އެމީހަކު ބޭނުންވާ ކޮންމެ އެއްޗެއް ގަތުމަކީވެސް ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. އެކަމަށް ދެކޮޅުހަދާކަށް ނެތީމެވެ. ނަމަވެސް މިއަދު އަހުރެމެން ކޮންމެ މުސްލިމަކުވެސް ވިސްނާލަންޖެހޭ ކަންކަން އެބަހުއްޓެވެ. އެއްޗެއް ގަތުމުގެ ކުރިން އަމިއްލަ ނަފްސާއި ކޮށްލަން ޖެހޭ ސުވާލެއް އެބަ އޮތެވެ.
އެސުވާލަކީ:
އަހުރެން މި އެތި ގަތުމުން ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރަން ޚަރަދުކުރާ އެއްވެސް ކުންފުންޏަކަށް ނުވަތަ މީހަކަށް އެއްވެސް ފައިދާއެއް ވާނެ ހެއްޔެވެ؟ އެމީހެއްގެ މާލީ ތަނަވަސްކަމަށް ޛައްރެއްގެ މިންވަރުވެސް އިތުރުވާނެ ހެއްޔެވެ؟
ޖަވާބަކީ އާނއެކެވެ ކަމަށްވާނަމަ އެއެއްޗެއް ގަތުމުގެ ކުރިން ހާސްފަހަރު ވިސްނައިލާށެވެ. އެއްޗެއް ގަންނަން ތިމާ މިކުރާ ކުޑަކުޑަ ހޭދައަކީ ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުންނާއި އެންމެން ޝަހީދުކުރަން ކުރެވޭ ހޭދައަކަށްވާނެކަމާއިމެދުގައެވެ.
އެހެންވީމާ ތިމާއަކީ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި މިފަދައިން ދެންނެވޭނެ މީހަކަށްވާށެވެ! "ޔާ ﷲ! މިއަޅާގެ އަޚުން ކަމުގައިވާ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރަން އެހީތެރިވެދީފާނެ ކަންކަމަށް މިއަޅާ ބިރުވެތިވީމެވެ. ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރަން ބޭނުންކޮށްފާނެ ކަމަށް ޝައްކުކުރެވޭ ކަމަކަށްވެސް މިއަޅާ އެންމެ ފައިސާފޮތްޗެއްވެސް ހޭދައެއް ނުކުރަމެވެ. އަދި ކެރިކުޅަދާނަވީ މިންވަރުން ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި މިއަޅާ ހޭދަކުރީމެވެ."
ބުނަން ހެއްޔެވެ؟ ފަލަސްޠީނުގެ ރައްޔިތުންގެ ބޮލަށް ބޮންތައް އޮއްސައި ޝަހީދުކުރަމުން ގެންދާ އިޒްރޭލުގެ ސިފައިންނަށް އަދި އިޒްރޭލުގެ ސަރުކާރަށް އެއްވެސް ގޮތަކުން އެހީތެރިވާ އެއްވެސް ފަރާތެއްގެ އުފެއްދުމެއް ގަންނަން، އެފަދަ ފަރާތަކުންދޭ ޚިދުމަތެއް ހޯދަން އަހުރެން ބިރުވެތިވަމެވެ. އެފަދަ ފަރާތަކުން އުފައްދާ ކާއެއްޗެއް އަހުރެންގެ ބަނޑަށްލާން ވިސްނައިލެވުނަސް ގޮހޮރުގައި ހޫނުގަދަވެ ހޫނު ގޭސްތައް ބޭރުވެގެންދެއެވެ.
ތިއަބޭފުޅުންނަށްވެސް މިކަންކަން މިގޮތަށް އިޙްޞާޞްކުރެވޭނެ ކަމަށް އުންމީދުކުރަމެވެ.
މަޢުލޫމާތު: ބިލާލް އައްސަދުގެ ވާހަކަފުޅަކުން