ޣައްޒާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ ބިރުވެރި ނިކަމެތި ޙާލަތަށް ކަންބޮޑުވެ ދުޢާ ނުކުރާނަމަ އެމީހާގެ މުސްލިމްކަން ފުރިހަމައެއް ނުވާނެއެވެ. އެހެނީ ދުނިޔޭގެ ކޮންމެ ބިމެއްގައި އުޅުނަސް މުސްލިމުންނަކީ އެއްބައެކެވެ. އެކެއް އަނެކެއްގެ ޙާލަށް ކަންބޮޑުވެ އެހީތެރިވެދިނުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ.
ޣައްޒާގެ މުސްލިމުންނަށް މިއަދު ޖެހިގެން އެއުޅޭ ޙާލަށްބަލާށެވެ! ބޮން އަޅައި ގެދޮރުތައް ފުނފުނޑުކޮށްލައިފިއެވެ. ބޯފެނެއް ނެތެވެ. ކަރަންޓެއް ނެތެވެ. ގޭހެއް ނެތެވެ. ކައްކާނެ އުނދުނެއްވެސް ނެތްތަކުގައި ކައްކާނެ އެއްޗެއްވެސް ނެތެވެ.
މިއީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ހިންގާފައިވާ ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެވެ. އެއީ އެންމެ ބޮޑެތި ޖަރީމާތަކަށް ވެގެންދަނީ ހަމައެކަނި ބައިނަލްއަޤްވާމީ ޤާނޫނުތަކުން އެކަންޏެއްވެސް ނޫނެވެ. އެޔަހޫދީންގެ ޤާނޫނުތަކުންވެސްމެއެވެ.
ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! އެމީހަކަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ. ވީހާ ގިނައިން އެމީހުންނަށްޓަކައި ދުޢާކުރާށެވެ! ދުނިޔޭގެ ކަންކޮޅުތަކުގައި ދަތިޙާލުގައިވާ އެންމެންނަށްޓަކައިވެސް ހެޔޮދުޢާކުރާށެވެ! މުސްލިމްކަން ފުރިހަމަވާނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން