ހަވާނަފްސް ކޮންޓްރޯލް ނުކުރެވުމަކީ ދުނިޔޭގަވެސް އާޚިރަތުގަވެސް ލިބޭނެ އެންމެ ބޮޑު ގެއްލުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ހަވާނަފްސް ކޮންޓްރޯލް ނުކުރެވުމަކީ ދުނިޔޭގަވެސް އާޚިރަތުގަވެސް ލިބޭނެ އެންމެ ބޮޑު ގެއްލުން-!

ގިނަބައަކަށް އެންމެ ގިނައިން ދެއްކެނީ ރުޅި ކޮންޓްރޯލްކުރުމުގެ މުހިންމުކަމުގެ ވާހަކައެވެ. އެއީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ރުޅި ކޮންޓްރޯލް ނުކުރެވެމުން އަޑާއި ދުލާއި އަތްފައި ކޮންޓްރޯލް ނުކުރެވިގެން ވަރަށް ބޮޑެތި ގޯސްތައް ހެދޭތީއެވެ. 

އެހެނަސް ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރާ ފަދައިން ކޮންޓްރޯލްކުރަން ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު އެހެން ކަމެއްވެސް އެބައޮތެވެ. އެއީ އެމީހާގެ ނަފްސް ކޮންޓްރޯލްކުރުމެވެ. ނަފްސް ކޮންޓްރޯލް ނުކުރެވި ހަވާ ނަފްސް އެދޭހައި ކަންކަން ކުރުމުން ލިބޭ ގެއްލުންވެސް ކުޑަނޫންވީމައެވެ. 

މިޘާލަކަށް ހިލޭ އަންހެނުން ނުވަތަ ހިލޭ ފިރިހެނުން ގެންގުޅެވެނީ ހަވާނަފްސް ކޮންޓްރޯލް ނުކުރެވޭތީއެވެ. ﷲ ތަޢާލާ އެންމެ ގަދަފަދަ ޢަޛާބް ދެއްވަވާ، އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭ ކުރެވެނީ ހަވާ ނަފްސް ކޮންޓްރޯލް ނުކުރެވޭތީއެވެ. އެއީ ގިނަ ބައެއްގެ މާލީ ތަނަވަސްކަން ގެއްލި ބަނގުރޫޓުވެ ޢާއިލީ ދިރިއުޅުން ބަނގުރޫޓުވެ ދުނިޔެއާއި އާޚިރަތް އެމީހަކަށް ބަނގުރޫޓުވެގެންދާ ފާފައެކެވެ. 

މިފަދަ ފާފައެއް ކުރެވޭ މީހަކު ކިތަންމެ އަނގުބޮޑު، އަދި ކިތަންމެ ރީތި ފޭރާމެއްލައިގެން، ކޯޓުފަޓުލޫނުލައި ޓައީ އަޅައިގެންހުރިނަމަވެސް ޢަރަބި ޖުއްބާއެއް ލައިގެން ހުރިނަމަވެސް އެމީހެއްގެ ކިބައިގައި އެއްވެސް ސްމާޓްކަމެއް ނެތެވެ. އެހެނީ ސްމާޓްވާން ޖެހެނީ ލައިގެން ހުންނަ ހެދުން އެދުން އެކަންޏެއް ނޫނެވެ. މީހާގެ ވިސްނުމާއި ކުރާ ޢަމަލުތަކުގައި ސްމާޓްކަމެއް ނެތްނަމަ އެމީހެއްގެ ކިބައިގައި އެއްވެސް ސްމާޓްކަމެއް ނެތެވެ. 

އެއްވެސް ސްމާޓްކަމެއް ހުރި މީހަކު އެމީހާގެ އަގުވެއްޓި، ޢާއިލީ ދިރިއުޅުމާއި ދުނިޔެއާއި އާޚިރަތް ބަނގުރޫޓުވެގެން ހިނގައިދާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ. ވީމާ ހަވާނަފްސް ކޮންޓްރޯލް ނުކުރެވޭ މީހަކީ މީސްތަކުންގެ ކުރިމަތީގައި އެއްވެސް އަގެއްހުރި އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް ބުރަދަނެއް ހުރި މީހެއް ނޫނެވެ. ވީމާ ދުނިޔެއާއި އާޚިރަތުގެ ސަލާމަތްކަމަށް އެދޭމީހާ އެމީހާގެ ރުޅި ކޮންޓްރޯލްކުރަން ސަމާލުކަންދޭ ފަދައިން ހަވާނަފްސް ކޮންޓްރޯލަކުރަންވެސް ސަމާލުކަން ދޭންޖެހޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން