ފަލަސްޠީން ފަތަހަވުމުން ޢުމަރުގެފާނު ދެއްކެވި ނަމޫނާ މިވަޤުތު މުސްލިމް ވެރިން ދައްކައިފިނަމަ އެތައް މިލިއަން ބައަކު އިސްލާމްވުމުގެ ފުރުޞަތު ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ފަލަސްޠީން ފަތަހަވުމުން ޢުމަރުގެފާނު ދެއްކެވި ނަމޫނާ މިވަޤުތު މުސްލިމް ވެރިން  ދައްކައިފިނަމަ އެތައް މިލިއަން ބައަކު އިސްލާމްވުމުގެ ފުރުޞަތު ވަރަށް ބޮޑު!

އަހުރެމެން މިއަދު ކުރަން އޮތް އެއްކަމަކީ ފަލަސްޠީން މުސްލިމުންނަށް ފަތަޙަކުރެވުމުން ފަލަސްޠިނާއި ޙަވާލުވެވަޑައިގަންނަވަން އަހުރެމެންގެ ދެވަނަ ޚަލީފާ އަމީރުލްމުއްމިނީން ޢުމަރުގެފާނު ފަލަސްޠީނަށް އަރައިވަޑައިގެންނެވި ގޮތް ހަނދުމަކުރުމެވެ. 

ތުރުކުރައްވައިގެން ހުންނެވި ލިބާސްކޮޅުގައި ވަނީ 12 ތަނުގައި ފޮތިއަޅައިފައެވެ. ދަތުރުފުޅު ކުރެއްވެވި ސަވާރީގައި އިނީ އަރިއަހުގައި ގެންދެވި މީހާއެވެ. ޢުމަރުގެފާނު ހުންނެވީ ސަވާރީގައި ޖަހާފައިވާ ވައުފަށުގައި ހިއްޕަވައިގެން ބިންމަތީގައި ހިންގަވާށެވެ. 

އަރިއަހުގައި ގެންދެވި މީހާ އަމީރުލް މުއްމިނީން އާއި ބައްދަލުކޮށް މަރުޙަބާ ކިޔަން މީހުން ނުކުންނާނެ ކަމަށާއި ސަވާރީގައި އިންނަވަންވާނީ ޢުމަރުގެފާނު ކަމަށް ދެންނެވުމުން ވިދާޅުވީ ނޫނެކެވެ. މިއީ ތިބާ ސަވާރީގައި އިންނަން ތިބާއަށް ލިބިދޭ ފުރުޞަތެވެ. މިމޭރުމުން ވިދާޅުވީ ދަތުރުފުޅުގައި އެކަކު ހިނގަހިނގައި ވަރުބަލިވުމުން އޭނާ ސަވާރީގައި އިށީނދެފައި އަނެކަކު ހިނގާ އުޞޫލުން ދަތުރުފުޅު ކުރެއްވެވީތީއެވެ. 

އަމީރުލްމުއްމިނީން ކަމަށް ހީކޮށް މީސްތަކުން ނުކުމެ މަރުޙަބާކީ ސަވާރީގައި އިންމީހާއަށެވެ. އޭނާއަށް ޖެހުނީ އަމީރުލް މުއްމިނީން އަކީ އޭނާ ނޫން ކަމާއި ވައުފަށުގައި ހިއްޕަވައިގެން އެހިންގަވަނީ ކަމަށް މީސްތަކުންގެ ގާތުގައި ބުނާށެވެ! އެކަންވެގެންދިއައީ މީސްތަކުންނަށް ފެނުނު އާދަފޫވައްޓާލަނިވި ކަމަށެވެ. އެކަމުގެ ސަބަބުން މީސްތަކުންނަށް އަމީރުލްމުއްމިނީންގެ ހިތްޕުޅު ތިރިކަން އެނގުމުން އެމީހުންގެ ހިތްތަކުގައި އަމީރުލްމުއުމިނީންގެ މައްޗަށް އިންތިހާއަށް ލޯބިއުފެދިގެންދިއައެވެ. 

ނިކަން ބުނެބަލާށެވެ! މިފަދަ ސިފައަކާއި ގާތްކުރާވަރަށްވެސް ހިތްތިރިކަން ހުރީ މުސްލިމުންގެ ކޮން ވެރިއެއްގެ ކިބައިގައި ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ޒަޔަނިސްޓް ޓެރަރިސްޓުން ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށް ހުސްކުރަމުން ގެންދާއިރު މުސްލިމުންގެ ވެރިންގެ ކިބައިން ކަންބޮޑުވުމެއް އެބަފެނޭހެއްޔެވެ؟ އެދުވަހު އަމީރުލް މުއްމިނީން މީސްތަކުންނަށް ދައްކަވައި ދެއްވެވި ނަމޫނާގައި ހިފެހެއްޓޭ އެއްވެސް ވެރިއަކީ ކޮބައިހެއްޔެވެ؟ 

އަދިވެސް މުސްލިމުންނަށް ނަޞްރު ލިބުން އޮތީ މުސްލިމުންގެ ވެރިންގެ ކިބައިން މިބަޔާންކުރި ފަދަ ސިފަތައް ފެނިގެންނެވެ. މިފަދަ އެއްވެސް ސިފައެއް ނެތިވެސް ދުނިޔޭގެ އާބާދީގައި ހިމެނޭ މުސްލިމުން ނޫން އެތައް މިލިއަން މީހުން މިހާރު އެގެންދަނީ މުސްލިމުންނާއިއެކުގައި ތިބިކަން އެކި ގޮތްގޮތަށް ހާމަކުރަމުންނެވެ. 

ވީމާ މިވަޤުތަކީ މުސްލިމް އުންމަތުގެ ވެރިން ފުރުޞަތުގެ ބޭނުން ހިފައި އެއެންމެން ﷲ ތަޢާލާގެ މަގަށް ގެންނަން ﷲ ތަޢާލާ މިންވަރުކުރެއްވެވި ފުރުޞަތެއް ކަމަށް ދެކެގެން އަމީރުލް މުއްމިނީންފަދަ ބައަކަށް ވެއްޖެނަމަ އިސްލާމް ދީނަށް ހާދަ ބޮޑު ނަޞްރެއް ލިބިގެންދާނެއެވެ. އެތައް މިލިއަން ބައަކު އިސްލާމްވާނެއެވެ! އިން ޝާ ﷲ

މިއަދު އޮންލައިން