ޒަވާޖީ ޙަޔާތުގަ ޖެހޭ މައްސަލަތަކާއިމެދު ކުރެވޭ ޝަކުވާތަކަށް ޙައްލު ލިބޭނެ ޢާއިޝަތުގެފާނުގެ ބަސްފުޅު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޒަވާޖީ ޙަޔާތުގަ ޖެހޭ މައްސަލަތަކާއިމެދު ކުރެވޭ ޝަކުވާތަކަށް ޙައްލު ލިބޭނެ ޢާއިޝަތުގެފާނުގެ ބަސްފުޅު-

މިހާރަކަށް އައިސް އެންމެ ގިނަ ބައަކު އެންމެ ގިނައިން ކުރާ ޝަކުވާއަކީ ޒަވާޖީ ހަޔާތާއި ގުޅުންހުރި ޝަކުވާތަކެވެ. ދެމީހުންވެސް ވަޒިފާއަދާކުރަނީއެވެ. އެކުގައި ހޭދަކުރަން ލިބޭ ވަޤުތުތަކުގައި ކުރަނީ ދެމަފިރިންގެ ގުޅުމާއި ގުޅުން ނެތްކަންކަމެވެ.

އޮފީހުގައި ޚިދުމަތްކުރަނީ ވަޒީފާގައެވެ. ގެއަށް އައިސް ތިބެނީ ފޯނުގައެވެ. ވާހަކަދައްކައި ޖަވާބުދެނީ ހިލޭ މީހުންގެ ކޯލްތަކަށާއި މެސެޖްތަކަށެވެ.

އެހެންވެ ދެމަފިރިންގެ މައްސަލަތައް އޮންނަނީ ޙައްލުނުކުރެވިފައެވެ. އެކަކު އަނެކަކަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން އޮންނަނީ ނުދެވިފައެވެ. އެކަމަކުވެސް ލޯތްބާއި އަޅައިލުންވެސް ބޭނުންވެއެވެ. ޙައްލަކީ ޝަކުވާކުރުން ހެއްޔެވެ؟

މިފަދައިން ކުރެވޭ ގިނަ ޝަކުވާތަކަށް ޢައިޝަތުގެފާނުގެ މި ބަސްފުޅުން ޙައްލު ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ.

ރަސޫލް (ﷺ) ގަނޑުވަރުކޮޅުގައި ހޭދަކުރައްވަވާ ވަގުތުތަކުގައި ކުރެއްވެވީ ކޮން ކަމެއްތޯ ޢައިޝަތުގެފާނަށް ސުވާލު ދެންނެވުނެވެ. ޖަވާބުގައި އަޢިޝަތުގެފާނު ވިދާޅުވީ "އާއިލާއަށް ތަފާތު ޚިދުމަތް ކުރެއްވެވުން ކަމަށެވެ. އަދި ނަމާދު ވަގުތު ޖެހުމުން މިސްކިތްކޮޅަށް ވަޑައިގަންނަވާ ކަމަށެވެ."

މި ބަސްފުޅުން އެނގިގެންދަނީ ރަސޫލް (ﷺ) ގަނޑުވަރުކޮޅުގައި ހޭދަކުރައްވަވާ ވަގުތަކުގައި ކުރައްވަވާ ކަމަކީ ޢާއިލާއަށް، އަނބިއަނބިކަނބަލުންނަށް ޚިދުމަތް ކުރެއްވެވުން ކަމެވެ.

ދެން އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ! ތިމާ ގޭގައި ހުރެގެން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ވަގުތު ހޭދަކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟ ނަމާދު ވަގުތު ޖެހުމުން މިސްކިތަށް ދަމު ހެއްޔެވެ؟

--އިސްލާމް އޮންލައިން

މިއަދު އޮންލައިން