ޙަޤީޤީ ޙާދިސާ: ބަލާވަރުން ބިރުން ސުވާލުކުރަންޖެހުނު ޒުވާނާއާ އަމިއްލައަށް އެދިގެން ކައިވެނިކުރަންޖެހުނު އަންހެނެއްގެ ވާހަކަ ވަރަށް އަސަރުގަދަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 43ސ
ޙަޤީޤީ ޙާދިސާ: ބަލާވަރުން ބިރުން ސުވާލުކުރަންޖެހުނު ޒުވާނާއާ އަމިއްލައަށް އެދިގެން ކައިވެނިކުރަންޖެހުނު އަންހެނެއްގެ ވާހަކަ ވަރަށް އަސަރުގަދަ-

އަޅުގަނޑުގެ އަވަށްޓެރިއެއްގެ ގޮތުގައި ވަރަށް ފަހުން ދިރިއުޅެން ފެށި މީހެކެވެ. އެނާއަށް އަޅުގަނޑު ފެންނަ ކޮންމެ ފަހަރަކު ކަޅިޖަހާނުލައި ބަލައެވެ. އެހެންވެ ވަރަށް ޖެހިލުންވެއެވެ. ވާހަކަ ދައްކައިފިނަމަ ފަހަތުން އަޅުވާލައިގެން އުލެން ފަށައިފާނެތީ އޭނާ އާއި ސުވާލެއް ކުރަންވެސް މިހުންނަނީ ބިރުންނެވެ. 

މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ 

ޖަވާބުގައި ބުނެލަން އޮތީ ފިރިހެނަކު ތިބާއަށް ސަމާލުކަން ދިންނަމަވެސް ޙަޤީޤަތް ނުބަލައި އެއީ ގޯސްމީހެއްކަމަށް ނިންމޭތަންވެސް އައުދެއެވެ. މިއީ ވަރަށް ދެރަކަމެކެވެ. ފިރިހެނަކު ވިޔަސް އަންހެނަކުވިޔަސް ބެލުމުން ނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް ސަމާލުކަންދީފިނަމަ ފުރަތަމަ ކަމަކަށް ރިވެތި ގޮތުގައި ވާހަކަދައްކައި ސަބަބު އޮޅުންފިލުވާށެވެ. ނުބައެއް އޮތްކަން ފާހަގަކުރެވިއްޖެނަމަ ނުވަތަ އޭނާ ދައްކާ ވާހަކަ ޤަބޫލުކުރެވެން ނެތްނަމަ އިތުރަށް ވާހަކަ ނުދައްކާށެވެ!

ތިރީގައި އެވަނީ ގުޅުން ހުރި ވަރަށް ޢިބްރަތްތެރި ދެ ޙާދިސާއެއްގެ ވާހަކައެވެ. 

މަގުމަތިން ފެނުނު ވޮލެޓެއް ނަގައި ބަލައިލިތަނާ ފުލުހަކާއިއެކު އަންހެނަކު އައިސް އަރާހަމަކުރިއެވެ. އަދި އެއީ އޭނާގެ އަތުން ގެއްލިގެން ހޯދާ ވޮލެޓްކަމަށް ބުންޏެވެ. 

ވޮލެޓް ނެގި ޒުވާނާ ވަގުތުން ވޮލެޓް ދިނެވެ. ވޮލެޓް ބެލިއިރު ވޮލެޓުގައި އެއްވެސް ފައިސާއެއް ނެތުމުން އަންހެން މީހާ ރޯން ފެށިއެވެ. "މީގަ އެއްވެސް ފައިސާއެއް ނެތެވެ. އަހަރެންގެ ދަރިފުޅުގެ ސްކޫލްފީ ދައްކަން ހުރި ފައިސާކޮޅުވެސް އޭނާ އެ ނެގީއެވެ." 

ޒުވާނާ އޭނާގެ ވޮލެޓު ނަގައި 1000 ޑޮލަރު އަންހެންކުއްޖާއަށްދީފައި ބުނީ މިއީ ވޮލެޓުން ނެގި ފައިސާ ނޫން ކަމަށާއި ދަރިފުޅުގެ ސްކޫލްފީ ދައްކަންވީ އެހީއެއް ކަމަށެވެ. ވޮލެޓުގައި ހުރި ފައިސާ ނެތީ ކާކުކަން ނުއެނގޭކަމަށާއި އޭނާ ވޮލެޓު ނެގިއިރު އޭގައި އެއްވެސް ފައިސާއެއް ނެތްކަމަށެވެ. 

އަނެއް ދުވަހެވެ. އަންހެން މީހާ ހެނދުނު ގެއިން ނުކުތްތަނާ ފެނުނީ ހަމަ އެ ޒުވާނާ އޭނާގެ ފަހަތުން ފާރަލަމުން އަންނަތަނެވެ. އެހެންވެ އަވަހަށް ފުލުހުންނަށް ގުޅައިގެން ގެނުވާފައި މިއަދުވެސް އޭނާގެ ދަބަސްވަގަށް ނަގަންވެގެން ފާރަލާކަމަށް ބުންޏެވެ. 

ފުލުހުން ޒުވާނާ އާއި ސުވާލުކުރުމުން ބުނީ ފާރަލި ކަމަށާއި ފާރަލީ މިއަދުވެސް އޭނާގެ ވޮލެޓަށް ފަރުވާ ކުޑަކޮށްލައިފިނަމަ ދަރިފުޅުގެ ފީ ނުދެއްކިގެން ރޯންޖެހިދާނެ ކަމަށެވެ. ޒުވާނާއަކީ ކާކުކަމާއި އޭނާގެ ތަނަވަސްކަން ފުލުހުންނަށް ސާބިތުކޮށްދިނުމުން އަންހެން މީހާއަށް ޖެހުނީ ލަދުގަންނާށެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާކުރި ބޭނުމަކީ ނުބައި މީހުން ކިތަންމެ ގިނަ ނަމަވެސް އެންމެންނާއިމެދު އެއްގޮތަކަށް ނުދެކެން ބުނުމެވެ. އެމީހެއްގެ ކިބައިން ކުށެއް ނުފެންނަ ނަމަ ދޮގު އިލްޒާމްތައް ނާޅުވަން ބުނުމަށެވެ. ޙަޤީޤަތް އެނގުމުން ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވެދާނެތީއެވެ. އެކަން ތަޖުރިބާވެސް ކުރެވިފައި އޮތުމުންނެވެ! 

އަޅުގަނޑުގެ ގޭދޮށުން ފެންނަން ފެށި ޒުވާނަކު އަޅުގަނޑަށް ހަމަ ކަޅި އަޅަނީއެވެ. ފެނިއްޖެނަމަ އެހެން ދިމާއަކަށް ނުވެސް ބަލައެވެ. އެހެންވެ ޝައްކުކުރެވުނީ އޭނާ އަޅުގަނޑާއި ބެހެން އުޅޭކަމަށެވެ. އަދި އޭނާއަކީ ވަރަށް ގޯސް ޒުވާނެއް ކަމަށެވެ. އެހެންވެ ބިރުގަންނަންވެސް ފެށިއެވެ. 

އެއްރޭ ދެމީހުން އެކަނި މަގުމަތިން ބައްދަލުވުމުން ޒުވާނާ އާއި ސުވާލުކުރީމެވެ. "ތިއަހާވަރަށް އަހަރެންނަށް ބަލަނީ ކީއްވެގެން ހެއްޔެވެ؟ މިހާރު ތިބާ ދެކެ އެބަ ބިރުވެސް ގަނެއެވެ." 

ޒުވާނާ ދިން ޖަވާބުން އަހަރެންގެ ހިތް ދިއައީ ފަޅައިގެންނެވެ. "އަންހެނަކު ދެކެ އަހަރެން ވަރަށް ބޮޑަށް ލޯބިވީމެވެ. އޭނާވެސް އަހަރެންދެކެ ވަރަށް ބޮޑަށް ލޯބިވިއެވެ. ކައިވެނިވެސް ކުރެވުނެވެ. ނަމަވެސް އޭނާވީ ވަރަށް އުމުރުކުރު އަންހެނަކަށެވެ. ކައިވެންޏަށް 2 އަހަރުގައި ދުނިޔެ ދޫކޮށްފިއެވެ. 

އަހަރެން އަދިވެސް މިހުރީ އެކަމުގެ ހިތާމައިގައެވެ. 3 އަހަރުފާއިތުވީއިރުވެސް އަހަރެންގެ ލޮލަށް ހަމަނިންޖެއް ނުލިބެއެވެ. ރަނގަޅަކަށް ނުވެސް ކެވެއެވެ. ތިބާ އޭނާ އާއި ވަރަށް ވައްތަރެވެ. ސިފަ ވަރަށް އެއްގޮތެވެ. އެހެންވެ ބެލެނީއެވެ. އެކަމުން އުނދަގޫވިކަމަށްޓަކައި ވަރަށް ބޮޑަށް މާފުކުރާށެވެ!" 

އަޅުގަނޑަށް އަސަރުކުރީ އަޅުގަނޑަކީ ޒަވާޖީ ޙަޔާތުގައި ލިބުނު އަނިޔާތަކަށް ކެތްނުކުރެވިގެން އެކަނިވެރިވެފައި އިން އަންހެނަކަށްވާތީއެވެ. އަޅުގަނޑަށް ކައިވެނިކުރެވުނު މީހާ ލޯބި ނުދަންނައިރު ދުލާއި ހަތަރެސްފައިން އަނިޔާކުރިއެވެ. އެނޫންކަމެއް ކުރަން އޭނާއަށް އެނގޭ ކަމަކަށް ނުވެއެވެ. 

އެހެންވެ އަޅުގަނޑު އިސްވެ ޒުވާނާ އާއި ގުޅުން ބަދަހިކުރަން ހުށަހެޅީމެވެ. އެކަން އޭނާ ޤަބޫލުކުރިއެވެ. ފަހަރެއްގައި އެއީ އޭނާގެ ލޯބިވެރިޔާ އާއި އަޅުގަނޑު ވައްތަރުވުމުން ކަމަށްވެސްވެދާނެއެވެ. 

ކޮންމެއަކަސް އަޅުގަނޑުމެން މިތިބީ ކައިވެނިކޮށްގެންނެވެ. ވޭތިކުރަމުން މިގެންދަނީ އުފާވެރި ދުވަސްތަކެކެވެ. 

އަޅުގަނޑުގެ ބަސްކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކޮށްފިނަމަ އަޅުގަނޑުގެ ބޭނުން ފުދުނީއެވެ.

 

- ނިރޯޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން