ސަރުކާރުގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބަވާނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި މަސައްކަތް ކުރެވޭ ނަތީޖާ ނެރެވޭ ފަދަ ބޭފުޅުން ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމްއިން ގެނެސްދިން 'ދިވެހިންގެ ރާއްޖެ' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބަވާނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި މަސައްކަތް ކުރެވޭ ނަތީޖާ ނެރެވޭ ފަދަ ބޭފުޅުން ކަމަށާއި، ވުޒާރާތަކަށް ވެރިން ހަމަޖެއްސެވި އިރު އިސްކަން ދެއްވީ އެ ދާއިރާއަކާ ގުޅުން ހުރި މަސައްކަތް ކުރައްވައި އެކަމާ ގުޅޭ ތަޖުރިބާ ހުރި ބޭފުޅުން އައްޔަންކުރައްވަން ކަމަށެވެ.
މީގެއިތުރުން ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް، މިހާރު ހުރި މިނިސްޓްރީތައް ބައިކޮށް، އިތުރު މިނިސްޓްރީތައް އުފައްދަވާނެ ކަމަށެވެ. ބައެއް ވުޒާރާތައް ދެ ވުޒާރާއަކަށް ބަދަލުކޮށް އާ ވުޒާރާތަކެއް އުފައްދަނީ ސީރިއަސް އަދި ފޯކަސްޑް މަސައްކަތްތަކެއް ކުރެއްވުން ކަން ހާމަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ އެގޮތަށް އެކަން ކުރައްވަން ނިންމެވީ ވުޒަރާތަކުގެ މަސްއޫލިއްޔަތު މާބޮޑުވެ އެއްކަމެއް ވެސް ރަނގަޅަށް ނުކުރެވޭތީ ކަމަށެވެ.
އިންތިޚާބީ ރައީސް ވިދާޅުވީ އެހެން އެކަން ކުރެއްވި ނަމަވެސް ސިޔާސީ މަގާމުތައް އިތުރު ނުވާނެ ކަމަށާއި، ކުރިން ވެސް އިއުލާނު ކޮށްފައިވާ ގޮތަށް، ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރައްވާނެ ކަމަށެވެ.