އެކުވެރިން ނަމާދުނުކުރާނަމަ އޮތީ އެމީހަކާ ދުރުހެލިވުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
އެކުވެރިން ނަމާދުނުކުރާނަމަ އޮތީ އެމީހަކާ ދުރުހެލިވުންތޯ؟

"އަޅުގަނޑުގެ އެންމެ ގާތް ރަޙްމަތްތެރިޔާ ނަމާދެއް ނުކުރެއެވެ؟ އޮތީ އޭނާ އާއި ދުރުހެލިވުންތޯއެވެ؟"

މިއީވެސް ކިޔުންތެރިންގެ ކިބައިން ލިބޭ ވަރަށް ގިނައިން ލިބޭ ސުވާލެކެވެ. ކިޔުންތެރިންގެ މިސުވާލުގެ ޖަވާބުގައި ބުނަން އޮތީ ރަހްމަތްތެރިޔާ ނަމާދުކުރުމަށް ދެކޮޅު ނުހަދާނަމަ، މިސާލަކަށް ނަމާދުކުރުމަކީ ކުރަން ނުޖެހޭ ކަމެއް ކަމަށް ނުބުނާނަމަ އަދި ތިބާ ނަމާދުކުރަން ހުރަސްއަޅައި ނަމާދުކުރުމާއި ދުރުކުރުވަން މަސައްކަތްނުކުރާނަމަ ދުރުވުމެއް ނެތެވެ. އޮތީ ވިސްނައިދޭން މަސައްކަތްކުރުމެވެ. އޭނާއަށް ހެޔޮ ވިސްނުން ދެއްވެވުން އެދި ދުޢާކުރުމެވެ.

ތިރީގައިވާ ލިޔުން ކިޔައިލާށެވެ! އެ ލިޔުމުގައި އެވަނީ އަވަސްޓެރިޔާގެ ވާހަކައެވެ. ރަޙްމަތްތެރިޔާ އާއިމެދުވެސް ހަމައެ ވިސްނުމުން ވިސްނައި ޢަމަލުކުރާށެވެ.

އަވަށްޓެރިޔާއަކީ ނަމާދު ނުކުރާ މީހެއް ކަމުގައި ވެއްޖެނަމަ ބައެއް ފަހަރު އެމީހަކާއި އެބަ ގުޅުން ކަނޑާލައި މުޅިން ދުރުކޮށްލައެވެ. އެމީހާ އެކަހެރިކޮށްލެވެއެވެ. އަވަށްޓެރިޔާއަށް ދޭންޖެހޭ ޙައްޤުތަކުންވެސް އެބަ މަހްރޫމްކުރެއެވެ!

އެއްގޮތަކަށްވެސް އެގޮތަށް ކަންތައް ނުކުރާށެވެ! އެ ޙާލަތުގައިވެސް އަވަށްޓެރިޔާ އާއި ގުޅުން ކަނޑައި ނުލާށެވެ! އޭނާ އާއި ގުޅުން ކަނޑާލައިފިނަމަ އޭނާއަށް ހެޔޮ ނަޞޭޙަތް ދޭނެ މީހަކުވެސް ނުހުރެދާނެ ކަމަށްޓަކައެވެ.

އަވަށްޓެރިޔާ ނަމާދު ނުކުރާކަން ފާހަގަ ކުރެވިއްޖެނަމަ އޭނާއާއި އިތުރަށް ގުޅުން ބަދަހިކޮށް އޭނާ ލައްވައި ނަމާދުކުރުވަން މަސައްކަތްކުރާށެވެ! އޭނާއަށް އިތުރަށް ވިސްނައިދީ ނަމާދަށް ދަމުން އޭނާވެސް ގޮވައިގެން ނަމާދަށް ދާން މަސައްކަތްކުރާށެވެ!

އިސްލާމް ދީނުގައި އޮތީ އެކެއް އަނެކެއްގެ އަތުގައި ހިފައިގެން ކުރިއަށް ދާން މަސައްކަތް ކުރުމެވެ. އެކަކު އަނެކަކަށް ވާގިވެރިވެ އެހީތެރިވުމެވެ. ކިތަންމެ ބުރަ މަސައްކަތަކުން ނަމަވެސް މީހަކު ލައްވައި ނަމާދުކުރުވިއްޖެ ނަމަ އެކަމުގެ ހެޔޮކަން ހާދަހައިވާ މަތިވެރިއެވެ. އެކަމަށް މަސައްކަތް ކުރި މީހަކަށް ގިނަ ގުނަ ސަވާބާއި ދަރުމަ ﷲ ތަޢާލާ ދެއްވަވާނެތެވެ!

ނަމާދު ނުކުރާ މީހާއަށް ވިސްނައިދީ، ނަމާދުކުރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމުންވެސް އެމީހާ ނަމާދުކުރުމަށް އިންކާރުކޮށްފިނަމަ އޮތީ އެމީހަކާއި ދުރުހެލިވުމެވެ. ގުޅުން ނުބޭއްވުމެވެ. ގުޅުން ބާއްވާނަމަ އެމީހާގެ ކިބައިން ތިމާއަށްވެސް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަމަށްޓަކައެވެ.

އަވަށްޓެރިންގެ ގޮތުގައި ޣައިރު މުސްލިމުން ތިބި ނަމަވެސް އެމީހެއްގެ ކިބައިން ތިބާއަށް ގެއްލުމެއް ނުލިބޭނަމަ އަވަށްޓެރިންގެ ހައިޞިއްޔަތުން ކުރަންޖެހޭ ކަންކަން އަދާކުރުމަކީ ތަފާތުކަމެކެވެ. އެކަން ކުރަންވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން