ބޮޑު ދައްޖާލު ފައުޅުވުމަށްވުރެ ނުބައިކަން މާބޮޑުކަމެއް އެބަ އޮތް ކަމަށް ބުނީމާ ޙައިރާންވަނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ބޮޑު ދައްޖާލު ފައުޅުވުމަށްވުރެ ނުބައިކަން މާބޮޑުކަމެއް އެބަ އޮތް ކަމަށް ބުނީމާ ޙައިރާންވަނީހެއްޔެވެ؟

ފަހުޒަމާނުގައި ފައުޅުވާނެ ދައްޖާލުން ފައުޅުވުމަކީ ކިހައި ބޮޑު ބިރެއްކަން އެއްވެސް މުސްލިމަކަށް އޮޅިފައެއް ނުވާނެއެވެ. ދައްޖާލުގެ ފިތުނައިން ސަލާމަތްކޮށްދެއްވެވުން އެދި ކޮންމެ ނަމާދެއްގައި މިގެންދަނީ ދުޢާކުރަމުންނެވެ. އެހެންކަމާއިއެކުވެސް މި ދައްކާ ވާހަކަތައް ރަނގަޅަށް އަޑުއަހާށެވެ!

މިސްކިތް ކޮޅުގައި އެއް ދުވަހަކު ޞަހާބީން ތިއްބެވީ ދައްޖާލު ފައުޅުވުމުގެ ވާހަކަތައް ދައްކަވާށެވެ! އެކަމާއިމެދު ކަންބޮޑުވުން ފައުޅުކުރައްވާށެވެ. އެކަމުގައި ތިއްބަވަނިކޮށް ރަސޫލް (ﷺ) އެބޭކަލުންގެ އަރއަހަށް ވަޑައިގެން ސުވާލުކުރެއްވެވިއެވެ. އެބޭކަލުން އެހައި ބޮޑަށް ކަންބޮޑުވެވަޑައިގެން ބިރިފުޅުގެން ތިއްބެވި ސަބަބާއިމެދުގައެވެ.

ޖަވާބުގައި އެބޭކަލުން ކުރައްވަމުން ގެންދެވި މަޝްވަރާގެ ވާހަކަ ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ "ދައްޖާލު ފައުޅުވުމަށްވުރެ ބޮޑަށް ތިމަން ރަސޫލާ ބިރުފުޅުގެން ވަޑައިގަންނަވާ ކަމެއް އެބަ އޮތް ކަމަށާއި އެއީ ކުދި (މައިނަރ) ޝިރުކު ކުރުން ކަމަށެވެ.

ޞަހާބީންގެ އެދިވަޑައިގަތުމަށް ކުދި ޝިރުކުގެ ތަފްޞީލް ޙަދީޘްފުޅު ކުރައްވަވައި ބަޔާންކޮށް ދެއްވެވިއެވެ. އެއީ ނަމާދަށް ހުއްޓައި އެހެން މީހަކު ބަލާކަން އެނގުމުން ނަމާދު އިތުރަށް ޒީނަތްތެރިކުރުން ކަމަށެވެ. ކިޔަވާ ރާގު ރީތި ކުރުމާއި ކުރިން ކުރު ސޫރަތް ކިޔަވާ މީހާ ބަޤާރާ ސޫރަތް ފަދަ ދިގު ސޫރަތްތައް ކިޔެވުން ފަދަ ކަންކަމެވެ.

މިކަން އަހަރެން ސިފަކުރާނީ އަޅުކަން ކުރުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގުން ކަމަށެވެ. ބޮޑު ޝިރުކަކީ ﷲ ތައާލާ ނޫން ފަރާތަކަށް އަޅުކަން ކުރުމެވެ. މިހާލަތުގައި ކުޑަ ޝިރުކަކަށް މިކަން ވެގެން އެދަނީ އޭނާ ދެއްކުންތެރި ގޮތުގައިވެސް އަޅުކަން ކުރަނީ ﷲ ތަޢާލާއަށް ކަމުގައިވީތީއެވެ.

މީސްތަކުންނޭވެ! އަހަރެމެން ނަމާދުކުރަނީވެސް ޞަދަޤާތް ދެނީވެސް ރޯދަ ހިފަނީވެސް އަދި އެހެނިހެން އަޅުކަން ކުރަނީވެސް ﷲ ތައާލާ އަށެވެ. ވީމާ އެއަޅުކަން ރީތިކޮށް ފުރިހަމަކުރަންވީ ﷲ ތަޢާލާއަށް ދެއްކުމަށެވެ. އެއްވެސް ޙާލެއްގައި އެއްވެސް މީހަކަށް ދެއްކުމަކަށް ނޫނެވެ. ﷲ ތަޢާލާ ނޫން ފަރާތަކަށް ދެއްކުމުގެ ގޮތުން މިފަދަ ކަމެއް ކޮށްފިނަމަ އެމީހާގެ ނިޔަތް އެވަނީ ކޮރަޕްޓްވެފައެވެ. އެމީހާއަށް އެ މަސައްކަތް ކުރެވެނީ ކުރާ އަޅުކަމުގެ ތެރެއިން މީސްތަކުންގެ ތައްރީފް ހޯދުމަށެވެ. އެއީ އެއްވެސް ގޮތަކުން ކުރެވިގެންވާނެ ކަމެއް ނޫނެވެ. މީސްތަކުންގެ ތައްރީފުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ފައިދާ ކުރާނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ގޮތަށް ކުރެވުމުން ނޫނެ ހެއްޔެވެ؟

މިފަދަ އަމަލުތަކަކީ ދެއްކުންތެރިކަމުގެ އަމަލުތަކެވެ. އެމީހެއްގެ ކިބައިގައި ދެއްކުންތެރިކަން ހުރިނަމަ އެއީ މުނާފިޤް ކަމުގެ ޢަލާމާތެކެވެ. މުނާފިޤުން ބޭނުންވާނީ ކުރާ ކޮންމެ ކަމަކުންވެސް މީސްތަކުންގެ ތަޢްރީފްއެވެ.

މިފަދަ އަމަލުތައް ކުރުމުން އެކަން ވަންނާނީ އަޅުކަން ކުރުމުގައި އިތުރު ފަރާތެއް ބައިވެރިކުރުމުގެ ތެރެއަށެވެ. ﷲ ތަޢާލާ ވަޙި ކުރައްވަވާފައި ވަނީ އެފަދަ ގޮތުގައި ކުރާ އަޅުކަން ﷲ ތަޢާލާ އަށް ބޭނުންފުޅުވެވޮޑިގެން ނުވާކަމަށާއި އެފަދަ ގޮތުގައި ނުކުރާ އަޅުކަން ދޫކޮށްލައްވަވާނީ އޭނާ ބައިވެރިކުރި ދެވަނަ ފަރާތަށް ކަމަށެވެ. މިކަމުން އެނގެނީ އެފަދަ ގޮތުގައި ކުރާ އަޅުކަމަށް ﷲ ތަޢާލާ ސަވާބު ނުދެއްވަވާނެ ކަމެވެ.

ބައެއް މީހުން މީސްތަކުންގެ ތައްރީފް ލިބިގަތުމަށްތަކައި ބޮޑެތި އަދަދުތަކުން ޗެކް ލިޔެ ޞަދަޤާތް ކުރެއެވެ. އެކަމާއި ގުޅިގެން މީސްތަކުން ތަޢްރީފްގެ ބަސްތައް ރައްދުކުރެއެވެ. އެ ހިސާބުން އެ ޞަދަޤާތްވެސް ބަދަލުވެގެން އެދަނީ ކުޑަ ޝިރުކުގެ އަމަލަކަށެވެ.

މީސްތަކުންނޭވެ! މިފަދަ އަމަލުތަކާއިމެދު، ދައްޖާލު ފައުޅުކުރެއްވެވުމަށްވުރެ ބޮޑަށް ރަސޫލް (ﷺ) ބިރުފުޅުގެންވަޑައިގަންނަވާ ކަމަށް ޙަދީޘްފުޅު ކުރެއްވެވުމުން އެއޮތީ އެކަމުގެ ނުބައިކަމުގެ ބޮޑުކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެފައެވެ. ވީމާ ސަލާމަތްކަން ހޯދާށެވެ! ހިތާމައަކީ ދެއްކުންތެރިކަމުގެ މިފަދަ އަމަލުތައް ކުރާ މީހުން އިތުރުވަމުން އަންނަ ކަމެވެ.

--ޑރ. ޔާސިރް ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން