އިމާމް ޝާފީގެފާނު ވިދާޅުވިއެވެ. އަނިޔާވެރިވާ މީހުން ބިރުގަންނަންޖެހޭ އަދި އަދި އަނިޔާލިބޭ މީހުން އުފާކުރަންޖެހޭ އާޔަތެއް ޤުރްއާނުގައިވެއެވެ. އެއީ ކޮން އާޔަތެއްތޯ ސުވާލުކުރުމުން ވިދާޅުވީ މިއާޔަތެވެ.
"އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅަށް މެނުވީ، ތިމަންމެން ނުފައިބަމެވެ. ތިމަންމެންގެ ކުރިމަތީގައިވާހާ އެއްޗަކާއި، ތިމަންމެންގެ ފަހަތުގައިވާހާ އެއްޗަކާއި، އެދެމެދުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ."
(މަރްޔަމް: 64)
"-- އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ."
އަނިޔާވެރިވާ މީހުން ބިރުގަންނަންވީ އެމީހުންކުރާ އަނިޔާ ﷲ ތަޢާލާ ދެނެވޮޑިގެންވާތީ އާއި އެކަން ﷲ ތަޢާލާ ހަނދުމަފުޅުވެވޮޑިގެންވާނެތީއެވެ. ހަމައެފަދައިން އަނިޔާ ލިބެމުންދާ މީހުން އުފާކުރަންވީ އެމީހުންނަށް އަނިޔާ ލިބެމުންދާކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީ އާއި އެމީހުންނަށް އަނިޔާ ލިބެމުންދާކަން ﷲ ތަޢާލާ ހަނދުމަފުޅުވެވޮޑިގެންވާނެތީއެވެ.
ހަމަ އެކަނި މިއާޔަތަށް ވިސްނައިލާ މީހަކުވެސް އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން