ބައެއް މުސްލިމުންނަށް ޤަބޫލުކުރެވޭ ގޮތުގައި ފަލަސްޠީނުގެ މައްސަލަ ޙައްކުރެވޭނީ މަޙްދީގެފާނު ފައުޅުވެވަޑައިގަތުމުންނެވެ. ފަލަސްޠީނުގެ މައްސަލަ ޙައްލުކުރައްވަވާނީ މަޙްދީގެފާނެވެ.
އަހުރެން މިބުނާ ވާހަކައަކީ ފަލަސްޠީނުގެ ރައްޔިތުންނަށް މިހާރު ޖައްސަމުން އެދާ ޙާލު ޖައްސުވަމުން ގެންދާއިރު އެޙާލަތުން އެމީހުން ސަލާމަތް ކުރެވޭނީ މަހްދީގެފާނު ފައުޅުވެވަޑައިގަތުމުން ކަމަށް ބަލައި އަތް އުރާލައިގެން ތިބުން ހުއްދަވަނީ ކޮން ގޮތަކުން ހެއްޔެވެ؟
މަހްދީގެފާނު ފައޫލުވެވަދައިގަންނަވާނީ ކޮންއިރަކުންކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެފަދަ ވިސްނުންތައް ގެންގުޅޭނަމަ އެބުނެވެނީ ކުރިމަތިވާ މުޞީބާތްތައް ﷲ ތަޢާލާ ފައުޅުކުރައްވަވާ މުޢްޖިޒާތަކުން ނުވަތަ އާދަފޫވައްޓާލައިފަނިވި ކަމަކުން ފިއްލަވަންދެން އެކަމުން ސަލާމަތްވާން އެއްވެސް މަސައްކަތެއް ނުކޮށް ތިބެންވީކަމަސް ނޫންހެއްޔެވެ؟ އެއީ ކޮންގޮތަކުން ހުއްދަ ކަމެއް ހެއްޔެވެ؟
މުސްލިމުންނަކީ އެފަދަ ވިސްނުމަކުން ވިސްނައިގެންވާނެވެސް ބައެއް ނޫނެވެ. މުސްލިމުންނަށް އޮތީ ﷲ ތަޢާލާ ތިމާގެ ނުވަތަ ތިމާމެންގެ ކަންކަން ހެޔޮގޮތަކަށް ބަދަލުކުރައްވަވަންދެން އެކަމަށް މަސައްކަތްނުކޮށް ތިބުމެއް ނޫނެވެ. އެކަމެއް ހައްލުކުރަން އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމެވެ.
އެހެން ނޫންނަމަ އެނގިގެން އެދަނީ އެމީހާގެ ހުރި ކަންނެތް ކަމެވެ. ޒިންމަދާރުކަން ކުޑަކަމެވެ. ވާޖިބު އަދާނުކުރާކަމެވެ. މިއިން ކޮންމެ ކަމަކީވެސް ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނެ ކަންކަމެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން