ޢާއިޝަތު ރަފާޙް ޢަލީ
ޔޫސުފް ސޫރަތަކީ ކީރިތި ޤުރްއާނުގެ ތަރުތީބަށް ބަލާއިރު 12 ވަނަ ސޫރަތެވެ. އަދި މިސޫރަތް އައިސްފައިވަނީ 12 ވަނަ ފޮތުގައެވެ. މި ސޫރަތުގައި 111 އާޔަތް ވެއެވެ. ޔޫސުފް ސޫރަތުގައި ބައެއް ވާހަކަތައް އެކުލެވިގެންވެއެވެ. އެގޮތުން މިލިޔުމުގައި މި ހިމަނާލަނީ ޔޫސުފް ސޫރަތުގައި އައިސްފައިވާ ތަރުބަވީ މިސާލުތަކެވެ.
· ބައްޕައާއި ދަރިއާއި ދެމެދުގައި ވަރަށް ރަނގަޅު ގުޅުމެއް އޮންނަންޖެހޭކަން: އެގޮތުން ޔޫސުފް ސޫރަތުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ޔަޢުޤޫބް ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފް ޢަލައިހިއްސަލާމް އާއި ދެމެދުގައި ވަަރަށް ރަނގަޅު ގުޅުމެއް އުފެދިފައިވާކަމެވެ. މީގެ އިތުރުން ޔޫސުފްގެފާނު އެކަލޭގެފާނަށް ފެނުނު ހުވަފެންފުޅު އެކަލޭގެފާނުގެ ބައްޕާފުޅަށް ކިޔައިދެއްވާފައިވެއެވެ.
ﷲ ތަޢާލާ ޔޫސުފް ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِذْ قَالَ يُوسُفُ لِأَبِيهِ يَا أَبَتِ إِنِّي رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَالشَّمْسَ وَالْقَمَرَ رَأَيْتُهُمْ لِي سَاجِدِينَ ﴿٤﴾
މާނައީ: "يوسف ގެފާނު، އެކަލޭގެފާނުގެ ބައްޕާއަށް ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! އޭ ބައްޕާއެވެ! ހަމަކަށަވަރުން، އެގާރަ ތަރިޔާއި، އިރާއި، ހަނދު، ތިމަންކަލޭގެފާނަށް ހުވަފެނުން ފެނިއްޖެއެވެ. ފެނުނީ، އެތަކެތި ތިމަންކަލޭގެފާނަށް سجدة ކުރާތީއެވެ. (4)"
· ލިބޭ ހުރިހާ ނިޢުމަތްތަކުގެ ވާހަކަ މީހުން ކައިރީގައި ނުކިޔުން: އެގޮތުން ޔަޢުޤޫބް ޢަލައިހިއްސަލާމް ޔޫސުފް ޢަލައިހިއްސަލާމަށް ހުވަފެންފުޅު ފެނުމުން އެކަން ޔޫސުފްގެފާނުގެ އެހެން އަޚުންނަށް ނުކިޔާދިނުމަށް ވިދާޅުވިއެވެ. ސަބަބަކީ ޙަސަދަވެރިކަމާއިި ފިތުނަ އުފެދިދާނެކަމުގެ ބިރަށްޓަކައެވެ.
ﷲ ތަޢާލާ ޔޫސުފް ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ۖ إِنَّ الشَّيْطَانَ لِلْإِنسَانِ عَدُوٌّ مُّبِينٌ ﴿٥﴾
މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިބާޔަށް ފެނުނު ހުވަފެން ތިބާގެ ބޭބޭމެންނަށް ކިޔައިނުދޭށެވެ! ފަހެ، އެއުރެން ތިބާޔަށް ނުބައި ރޭވުމެއް ރާވައިފާނެތެވެ. ހަމަކަށަވަރުން، شيطان އާއަކީ، އިންސާނާއަށްހުރި، ފާޅުވެގެންވާ عداوة ތެރިއެކެވެ. (5)"