މީހުގެ ގާތުގައި ކަންކަމު ނުކިޔައި އުޅުމުގައި 3 ގޮތެއްވެއެވެ. 3 ބާވަތެއްގެ މީހުންވެއެވެ. އެއްގޮތަކީ ތަނަވަސްކަން ލިބިފައިވުމުން ނުވަތަ ފުދިގެން ހުންނާތީ އެހެން މީހުންގެ ގާތުގައި ކަންކަމު ކިޔަން ނުޖެހޭ މީހުންނެވެ. ދެވަނަ ގޮތަކީ ކިތަންމެ ބޮޑަށް ދަތިވި ނަމވެސް ދެން އެހެން އހެން ގޮތެއް ނެތިގެން ނޫނީ މީހުންގެ ގާތުގައި ކަންކަމު ނުކިޔައި (ނުއެދި) އުޅެން މަސައްކަތްކުރާ މީހުންނެވެ.
އަހުރެމެންނަށް ދިރިއުޅެން އަންގަވާފައި އޮތީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ މީހުންގެ ގާތުގައި ކަންކަމު ނުކިޔައެވެ. ބައެއް މީހުންނަކީ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ބައެކެވެ. ކިތަންމެ ބޮޑަށް ދަތިވި ނަމަވެސް އެމީހުން މަސައްކަތްކުރާނީ މީހެއްގެ ގާތުގައި ކަންކަމު ނުކިޔައި އުޅުމަށެވެ.
މީގެ އިތުރުން 3 ވަނަ ބައަކުވެސް އުޅެއެވެ. އެއީ މީހުންގެ ގާތުގައި ކަންކަމު ކިޔާނަމަ އެހެން މީހުންވެސް ތިމާ ގާތުގައި ކަންކަމު ކިޔާނެތީ މީހުންގެ ގާތުގައި ކަންކަމު ނުކިޔައި އުޅޭ މީހުންނެވެ. ޢާންމު ގޮތެއްގައި މިބާވަތުގެ މީހުންނަކީ އެހެން މީހުން އެމީހުންގެ ގާތުގައި ކަންކަމު ކިޔަން އެދޭ ބައެއް ނޫނެވެ.
ވީމާ ކަމަކަށް ދަތިވެ ދެން އެހެން ގޮތެއް ނެތިގެން މީހެއްގެ ގާތުގައި ކަމަކަށް އެދެން ޖެހުނަސް މިކަންކަމަށް ވިސްނަންވާނެއެވެ. ތިމާއަށް މިއެދެވެނީ ކޮން ބާވަތެއްގެ މީހެއްގެ ގާތުގައިކަން ދެނެގަންނަންވާނެއެވެ. މިބުނި 3 ވަނަ ބާވަތުގެ މީހެއްގެ ގާތުން ކަމަކަށް ނުއެދެން މަސައްކަތްކުރަންވާނެއެވެ.
މީގެ އިތުރުން ކަމެއް ކޮށްދިނުމަށްފަހު ކަލަގޮވަމުން ހިނގާ މީހުންގެ ގާތުގައިވެސް ކަންކަމު ނުއެދެން މަސައްކަތްކުރަންވާނެއެވެ. މީހަކަށް ކަމެއް ކޮށްދީފައި ކަލަގޮވުމަކީ ވަރަށް ނުބައި ސިފައެކެވެ. ކަލަގޮވުމުން އެމީހާ ކޮށްދިން ހެޔޮކަން އެމީހާއަށް ގެއްލިގެންދިއައީއެވެ. ލިބުން އޮތް ޘަވާބު ގެއްލި، ފާފަވެރިވީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން