ތިބާއަށް ތިއަހުރެވެނީ އިސްލާމް ދީނުގަ ހެއްޔެވެ؟ ޗެކްކޮށްލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިބާއަށް ތިއަހުރެވެނީ އިސްލާމް ދީނުގަ ހެއްޔެވެ؟ ޗެކްކޮށްލަބަލަ!

މުސްލިމުން އިސްލާމް ދީނުގައި ތިބެން ބޭނުންވަނީ އިސްލާމް ދީނަކީ ޙައްޤު ދީންކަން އެނގޭތީއެވެ. ނަރަކައަށް ވަންނަން ބޭނުންނުވާތީއެވެ. ސުވަރުގެ ވައްދަވާނީ މުސްލިމުންކަމުގައި ވެގެންކަން އެނގޭތީއެވެ. ﷲ ތަޢާލާއަށް ޝަރީކުނުކުރަނީވެސް ހަމަ މިސަބަބުތަކަށްޓަކައެވެ. 

އެހެންކަމާއިއެކުވެސް އިސްލާމް ދީނަށް ޢަމަލުނުކުރާނަމަ އިސްލާމްދީނުގައި ހުރެވޭނީ ކިހިނެއްހެއްޔެވެ؟ އިސްލާމް ދީނުގައި ހުރުމަށް އޮޓޮމެޓިކް ސްވިޗެއް ވެއެވެ. އެސްވިޗަކީ ނަމާދު ޤާއިމްކުރުމެވެ. ނަމާދު ޤާއިމް ނުކުރާ މީހަކަށް އެހުރެވެނީ އިސްލާމް ދީނަކު ނޫނެވެ. އަޅާ އާއި ކާފިރުކަމާއި ދެމެދުގައި ވަނީ ނަމާދު އެޅުން ކަމަށް އޮތުމުންނެވެ. 

ނަމާދުނުކޮށް ހުރެފައި އަލުން ނަމާދުކުރަން ފަށަން ބޭނުންވާނަމަ އެމީހަކަށް އަލުން އިސްލާމްވާންޖެހެނީ އެސަބަބަށްޓަކައެވެ. ނަމާދުނުކޮށް ހުރި ދުވަސްތަކުގައި ހިފި ރޯދަތަކުން ކުރާނެ ފައިދާއެއް ނެތެވެ. އަދި ނުހިފައި ހުރި ރޯދަތައް ޤަޟާކުރާކަށްވެސް ނުޖެހެއެވެ. 

ވީމާ ތިމާއަކީ މުސްލިމެކެވެ! ތިމާ މިހުރީ އިސްލާމް ދީނުގައެވެ! ބުނެލުމަކުން ތިމާއަކީ މުސްލިމަކަށް ނުވާނެއެވެ. އިސްލާމް ދީނުގައި ދެމިހުންނަން ބޭނުންވާނަމަ ނަމާދު ޤާއިމްކުރަން ޖެހެއެވެ. ނަމާދު ޤާއިމްކުރުމަކީ ފަރުޟް 5 ނަމާދަށް ރައްކައުތެރިވުމެވެ. 

ޢަދަދުގެ ގޮތުން މުސްލިމުން ކިތަންމެ ގިނަ ނަމަވެސް މިއަދު ކުރިމަތިވެގެން މިއުޅޭ މައްސަލައަކީ މިއީއެވެ. ނަމާދަށް ރައްކައުތެރިވުމުގެ މައްސަލައެވެ. ނަމާދު ޤާއިމްކުރާ މީހުންގެ ޢަދަދު މަދުވުމުގެ މައްސަލައެވެ. ވީމާ ތިމާއަކީ އިސްލާމް ދީނުގައި ހުރި މީހަކަށްވާން ބޭނުންނަމަ ނަމާދު ޤާއިމްކުރާ މީހަކަށްވާށެވެ! 

ތަކުރާރުކޮށްލާނަމެވެ! ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވައްދަވާ އަޅަކަށްވާން ބޭނުންވާނަމަ ހަމައެކަނި ތިމާއަކީ މުސްލިމަކު ކަމަށް ބުނުމަކުން ނުފުދޭނެއެވެ. ނަމާދު ޤާއިމުކުރަންޖެހޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން