ދެމަފިރިންގެ މެދުގަ މައްސަލަ ޖެހުމުން ދަރިންނަށް އަނިޔާވެރިވާއިރު އަނިޔާ މިކުރެވެނީ ﷲ ތަޢާލާ އިންތިހާއަށް ލޯބިވެވޮޑިގެންވާ ފުރާނަތައް ދެކެކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ދެމަފިރިންގެ މެދުގަ މައްސަލަ ޖެހުމުން ދަރިންނަށް އަނިޔާވެރިވާއިރު އަނިޔާ މިކުރެވެނީ ﷲ ތަޢާލާ އިންތިހާއަށް ލޯބިވެވޮޑިގެންވާ ފުރާނަތައް ދެކެކަން އެނގޭތަ؟

ﷲ ތަޢާލާ ކުޑަކުދިންނަށް އިންތިހާއަށް ލޯބިވެވޮޑިގެންވެއެވެ. ރަސޫލް ﷺ މިޢްރާޖް އަރާވަޑައިގެންނެވިރޭ އެކަން ވަނީ ދައްކަވައިފައެވެ. އިބްރާހީމްގެފާނު ހުންނެވީ ކުޑަކުދިންގެ ޢުމުރުގައި މަރުވި ކުޑަކުދިންނާއިއެކުގައެވެ. މިއީ އެކުދިންނަށް ދެއްވެވި ޚާއްޞަ މަޤާމެވެ.

އަދި ކީއްހެޔެވެ؟ ޤިޔާމަތް ދުވަހު އެކުދިންގެ މައިންބަފައިން ސުވަރުގެ ވައްދަވައި ދެއްވެވުން އެދި އެކުދިން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަތެވެ. މިނިޢްމަތް ލިބޭނީ ﷲ ތަޢާލާ ދެއްވަވާ ކުދިންނަށެވެ. މާނައަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުނު މައިންބަފައިންނަށެވެ.

ކިތަންމެ ސިއްރުން ނަމަވެސް ދަރިންނަށް ނުބައި ބަސްތައް ބުނެ އަނިޔާ ނުކުރާށެވެ! ދުނިޔޭގެ އެންމެންނަށް އެކަން ސިއްރުކުރެވުނު ނަމަވެސް 7 އުޑުމަތިން ﷲ ތަޢާލާ އެކަން ބައްލަވައިވޮޑިގެންވެއެވެ. އެހެންކަމަށްވާއިރު ކުޑަކުދިންނަށް އަނިޔާވެރިވުމަކީ އެމީހަކަށް ﷲ ތަޢާލާގެ ކޯފާ ވަގުތުންވެސް ބާވައިލައްވަވައިފާނެ ކަމެކެވެ!

ދެމަފރިންގެ މެދުގައި ޖެހޭ މައްސަލަތަކާއި ގުޅިގެންވެސް ބައެއްފަހަރު ދަރިންނަށް އެބަ އިހާނެތިކޮށް ކަންކަން ކުރެވެއެވެ. ނުބައިބަސްތައް އެބަ ބުނެއެވެ. ތަޅާ އަނިޔާވެސް އެބަ ކުރެއެވެ. ނިކަން ވިސްނައިލަބަލާށެވެ! ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކާއި ދަރިންނާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެކުދިންގެ ކުށަކީ ކޮބާހެއްޔެވެ؟

މިހާރަކަށް އައިސް ބައެއް ކުޑަކުދިން އެމީހުންގެ މައިންބަފައިން އެމީހުންނަށް ނުބައިބަސްބުނެ ހަޑިހުތުރު ނަމުން ގޮވައި މައިންބަފައިން ކޮށްދޭންޖެހޭނެ ކަންކަން ކޮށް ނުދޭނެ ކަމަށް ބުނާކަމުގެ ޝަކުވާ އެކުދިން އެބަ ކުރެއެވެ. މިއީ އެމީހަކަށް ﷲ ތަޢާލާ ޢަޛާބު ދެއްވަވާނެ ކަމެކެވެ.

ހަމައެކަނި ދަރިންނަކަށް ނޫނެވެ. އެއްވެސް މީހަކަށް އެފަދަ ބަސްތައް ނުބުނާށެވެ! އެއީ ﷲ ތައާލާ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ.

މައިންބަފައިން ނުރުހޭ ކަމެއްވެސް ދަރިންނަށް ކުރެވިދާނެއެވެ. އެފަދަ ޙާލަތުގައިވެސް ދަރިންނާއި މުޢާމަލާތުކުރަންވާނީ އިންޞާފުންނެވެ. މައިންބަފައިންގެ ކިބައިގައި ތަނަވަސްކަން ހުރުމުން ދުވަހަކުވެސް ދަރިންގެ އެހީތެރިކަން ބޭނުން ނުވާނެކަމަށް ދެކެގެން ނުވާނެއެވެ. އެކުދިންނާއިމެދު ނުބައިކޮށް އަމަލުކޮށް ނުބައި ބަސްތައް ބުނެގެން ނުވާނެއެވެ. އެކުދިންގެ ހިތުގައި ނަފްރަތު އުފެދޭނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

ކުރި ކުށަކަށް ޙައްޤު އަދަބުދޭށެވެ! އެއިރުން އެވަގުތު ކުއްޖާ ނުރުހުނު ނަމަވެސް ބޮޑުވުމުން އެކަން މައިންބަފައިން ކުރި ސަބަބު ވިސްނި ތަޢްރީފްވެސް ކުރާނެއެވެ. އަދި ކީއްހެއްޔެވެ؟ ކޮންމެ ކުޑަކުއްޖަކީވެސް ﷲ ތައާލާގެ ރަޙްމަތުގައިވާ ކުއްޖެކެވެ. ކުއްޖާ އާއިމެދު ޢަމަލުކުރާގޮތް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އަނިޔާވެރިވެއްޖެ ނަމަ އެކަމަށް ޢަޛާބު ދެއްވަވާނެތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން