މީހަކަށް ހިތް ހަދިޔާކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލަންޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
މީހަކަށް ހިތް ހަދިޔާކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލަންޖެހޭނެ!: މުފްތީ މެންކް

ކޮންމެ ކަމެއް ކުރުމުގައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންކަން ކުރުމުން ނޫނީ ފައިދާއެއް ނުކުރާނެއެވެ. ލިބޭނީ ގެއްލުމެވެ. ކައިވެނިނުކޮށް އަންހެނުންނާއި ފިރިހެނުން އެކަހެރި ނުވަން ދީނުގައި އޮތީ އެސަބަބަށްޓަކައެވެ. ވީމާ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރެވޭނަމަ ދިމާވާ މައްސަލަތައް މަދުވާނެއެވެ. އަދި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކޮންމެ ކަމެއްވެސް ކުރުމުން އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ

ވިސްނާށެވެ! ދިރިއުޅުމުގެ ކަންކަން މިހާރު ހަމަޖެހިފައިވާ ގޮތުން މަސައްކަތުގެ މާހައުލުންނާއި ޔުނިވަރސިޓީން ވެސް އަދި އެހެން ތަންތަނުންވެސް ތިމާ ހިތް އެދޭފަދަ މީހުންނާ ބައްދަލުވާނެއެވެ. އެއީ ނުވެ ނުދާނެ ކަމެކެވެ.

އެފަދަ މީހަކާއި ބައްދަލުވެއްޖެނަމަ ރެސްޓޯރަންޓަކުން، ޕާކަކުން، ބީޗަކުން ނުވަތަ އެނޫންވެސް އެދަފަ ތަނަކުން ބައްދަލުވެ ގުޅުންތައް ނުފަށާށެވެ. އެއިގެ ބަދަލުގައި ފުރަތަމަ ވެސް އެމީހަކު ރަނގަޅަށް ދެނެގަންނާށެވެ. ތިބާގެ ޢާއިލާގެ މީހުންނާއިއެކު އޭނާގެ ގެއަށްދާށެވެ. ދެފަރާތުގެ ޢާއިލާގެ މީހުން ތިބެގެން ވާހަކަ ދައްކަައި ކަންކަން ދެނެގަންނާށެވެ.

 

އިންސާނާގެ އެންމެ އަގު ބޮޑު ގުނަވަނަކީ ހިތާއި ވިސްނުމެވެ. ވީމާ ހިތާއި ވިސްނުން ކޮންމެ މީހަކަށް ނަމަވެސް ހަދިޔާކުރަންޖެހޭނީ ބަލަންޖެހޭ ވަރަށް ކަންކަން ބެލުމަށްފަހުގައެވެ. އެކަން ނުކޮށް ހިތާއި ވިސްނުން ހަދިޔާކޮށްފިނަމަ އެކަމުގެ ހިތާމަކުރަންޖެހުން ގާތްވާނެއެވެ. ސަބަބަކީ އެއީ ހަދިޔާކުރެވިއްޖެ ނަމަ އަނބުރާ އަތުލުން ފަސޭހަ އެއްޗަކަށްނުވާތީއެވެ.

ސިއްރުން އެކަހެރި ބައްދަލުވުންތައް ބޭއްވުމުން ލިބޭ އެންމެ ބޮޑު އެއް ގެއްލުމަކީ ވާހަކަދައްކަމުން ގޮސް ޙަޔާތުގެ ހުރިހާ ސިއްރުތައްވެސް ކިޔައިދެވެނީއެވެ. ބޭޒާރުވެވެނީއެވެ. އެގޮތުން ބުނެވުނު ވާހަކަތަކުގެ ސަބަބުން އަޅުވެތިވާންޖެހުންވެސް މަދެއް ނޫނެވެ.

މީހަކު ފެންނައިރަށ އެމީހަކަށް ތިމާގެ ޙަޔާތުގެ ހުރިހާ ކަންކަން ކިޔައިދިނުމެއް ނެތެވެ. ކައިވެންޏަށް ފަހުގައިވެސް ކިޔައިދޭންޖެހޭނީ ކިޔައިދޭންޖެހޭ ކަންކަމެވެ. މުޅި މާޒީއެއް ނޫނެވެ. މުޅި މާޒީ ކިޔައިދީފިނަމަ އެކަމުގެ ސަބަބުން ލިބޭ ގެއްލުން މާބޮޑުވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން