މާތް ރަސޫލާ ޞޢޥ, އަނބިކަނބަލުން ޖުވައިރިއްޔަތުގެފާނަށް ދަސްފުޅުކޮށްދެއްވި ޘަވާބު ބޮޑު ހަތަރު ކަލިމަ-

ކިޔުމަށް ހޭދަވާނީ 3މ 44ސ
މާތް ރަސޫލާ ޞޢޥ, އަނބިކަނބަލުން ޖުވައިރިއްޔަތުގެފާނަށް ދަސްފުޅުކޮށްދެއްވި ޘަވާބު ބޮޑު ހަތަރު ކަލިމަ-

ޢަލީ އިޙްސާން ފިރާޤު

 

އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާއަކީ މުސްޠަލިޤުވަންހައިގެ ރައީސްގެ ދަރިކަނބަލުންނެވެ. މުސްލިމުންނާ، މުސްޠަލިޤުވަންހައިގެ މީސްތަކުންނާ ދެމެދު ކުރެއްވުނު މުރައިސީޢު ހަނގުރާމައިގައި ޖުވައިރިއްޔަތުގެފާނު ހައްޔަރުވެ، މުސްލިމުންގެ އަތްމައްޗަށް އައީއެވެ. އެއަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާ މިނިވަންކުރައްވައި ކާވެނި ބައްލަވައިގެންނެވިއެވެ. 

ރަސޫލާ صلّى اللّـه عليه وسلّم އާ ކާވެނީގެގޮތުން ގުޅިވަޑައިގެންނެވުމަށްފަހު ޖުވައިރިޔަތުގެފާނު  ވެވަޑައިގެންނެވީ ވަރަށް ދީންވެރި ދީނީކަންތަށްތަކަށް ލޯބިހުރި ބޭކަނބަލަކަށެވެ. ވަރަށް ގިނައިން ތަސްބީޙަ އާއި ތަޙްލީލު ވިދާޅުވާ ބޭކަނބަލަކަށެވެ 

ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ.  އެއްދުވަހަކު ރަސޫލާ صلّى اللّـه عليه وسلّم ފަތިސްނަމާދުން އަވަދިވެވަޑައިގެން އެކަމަނާގެ ގެކޮޅަށް ވެދެވަޑައިގެންފައި ނުކުމެވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ އެކަމަނާގެ މުސައްލަކޮޅުގައި ޒިކުރުކުރައްވާށެވެ. މެންދުރެއްހާއިރު އެކަލޭގެފާނު އެނބުރި އެކަމަނާގެ ގެކޮޅަށް ވަޑައިގެންނެވިއިރުވެސް އެކަމަނާ އިންނެވީ އެޙާލުކޮޅުގައި ޒިކުރުކޮށް ތަޞްބީޙަ ވިދާޅުވާށެވެ. އެމަންޒަރު ފެނިވަޑައިގެން ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.  [ފަތިހުއްސުރެ ތިޔަ އިންނަވަނީ ޒިކުރުކުރައްވަންތޯއެވެ.؟] އެކަމަނާ ވިދާޅުވިއެވެ. [އާދޭހެވެ.]  މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ކަމަނާއާ ވަކިވެވަޑައިގެންނެވުމަށްފަހު ތިމަންކަލޭގެފާނު ހަތަރު ކަލިމައެއް ތިންފަހަރު ވިދާޅުވީމެވެ. ކަމަނާ މިހުރިހާއިރު ތިޔަ ވިދާޅުވިކަލިމަތަކާ އެކަލިމަތައް އަޅާކިރާލައިފިނަމަ އެ ކަލިމަތަށް މީޒާނުގައި ބުރަވެގެންވެއެވެ.] އެކަމަނާ އެއީ ކޮންކަލިމަތަކެއްތޯ އޭ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. އެކަލިމަތަކަކީ: 

سُبْحَان اللّـهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرُشِهِ وَمِدَادَ كَلِمَاتِهِ މިއެވެ. 

{އިމާމު މުސްލިމު، ޞަޙީހު މުސްލިމު، كتاب الذكر والدعاء والتوبة والاستغفار، باب التَّسْبِيحِ أَوَّلَ النَّهَارِ وَعِنْدَ النَّوْمِ، ޙަދީޘް ނަންބަރު 2726} 

ދީންވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާ އަވަހާރަވީ،  އަމީރު މުޢާވިޔަތުގެފާނުގެ ޚަލީފާކަމުގައި ހިޖުރައިން 50 ވަނަ އަހަރުގެ ރަބީޢުލްއަވަލް މަހުގެ ތެރޭގައެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 65 އަހަރުފުޅެވެ.  އެކަމަނާ ފަސްދާނުވެޑުވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.  

ރިފަރެންސް

1. މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 107-111

2. އިމާމު މުސްލިމު، ޞަޙީހު މުސްލިމު، كتاب الذكر والدعاء والتوبة والاستغفار، باب التَّسْبِيحِ أَوَّلَ النَّهَارِ وَعِنْدَ النَّوْمِ، ޙަދީޘް ނަންބަރު 2726

މިއަދު އޮންލައިން