ކައިވެނިކުރުމަށްފަހު ޒިނޭކުރުމަކީ ބައިވެރިޔާގެ ކިބައިން މާފުލިބުން ފަސޭހަ ކުށެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކައިވެނިކުރުމަށްފަހު ޒިނޭކުރުމަކީ ބައިވެރިޔާގެ ކިބައިން މާފުލިބުން ފަސޭހަ ކުށެއް ނޫން!

ޒަވާޖީ ޙަޔާތެއްގައި އުޅެމުން އެހެން މީހަކާއިއެކު ޖިންސީ ގުޅުން ހިންގާފައި މާފަށް އެދުމުގެ މައްސަލަތައް އަންނަނީ ގިނަވަމުންނެވެ. މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. ސަމާލުކަންދިނުން އިތުރުކުރަންޖެހިފައިވާ ކަމެކެވެ. 

މިކަމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ މާފަށް އެދުމުން މާފުކުރިކަމަށް ބުނިނަމަވެސް ހިތުގެ އަޑިން މާފުކުރެވެނީ ވަރަށް މަދު މީހަކަށެވެ. އެކަން ހިތުން ފުހެލުމަކީ ޙާލަކުން މީހަކަށް ނޫނީ ކުރެވޭ ކަމެއް ނޫނެވެ. 

ހިތުގެ އަޑިން މާފުކުރެވިފައި އޮންނަނީ ލޯބީގެ ގުޅުން ގުޅުން ހިނަގުމަށްފަހު ދެން އެކަން ނުކުރިނަމައެވެ. ކުރިން މިބުނި ފަދައިން ޖިންސީގުޅުން ހިންގައިފިނަމަ މާފުކުރުން އޮންނަނީ ހަމަ ވަރަށް ބޮޑު ކަމަކަށްވެފައެވެ. 

އެކަން އެގޮތަށް މެދުވެރިވާ ސަބަބެއް ކަމަށް ޤަބޫލުކުރެވެނީ ބައިވެރިޔާގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތްކަން ޘާބިތުވުމެވެ. ﷲ ތަޢާލާއަށް ބިރުވެތިނުވާ މީހަކަށް އިތުބާރުކުރަން އުނދަގޫވާތީއެވެ. އެކަން އެފަދަ ޙާލަތު ދިމާވާ މީހުންގެ ކިބައިން އެނގިގެންދެއެވެ. 

މިފަދަ ނުބައި ޢަމަލުތައް ކުރުމުން ކުރިމަތިވާ އިތުރު މައްސަލައެއްވެސް އޮވެއެވެ. މިށާލަކަށް: 

ވަޙީދު ކައިވެނިކޮށްގެންހުރެ ހިލޭ އަންހެނަކާއިއެކު ޖިންސީގުޅުން ހިންގީއެވެ. އެކަމުގެ ތެރެއިން ޖެހުނު މައްސަލަތަކުގެ ސަބަބުން ކައިވެނިރޫޅުނީއެވެ. ވަޙީދު ދެވަނަ ކައިވެނިކުރީއެވެ. ދެވަނަ އަނބިމީހާއަށް އެކަން އެނގުނީ ކައިވެނިކުރި ފަހުންނެވެ. 

މިޙާލަތުގައިވެސް ފިރިމީހާއަށް އިތުބާރުކުރަން ހުރަސްތަކެއް ހުންނާނެއެވެ. އަދިވެސް ބުނަން ހެއްޔެވެ؟ ކައިވެނިކޮށްގެން ހުރެ ޒިނޭކޮށްފައިވާކަން އެނގުމުން އެފިރިހެނަކާއިވެސް އަދި އަންހެނަކާއިވެސް ކައިވެނިކުރަން ތަޤްވާވެރިއަކު ގިނަ ފަހަރަށް ބޭނުމެއްވެސް ނުވާނެއެވެ. 

މިޒަމާނުގައި އެއީ މައްސަލައަކަށް ގިނަ ބައަކު ނުހަދަނީ އެމީހުން ދީނަށް ދޭ ސަމާލުކަން ކުޑަވުމުންނެވެ. ދީނަށް ސަމާލުކަންދޭ މީހުން އެކަން އެއީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ނޫނީ ނުދެކޭނެއެވެ. 

ވީމާ އަހުރެންގެ ނަޞޭޙަތަކީ ކައިވެނީގެ ބޭރުން ހަމައެކަކުވެސް ޒިނޭ ނުކުރުމެވެ. ކައިވެނިކުރުމަށްފަހު ޒިނާކުރުމުން އޮތް ހައްދު ބޮޑުވެގެންދަނީ އެސަބަބަށްޓަކައެވެ. އެޙައްދަކީ ރަޖަމްކުރުމެވެ. މިހުރީ ކޮންމެ މުސްލިމަކުވެސް ބިރުވެތިވާންޖެހޭނެ ކަންކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން