މުސްލިމުންނަށް ޘަވާބު ހޯދެން އޮތީ ހަމަ އެކަނި މިސްކިތުގައި ނުވަތަ ގޭގައި ކުރާ އަޅުކަމަކުން ނޫނެވެ. ދީނުގައި އޮތް މަގުން ދިރިއުޅުމަކީވެސް ޘަވާބު ހޯދެން އޮތް އެންމެ ފަށޭހަ އެއް މަގެވެ.
ކައިވެނިކުރުމަކުން އެއްވެސް މީހަކީ އަނެކާގެ މިލްކަކަށްނުވެއެވެ. އަދި އަޅަކަށްވެސް ނުވެއެވެ. ދެމީހުންނަކީވެސް އެކުގައި ތިބި ދެ މިނިވަނުންނެވެ. އެކަން ދެމީހުންވެސް ޤަބޫލުކުރަންވާނެއެވެ. މާނައަކީ ދެމީހުންނަށްވެސް އަނެކާގެ މައްޗަށް ޙައްޤުތައް ލިބިގެންވަނީ އިމެއްގެ ތެރެއިންނެވެ. އެއިންތައް ކަނޑައަޅުއްވަވާފައިވަނީ ﷲ ތަޢާލާއެވެ.
ކޮންމެ މީހަކަށްވެސް އަނެކާ ނުރުހޭ ކަންކަން ކުރެވޭނެއެވެ. ކޮށްދޭންޖެހޭ ކަންކަން ނުކޮށްދެވި ލަސްވެސްވެދާނެއެވެ. އެފަދަ ކޮންމެ ކަމަކާއި ގުޅިގެން ރުޅި އައިސް އެއްޗެތި ނުގޮވާށެވެ. ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ! ލޯތްބާއި ހަމްދަރުދި އާއިއެކު ވާހަކަދައްކާށެވެ.
ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ފިރިމީހާއަކީ މަސައްކަތުން އެނބުރި ގެއަށް އަންނައިރު ގޭތެރޭގެ ކަންކަން ވަރަށް ރަނގަޅަށް އިންތިޒާމްވެފައި ހުންނަން ބޭނުންވާ މީހަކަށްވެދާނެއެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވި ހުރެދާނެއެވެ. ދަރިންބަލަމުން ގޭތެރޭގެ ކަންކަން އެންމެ ރަނގަޅަށް ނުކުރެވިދާނެތީއެވެ.
އެޙާލަތުގައި އަނބިމީހާއަށް އެއްޗެތިނުގޮވައި ކަންކަން ރަނގަޅަސް އިންތިޒާމުކޮށްލަން މަސައްކަތްކުރާށެވެ! ސިންކުގައި ތަށި ނުދޮވެވި ހުރިނަމަ ރުޅިއަންނަންވީއެއް ނޫނެވެ. އަމިއްލައަށް ކޮށްލާށެވެ. ނޫންނަމަ ދަރިންގެ ކަންކަމާއި ޙަވާލުވެފަ މަސައްކަތްކުރަން އަނބިމީހާއަށް ފުރުޞަތު ފަހިކޮށްދޭށެވެ.
މިވާހަކަ ދައްކަން މިޖެހެނީ މިބުނި ގޮތަށް ކަންކަން ނުކޮށް ރުޅި އާދެވި ބަސްބުނަމުން ގެންދިއުމުން އެކަންކަމަށް ކެތްނުކުރެވިގެން ގެއިން ނުކުންނަންޖެހޭ އަނބިން މަދެއް ނޫނެވެ.
ހަމައެގޮތަށް ފިރިމީހާ ކޮށްދޭންޖެހޭ ކަމެއް ކޮށްނުދެވި ލަސްވާނަމަވެސް ރުޅި އިސްނުކުރާށެވެ. ހަނދާންކޮށްލައިދޭށެވެ. ރުޅި އައިސް ބޮޑާހާކައި ކުނިމޫނު ދައްކަންޖެހޭނީ ޤަޞްދުގައި ފަރުވާކުޑަކުރަނީކަން ޔަޤީންކުރުމަށްފަހުގައެވެ.
ގޭތެރޭގެ މަސައްކަތް ފިރިހެނުން ކުރުމަކީ ހަމައެކަނި އިޖުތިމާޢީ ކަމެއްވެސް ނޫނެވެ. އެއީ މަތިވެރި ސުންނަތެކެވެ. އެކަންކުރުމުން ﷲ ތަޢާލާ ޘަވާބު ދެއްވަވާނެތެވެ. ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން