ތިމާގެ ވަޤުތާ ހަކަތަ ތިމާއަށް އެންމެ ފައިދާހުރި ގޮތުގަ ބޭނުންކުރަން ސަމާލުކަން ދޭންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ތިމާގެ ވަޤުތާ ހަކަތަ ތިމާއަށް އެންމެ ފައިދާހުރި ގޮތުގަ ބޭނުންކުރަން ސަމާލުކަން ދޭންޖެހޭނެ ބައެއް ކަންކަން-

އިންސާނުންގެ އެންމެ އަގުހުރި ރައުސުލްމާލުގެ ތެރެއިން އެންމެ ފައިދާހުރި 2 އެއްޗަކީ ވަޤުތާއި ހަކަތައެވެ. ވީމާ އެއިގެ ބޭނުންކުރަންޖެހޭނީ ތިމާއަށް އެންމެ ފައިދާހުރި ގޮތުގައެވެ. ތިމާއަށް އެއިން ފައިދާ ނުކުރާނެ ގޮތަކަށް އެއިން ޛައްރެއްގެ މިންވަރުވެސް ހޭދަކޮށްގެން ނުވާނެއެވެ.

ވީމާ މިފާހަގަކޮށްލަނީ ކޮންމެހެންވެސް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަމެވެ. 

1 ތިބާއަށް ކުރިއެރުމާ ކާމިޔާބީއަށް ނޭދޭ މީހުންނާއިއެކު ވަޤުތު ހޭދަނުކުރާށެވެ! އެފަދަ މީހުންގެ ތާއީދު ހޯދަން ކުރާ މަސައްކަތުން ލިބޭނެ ފައިދާއެއް ނެތެވެ. 

2 އެހެން މީހުން ތިބާއާއިމެދު ދެކޭ ގޮތާއިމެދު ވިސްނަން ހަކަތަ ނަގައިނުލާށެވެ! ކޮންމެ މީހަކުވެސް ވިސްނާނީ އެމީހަކު ވިސްނަން ބޭނުންވާ ގޮތަކަށެވެ. އެކަމަށް އެހެން މީހުން ވިސްނުމަކުން ކުރާނެ ފައިދާއެއް ނެތެވެ. 

3 ތިބާ ދެކެ ލޯބިނުވާ މީހަކާއިއެކު ވަޤުތު ނަގައިނުލާށެވެ! ލޯބިވުމުގައިވެސް އޮތީ ހަމައެގޮތެވެ. ލޯބިވުމަކީ މީހަކު ބުނެގެން ކުރެވޭނެ ކަމެއް ނޫނެވެ. ލޯބިވެވޭނީ އެމީހަކު އެކަމަށް ބޭނުންވެގެންނެވެ. ވީމާ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މީހެއްގެ ލޯބި ހޯދުމަކީ ގަދަކަމުން ކުރެވޭނެ ކަމެއް ނޫނެވެ. 

4 ހަމައެކަނި އެމީހުންނަށް ކަމަކަށް ބޭނުންވުމުން ތިބާ ހޯދާ މީހުންނާއިއެކު ވަޤުތު ނަގައިނުލާށެވެ! އެއީވެސް އެކުވެރިންގެ ތެރޭގައި ތިބޭ ބައެކެވެ. އެމީހުން އެކުވެރިން ހޯދާނީ އެމީހުންނަށް ކަމަކަށް ބޭނުންވުމުންނެވެ. އެފަދަ މީހުންނާއިއެކު އުޅުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 

5 ތިބާއާއި އެއްވެސް ގުޅުމެއް ނެތް ކަންކަމަށް ވިސްނަން ވަޤުތު ނަގައިނުލާށެވެ! ފުރަތަމަ ކަމަކަށް އޮތީ ތިމާއާއި އެކަންކަމާއި ގުޅުންހުރި ކަންކަމަށް ވިސްނުމެވެ. މިއުލެނީ އެފަދަ ކަންކަމަށް ވިސްނާނެ ވަޤުތުވެސް ނެތިގެންނެވެ. ވީމާ ތިމާ އާއި އެއްވެސް ގުޅުމެއް ނެތް ކަންކަމަށް ވިސްނަން ވަޤުތުތައް ބަގައިނުލާށެވެ! 

6 ތިބާއަށް ޝައުޤުވެރިނުވާ މީހުންގެ ސަމާލުކަން ހޯދަން ވަޤުތާއި ހަކަތަ ނަގައިނުލާށެވެ! މިއީވެސް ހަމަ ލޯބިވުން ފަދަ ކަމެކެވެ. ޝައުޤުވެރިވުމަކީވެސް މީހަކު ބުނެގެން ކުރެވޭނެ ކަމެއް ނޫނެވެ. ޝައުޤުވެރިވެސް ވެވޭނީ އެމީހަކު އެކަމަށް ބޭނުންވެގެންނެވެ. ވީމާ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މީހެއްގެ ޝައުޤުވެރިކަން ހޯދުމަކީ ގަދަކަމުން ކުރެވޭނެ ކަމެއް ނޫނެވެ. 

7 އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯތްބެއް ނެތް މީހުންނާއިއެކުގައި ވަޤުތު ނަގައިނުލާށެވެ! މިއީ އެންމެ މުހިންމު ކަންތަކެވެ. އަހުރެމެން އިސްކަންދީ ސަމާލުކަން ބޮޑަށް ދޭންޖެހޭނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ބޮޑަށް އޮންނަ މީހުންނަށެވެ. އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯތްބެއް ނެތް މީހަކާއިއެކު އުޅުމަކީ ދެދުނިޔޭގައި އަމިއްލައަށް ހޯދައިގަނެވޭ އެންމެ ބޮޑު އެއްދެރައެވެ.

ދުނިޔޭގެ ޙަޔާތުގައި މިކަންކަމަށް ސަމާލުކަންދީ ތިމާގެ ވަޤުތާއި ހަކަތައިގެ ބޭނުން ހެޔޮގޮތުގައި ހިފާނަމަ އެމީހަކަށް ދެދުނިޔޭގައިވެސް ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން