ވަޒީފާ ހޯދަން މަސައްކަތްކުރާއިރުވެސް ވަޒީފާ ލިބުމުންވެސް އަންހެންކުދިން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ 2 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ވަޒީފާ ހޯދަން މަސައްކަތްކުރާއިރުވެސް ވަޒީފާ ލިބުމުންވެސް އަންހެންކުދިން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ 2 ކަމެއް-

މިހާރަކަށް އައިސް ގިނަ އަންހެނުން ކުދިން "ޖޮބް އިންޓަރވިޔުއަށް" ދާންވުމުން ހެދުން އަޅަނީ ސުވާލުކުރަން އިންނަ މީހާގެ ސަމާލުކަން ހެދުމަށް ލިބޭނެ ގޮތަށެވެ. އެކަން ސުވާލުކުރަން ތިބޭ މީހުންނަށްވެސް އެނގެއެވެ. އެހެންވެ އަޚްލާޤީ މިންގަނޑު ހިފަހައްޓާ ތަންތަނުން އެފަދަ ކުދިންނަށް ވަޒީފާއެއް ނުދޭނެއެވެ. ބައެއް ޙާލަތްތަކުގައި ކުއްޖާގެ ޤާބިލް ކަމަށް ބަލައި ވަޒީފާދިން ނަމަވެސް އަޚްލާޤީ މިންގަނޑަށް ފެތޭނެ ގޮތަށް ހެދުންލާން ބުނާނެއެވެ. 

ދެން އޮތީ އެފަދަ ހެދުންލައިގެން ދިއުމުން ފަސޭހައިން ވަޒީފާ ދޭ ތަންތަނެވެ. އެފަދަތަންތަނުގައި މަސައްކަތްކުރަން ފެށުމުން ވަޒީފާގެ އެއްބަސްވުމުގައި ނުހިމެނޭ މަސައްކަތްތައް ކުރުވަން ޖައްސުވާނެއެވެ. އެފަދަ ޙާލަތު ކުރިމަތިވުމުން ފުރަގަސްދޭން މަސައްކަތްކޮށްފިނަމަ ގިނަ ފަހަރަށް އޮންނާނީ ޕްރަބޭޝަން މުއްދަތު ނުވެސް ނިމެނީސް ވަޒީފާއިން ވަކިކޮށްފައެވެ. 

ވީމާ "ޖޮބް އިންޓަރވިޔުއަށް" ދާންވެސް ހެދުން އަޅަންވާނީ އަޚްލާޤީ މިންގަނޑަށް ފެތޭނެ ގޮތަށެވެ. ތިމާގެ ރީތިކަމާއި ހަށިގަނޑު ދައްކައިގެން ވަޒީފާ ހޯދައިފިނަމަ ގިނަފަހަރަށް ކަންކަން ކުރިމަތިވާނީ މިބުނި ގޮތަށެވެ. 

ދެން ބުނެލަން އޮތީ ބުރުގާ އެޅުމަކުން އަދި ނުފުދޭކަމަށެވެ. ބުރުގާ އެޅިނަމަވެސް ގައަށް ބާރު ހެދުން ލާނަމަ ބުރުގާ އެޅުމުގެ މަޤްޞަދު ގެއްލިގެން ދިއައީއެވެ. ބުރުގާއިން ކަރުވަޅު ނިވާވެފައި މޭމަތި ނުވާނަމަ އެއީ ކީއްކުރަން އެލި ބުރުގާއެއް ހެއްޔެވެ؟ 

ވަޒީފާ އަދާކުރާ އަންހެނުންނަށް މަސައްކަތްކުރާ ތަނުން ދަށުދަރަޖައިގެ މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބަކީ ފޭރާންލެވޭ ގޮތެވެ. ތުއިދެއްކޭކަމެވެ. އަންހެނުންނަކީ އެއްވެސް ޙާލެއްގައި ތުއި ދައްކައިގެންވާނެ ބައެއް ނޫނެވެ. ގިނަ މީހުންނަށް އެކަން މާނަކުރެވޭނީ ގައިގައި އަތްލަން ބުނާ ބުނުމެއް ކަމަށެވެ. ގައިގައި އަތްލަން ދެވޭ ދަޢުވަތެއް ކަމަށެވެ. 

ވީމާ ވަޒީފާ ހޯދަން ކުރާ މަސައްކަތުގައިވެސް އަދި ވަޒީފާ ލިބުމުންވެސް މިކަންކަމަށް ސަމާލުކަން ދޭށެވެ. އެއިރުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން