ޤިޔާމަތް ދުވަހު ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމުން ސަލާމަތްވާން ގިނަ ބައަކަށް އުނދަގޫވާނެ-!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޤިޔާމަތް ދުވަހު ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމުން ސަލާމަތްވާން ގިނަ ބައަކަށް އުނދަގޫވާނެ-!: މުފްތީ މެންކް

ދުނިޔޭގައި ދިރިއުޅެމުންދާއިރު ތިބާ ހިތް ނުރުހޭ ފަދަ މީހުންނާއި ބައްދަލުވާނެއެވެ. ޤަޞްދުގައި ތިބާއަށް ގެއްލުންދޭނެ މީހުންވެސް ތިބޭނެއެވެ! އަދި އަނިޔާވެރިވާނެ މީހުންވެސް ތިބޭނެއެވެ. އެއީ ތިބާ އިމްތިޙާން ކުރެއްވެވުމަށެވެ. އެފަދަ މީހަކާއިމެދުގައިވެސް ނުބައިކޮށް އެއްވެސް ކަމެއް ނުކުރާށެވެ! އިންޞާފުން ކަންކަން ކުރާށެވެ! އެއީ ރަނގަޅު މީހަކު ނޫންނަމަ އެމީހަކާއި ދުރުހެލިވާށެވެ!

އެއްވެސް މީހަކާއިމެދު ނުބައިކޮށް ޢަމަލުކުރެވި، އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ ޤިޔާމަތް ދުވަހު އެކަންކަމަށް ބަދަލުދޭންޖެހޭނެއެވެ. އަނިޔާވެރިވުމުގެ ހިތުގައި ޖެއްސިފައިވާނަމަވެސްމެއެވެ. ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ ބަދަލުދޭންޖެހޭނީ ތިބާކުރި ހެޔޮ ޢަމަލުތަކުން ކަމެވެ. ލުއިވެގެންދާނީ ތިބާކުޅަ ހެޔޮ ޢަމަލުތަކުން ކަމެވެ.

ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވާނީ އެމީހަކު އެހެން މީހުންނާއިމެދު ޢަމަލުކޮށްފައިވާ ގޮތެވެ. ވީމާ އެއްވެސް މީހެއްގެ ހިތުގައި ޖެހޭ ފަދަ ޢަމަލެއް ނުކުރާށެވެ! އެފަދަ ބަހެއްވެސް ނުބުނާށެވެ! ވީހައި ރަނގަޅަކަށް މީހުންނަށް ކަންތައް ކުރާށެވެ! ވެވުނުވަރަކުން އެހީތެރިވާށެވެ! އެއްވެސް މީހެއްގެ ޙައްޤަކަށް އަރައި ނުގަންނާށެވެ!

އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެފަދަ ކަމެއް ނުކުރުމާއި އަނިޔާވެރި ނުވުންވެސް ހިމެނިގެންވަނީ ހަމަ އަޅުކަމުގެތެރެއިންނެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ތެރެއިންނެވެ. ޔަޤީންކަމަކީ އެފަދަ ކަމެއް ނުކުރާ މީހާގެ ކިބައިން އެކަންކަމަށް ބަދަލު ހޯދަން އަންނާނެ ބައަކު ޤިޔާމަތުގެ މައިދާނުގައި ނުތިބޭނެ ކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން