އެސިފަތައް ހުރިނަމަ ޒަމާނަށް ނުފެތޭކަމަށް ބުނާ 4 ސިފަ- އެކަމަކު ސުވަރުގެ ވައްދަވާނެ 4 ސިފަ- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އެސިފަތައް ހުރިނަމަ ޒަމާނަށް ނުފެތޭކަމަށް ބުނާ 4 ސިފަ- އެކަމަކު ސުވަރުގެ ވައްދަވާނެ 4 ސިފަ- އިން ޝާ ﷲ

ތިބާއަކީ މިޒަމާނަށް ނުފެތޭ މީހެއްކަމަށް ގިނަ ބައަކު ޤަބޫލުކުރާ 4 ކަމެއް ވެއެވެ. އެ ސިފަތައް ތިބާގައި ހުރިނަމަ އޮތީ ހިތާމަކުރުމެއް ނޫނެވެ. އޮތީ އުފާކުރުމެވެ. މިޒަމާނަށް ތިބާ ނުފެތުނަސް ތިބާއަކީ ޤިޔާމަތް ދުވަހު އުފާކުރަން ލިބޭނެ މީހުންގެ ތެރޭގައި ހިމެނޭނެ މީހަކަށްވާނެތީއެވެ. އިން ޝާ ﷲ 

- ބަނގުރަލާއި ޑްރަގާއި ނުލައި އުފާވެރިކަން ލިބޭ މީހަކު ކަމުގައިވުން،

- ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކޮށް ފުރިހަމަ މުސްލިމެއް ކަމުގައިވުން (އިސްލާމް ދީނަށް ފުރިހަމަ ގޮތުގައި ޢަމަލުކުރާ މީހަކަށްވުން)،

- މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް އަޅާލައި އެހީތެރިވާ މީހަކުކަމުގައިވުން،

- ލޯބިވެގެން ނުއުޅެ، ލޯބިވެއްޖެނަމަ ކައިވެނިކުރަން ބޭނުންވާ މީހަކުކަމުގައިވުން 

މި 4 ސިފަ އެމީހެއްގެ ކިބައިގައި ހުރިނަމަ ގިނަ ބައަކު ބުނާނީ ތިބާއަކީ މިޒަމާނަށް ފެތޭ މީހަކު ނޫން ކަމަށެވެ. ކިތަންމެ ގިނަ ބައަކު އެގޮތަށް ބުނި ނަމަވެސް ކަންބޮޑުނުވާށެވެ! މި 4 ސިފަ ލިބިގަނެގެން ހުންނާށެވެ! ތިބާ ހިމެނިގެންދާނީ ޤިޔާމަތް ދުވަހު އުފާކުރަން ލިބޭނެ މީހަކު ކަމުގައެވެ. ތިބާ ހިމެނިގެންދާނީ ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައެވެ. އިން ޝާ ﷲ 

މީގެ ތެރެއިން އެއްކަމަކަށް ކުޑަކޮށް ބަލައިލާނަމެވެ. އެއީ " މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް އަޅާލައި އެހީތެރިވާ މީހަކުކަމުގައިވުމެވެ." 

ތިމަންމެން މިތިބީ ތަރައްޤިވެގެން ކަމަށް ބުނާ މީހުންގެ ކުރިމަތީގައި މައިންބަފައިންނަކީ އަދި ޢާއިލާގެ މީހުންނަކީ އެއްވެސް ބައެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އަމިއްލައަށް އުޅެވޭނެއެވެ. އަމިއްލައަށް ނުއުޅެވޭނެނަމަ މުސްކުޅިން ނުވަތަ ފަޤީރުން ބަލަހައްޓާ ތަނަކަށް ދިއުމުން ނިމުނީއެވެ. 

އެމީހުންގެ ކުރިމަތީގައި ދަރިންވެސް އެކުދިން އުފާވާ ގޮތަކަށް އުޅުމުން އެނިމުނީއެވެ. ތަރުބިއްޔަތުކުރުމަކީ އެއްވެސް މުހިންމު ކަމެއް ނޫނެވެ. އަނބިން އުފާހޯދަން އެމީހުން ބޭނުންވާ ގޮތަކަށް އުޅުމުން އެނިމުނީއެވެ. 

މިފަދަ މަގުތަކުން ވިސްނާ މީހުން ތިމަންނަމެން މިތިބީ ތަރައްޤީވެގެންކަމަށް ކިތަންމެ ވަރަކަށް ބުނިނަމަވެސް އެމީހުން އެތިބީ ޖާހިލުކަން އެންމެ ބޮޑަށް ހައްދުފަހަނައަޅައިފައެވެ. އެހެނީ ޖާހިލިއްޔަ ޒަމާންކަމަށް މިކިޔާ ޒަމާނުގައި އުޅުނު މީހުންގެ ވިސްނުންވެސް މާފުރިހަމައެވެ. 

އަހުރެމެންނީ މުސްލިމުންނެވެ. ވީމާ މުޅި ދުނިޔެ މިކަންކަން ކޮންމެ ގޮތަކަށް ބަލައިގަތް ނަމަވެސް މުސްލިމުން އެކަންކަން އެގޮތަށް ބަލައިގަތުމެއް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން