ޢިބްރަތްތެރި ވާހަކަ: ކައިވެނީގެ ކުރިން "މެޗްވޭތޯ" ބަލާލަން ބޭނުންވި ފިރިހެނަކަށް، ސްމާޓް، ތަޤްވާވެރި އަންހެނަކު ދިން ޖަވާބު- އަގުހުރި ޖަވާހިރަކަށްވުރެ މާއަގުބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޢިބްރަތްތެރި ވާހަކަ: ކައިވެނީގެ ކުރިން "މެޗްވޭތޯ" ބަލާލަން ބޭނުންވި ފިރިހެނަކަށް، ސްމާޓް، ތަޤްވާވެރި އަންހެނަކު ދިން ޖަވާބު- އަގުހުރި ޖަވާހިރަކަށްވުރެ މާއަގުބޮޑު!

އެކަކު އަނެކަކަށް އެނގޭ ދެމީހުންނެވެ. ދެމީހުންވެސް ތިބީ ކައިވެނި ނުކޮށެވެ. ފިރިހެން މީހާއަކީ އޮފީހެއްގައި ވަޒީފާ އަދާކުރާ މީހެކެވެ. މީހުންގެ ކުރިމަތީގައި ވަރަށް ރަނގަޅު މީހެއްކަމަށް ދައްކައިގެން އުޅޭ މީހެކެވެ. 

ފިރިހެން މީހާ ގުޅާފައި އަންހެން މީހާގެ ގާތުގައި އެދުނީ ކައިވެނިކުރަން ރުހުމަށެވެ. އަންހެން މީހާ އެކަމަށް ރުހުނެވެ. 

ދެން ފިރިހެން މީހާ ހުށަހެޅީ އެއް ރޭ އޭނާއާއިއެކު ރޭކުރުމަށެވެ. ނުވތަ އެއްދާން ކުރުމަށެވެ. އެއީ ކީއްކުރަންތޯ އަންހެން މީހާ ސުވާލުކުރުމުން ފިރިހެންމީހާ ބުނީ އެއީ ހުރިހާ ކަންކަން "މެޗްވޭތޯ" ބަލައިލަން ކަމަށެވެ. 

އެހިސާބުން އަންހެން މީހާ ސުވާލެއް ކުރިއެވެ. "މެޗް ނުވެއްޖިއްޔާ" ވާނީ ކިހިނެއް ހެއްޔެވެ؟ ފިރިހެން މީހާގެ ޖަވާބަކަށްވީ "މެޗްވާނެކަން" ޔަޤީނެވެ. 

އެހިސާބުން އަންހެން މީހާ އިތުރު ސުވާލެއް ކުރިއެވެ. "މެޗްވާނެކަން" ޔަޤީންވާއިރު ފާފަކޮށް ކައިވެނީގެ ބަރަކާތް ކަނޑާލަން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ލަނޑެއްދޭން ނޫނީ ކީއްކުރަން ހެއްޔެވެ؟ 

އަދިވެސް ބުންޏެވެ. "ވަރަށް ރަނގަޅު މީހަކަށް ހެދިގެން އެކުވެރިއަކަށް ތިއައުޅުނީ އަހުރެންގެ ޢިއްފަތްތެރިކަން ނަގާލައި ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ އަޅުންގެ ތެރޭގައި ހިމެނުނަ ނުދޭންތާއެވެ! ޢުމުރަށް ވައްސަލާމް!" 

އެހިސާބުން އަންހެން މީހާ އެފިރިހެންމީހާ އާއި ދުވަހަކުވެސް ވާހަކަ ނުދައްކަން ނިންމައި ނަންބަރުވެސް ބްލޮކްކޮށްލީއެވެ. 

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާކުރި، އޭނާ އާއި ކުރިމަތިވި ކަމެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މިބާވަތުގެ މަކަރުވެރިން ވަރަށް ގިނަކަން އެންމެންނަށްވެސް އެނގެއެވެ. ޢިއްފަތްތެރިކަން ފޭރިގަންނަން ހީލަތްތެރި ގޮތްގޮތަށް މަސައްކަތްކުރާ މީހުންގެ ކިބައިން ސަލާމަތްވެވޭނީ އެމީހުންނަށްވުރެ އަންހެނުން ހޭލުންތެރިވެގެންނެވެ. 

ކިޔުންތެރިޔާ މިހާރު ވަނީ ކައިވެނިކޮށްފައެވެ. ދަރިއަކުވެސް ލިބިފައެވެ. އޭނާ ބުނީ އޭނާގެ ފިރިމީހާއަކީ ތަޤްވާވެރި މެދުމިނުގެ ތަނަވަސްކަންހުރި މީހެއް ކަމަށާއި ގެންގުޅެނީވެސް ވަރަށް ލޯބިން ކަމަށެވެ. އެހެންކަމުން އެނގިގެން މިދަނީ ޢިއްފަތްތެރިކަން ނަގާނުލައި ރައްކައުތެރިކުރުމުން ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ ކަމެވެ. އިން ޝާ ﷲ

މިއަދު އޮންލައިން