮންމެވެސް މީހަކާއި ދިމާއަށް އިނގިލި ދިއްކުރެވޭކަމެވެ. އެއީ މިވެނި އެވެނި މީހެއްގެ ސަބަބުން މެދުވެރިވި ކަމެއްކަމަށް ޤަބޫލުކުރެވޭ ކަމެވެ. 

ބުނަން ހެއްޔެވެ؟ ކުރިމަތިވާ ކޮންމެ ކަމެއްވެސް ކުރިމަތިވާނީ ﷲ ތަޢާލާގެ ޙަޟްރަތުންކަމަށް އެބަ ޤަބޫލުކުރަމުއެވެ. އެކަންކަން ކުރިމަތިކުރައްވަވަނީ އަހުރެމެން އިމްތިޙާން ކުރެއްވެވުމަށް ކަމަށްވެސް އެބަ ޤަބޫލުކުރަމުއެވެ. 

އައްޔޫބްގެފާނަށް ޖެހިވަޑައިގަތީ ބޮޑު އާލާސްކަންފުޅެއްގައި އެތައް އަހަރެއް ވަންދެން އުޅުއްވެވުމަށެވެ. ޔޫނުސްގެފާނަށް ޖެހިވަޑައިގެންނެވީ މަހެއްގެ ބަނޑުގައި އޮންނެވުމަށެވެ. ޔޫސުފްގެފާނަށް ޖަލެއްގައި އޮންނަވަން ޖެހިވަދައިގަތެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ހުރިހާ ބާވަތެއްގެ ތަކްލީފްތައް އެންމެ ބޮޑަށް ޖެހިވަދައިގެންނެވި އިންސާނާއެވެ.   

ދެން ނިކަން ބުނެބަލާށެވެ! އަހުރެމެންނަށް ކުރިމަތިކުރައްވަވާ އެއްވެސް އިމްތިޙާނަކީ މި ބަޔާންކުރެވުނު އިމްތިޙާނުތަކާއި އަޅާބަލައިފިނަމަ ކޮންފަދަ ކުދިކުދި ކަންކަން ހެއްޔެވެ؟ ޤަބޫލުކުރާށެވެ! ﷲ ތަޢާލާ އިމްތިޙާނުތައް ކުރިމަތިކުރައްވަވާނީ ވަކިކަމަކާއި ގުޅިގެން އެކަންޏެއް ނޫނެވެ. ކިތަންމެ ރަނގަޅަށް އުޅެމުން އަންނަ މީހަކަށްވެސް ކިތަންމެ ބޮޑު އިމްތިޙާނެއްވެސް ކުރިމަތިކުރައްވަވައިފާނެއެވެ. އަދި ކުރިމަތިކުރައްވަވާނެކަންވެސް ވަޙީބަސްފުޅުން އެނގެން އެބައޮތެވެ. 

އެހެނަސް އެއްވެސް ތަކްލީފެއް ކުރިމަތިވެއްޖެނަމަ ތިމާއަށް ކުރެވެނީ ނުވަތަ ކުރެވިފައިވަނީ ކޮން ކުށެއް ކަމާއިމެދު ވިސްނައިލުމަކީ ކުރަންޖެހޭނެ ކަމެކެވެ. އެއީ އިޞްލާޙްކުރަންޖެހޭ ކަމެއް ނަމަ އިޞްލާޙްކުރަންވާނެއެވެ. ތައުބާވާންޖެހޭ ކަމެއް ނަމަ ތައުބާވާންވެސް ޖެހޭނެއެވެ. މީހެއްގެ ޙައްޤަކާއި ގުޅުންހުރިކަމެއް ނަމަ ޙައްޤު އަދާކޮށް މާފަށްވެސް އެދެންޖެހޭނެއެވެ. 

ވީމާ ދިމާވާ ކަންކަމާއި ގުޅިގެން އެހެން މީހުންނާ ދިމާއަށް އިނގިލި ދިއްކުރަން އަވަސްވެނުގަންނާށެވެ! ޔަޤީން ނުވާ ޙާލު އެފަދަ ކަމެއްގެ ވާހަކަ ދުލުން ނުބުނެ ހިތުގައިލުމަކީވެސް ކުރެވޭ ފާފައެކެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން