ދުނިޔޭގެ ދަހިވެތިކަން އިންތިހާއަށް ބޮޑުވުމުން އެމީހަކަށް މަންފާއެއް ލިބެން އޮތީ ދޮގުހަދައިގެންކަމަށް ޤަބޫލުކުރެވޭނަމަ ދޮގުހަދަން ފަސްޖެހޭ މީހުން މިވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިވާހަކަ ނިކަން އަޑުއަހައިބަލާށެވެ! ހިތުގައި ބިރުވެެތިކަމެއް އުފެދޭނެއެވެ! އިން ޝާ ﷲ
ޢީސާގެފާނު ބައަކާއިއެކު ކުރެއްވެވި ދަތުރުފުޅެއްގައި ރަށަކުން "ޕާން" ގަންނަން މީހަކާއި ހަވާލުކުރެއްވެވިއެވެ. އެފައިސާއަށް ލިބުނީ 3 ޕާނެވެ. އެމީހާ ބަނޑުހައިވެފައި ހުރިވަރުން ވަގުތުން އެއް ޕާން ކައިލިއެވެ. އަދި ގެންގޮސް ދިނީ 2 ޕާނެވެ. އަދި ދެންނެވީ ލިބުނީ 2 ޕާން ކަމަށެވެ. ޢީސާގެފާނަށް އެކަން ހިނގައިދިއަ ގޮތް އެނގިވަޑައިގަންނަވާތީ ތަކުރާރުކުރައްވައި ސުވާލު ކުރެއްވެވުމުން އޭނާ ދެމުން އައީ ހަމަ އެއް ޖަވާބެކެވެ.
ދަތުރުފުޅުމަތީގައި ފުއްލާއެއް ފިހުނު ރެއަކު ފުއްލާގެ މަސް ކައި ނިމި ކަށިތަކަށްވެފައި ހުއްޓާ ދިރިގެން ދުވެ ފިލީއެވެ. އެކަން ހިނގުމުން އެ މުޢްޖިޒާތް ދެއްކެވި މާތް ﷲ އަށް ބިރުވެތިވެ ތެދުބުނުމަށް ޢީސާގެފާނު ވިދާޅުވުމުންވެސް ދިނީ ހަމަ އެއް ޖަވާބެކެވެ.
ދަތުރުގައި ހުރަސްކުރަން ޖެހުނު ކޯރެއް ފެންމަތިން ހުރަސް ކުރެވޭނެ ގޮތް މާތް ﷲ މިންވަރުފުޅު ކޮށްދެއްވެވުމުންވެސް ޢީސާގެފާނު ހަމަ އެފަދައިން ސުވާލުކުރެއްވެވެވިއެވެ. ހަމަ ދިނީ އެއް ޖަވާބެކެވެ. ކޯރު ހުރަސްކުރުމަށްފަހު ފެނިވަޑައިގެންނެވި 3 ޕެބްލްސްގައި އަތްޕުޅު ލެއްވެވުމުން ރަނަށް ބަދަލުވިއެވެ. އަދި އެތަނުން އެއް ރަން ބުރި ދެއްވަވާނީ ކުރީ ދުވަހު ލިބުނު 3 ޕާނުން އެއް ޕާން ކައިލި މީހާއަށް ކަމަށް ހަމަ ވިދާޅުވުމާއިއެކު އެމީހާ ވަގުތުން އެކަމަށް އެއްބަސްވިއެވެ.
ޢީސާގެފާނު އެމީހާއަށް 3 ބުރި ރަން ދެއްވަވާފައި ވަޑައިގަތީއެވެ. ދަތުރުފުޅު ނިންމަވާފައި އެނބުރި ވަޑައިގެންނެވި އިރު ކޯރުގެ އައްސޭރީގައި 4 މީހަކު މަރުވެފައި އޮތެވެ. އެކަކީ އެމީހަކަށް ޢީސާގެފާނު 3 ބުރި ރަން ދެއްވެވި މީހާއެވެ. ދެން މަރުވެފައި ތިބީ 3 ވަގުންނެވެ. 3 ވަގުން އެކަކު އަނެކަކަށް ރަންބުރިތައް ވެރިކޮށްލުމުގެ ދަހިވެތިކަމުގައި ލީ ޒަހަރުން 3 ވަގުންނާއި އެމީހާވެސް މަރުވެދިއައީ އެވެ. 3 ބުރި ރަން ހަމަ އޮތްތަނުގައި އޮތެވެ.
މީސްތަކުންނޭވެ! އެމީހާ ﷲ ތައާލާގެ މުޢްޖިޒާތްތަކަށް ކުޑަވެސް ބިރެއް ނުގަތެވެ. ތެދު ނުބުނީ އެހެންވެގެންނެވެ. ނަމަވެސް ރަންބުރީގެ ދަހިވެތިކަމުގައި ތެދުހެދީއެވެ. ނަމަވެސް ނިމިގެން ދިއަ ގޮތާއިމެދު ވިސްނައިލަބަލާށެވެ! މިއީ އިސްރާއީލިއްޔާގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. ވާހަކައިގެ އިބްރަތަށްޓަކައި ވަރަށް ގިނަ ޢިލްމުވެރިން މިވާހަކަ ބަޔާން ކުރައްވައެވެ. އިސްރާއީލިއްޔާގެ ވާހަކަތަކުގެ ތެރޭގައި ޢިބްރަތްތެރި ވަރަށް ގިނަ ވާހަކަތައް އެބަ ހުއްޓެވެ.
- ޘައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން