ކަމެއް ދިމާވުމުން ބަލަންޖެހޭ ފާލަ އަމިއްލައަށް ބަލާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ކަމެއް ދިމާވުމުން ބަލަންޖެހޭ ފާލަ އަމިއްލައަށް ބަލާނެ ގޮތް-

އެއީ ބޮޑު ފާފައަކަށްވީ ނަމަވެސް ސިހުރުވެރިންގެ ގާތަށް ގޮސް ފާލުބަލައި ސިހުރުވެރިޔާގެ އެހީތެރިކަން ހޯދާ މީހުން މަދެއް ނޫނެވެ. ކުރަން ބޭނުންވާ ކޮންމެވެސް ކަމެއް ނުކުރެވުމުން ނުވަތަ ކޮންމެވެސް ބާވަތެއްގެ ދަތި އުނދަގޫތަކެއް ކުރިމަތިވުން ނުވަތަ ހިތާމައާއި ހިތްދަތިކަން ކުރިމަތިވުން ފަދަ ކަންކަން މެދުވެރިވުމުންނެވެ.

އީމާންކަން ބަލިކަށިނަމަ މިފަދަ ކޮންމެ ޙާލަތެއްގައިވެސް ފާލުބަލަން ބޭނުންވެދާނެއެވެ. އެއީ ކޮންމެ ކަމެއްވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމާއި ޙައްލު ވަނީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ޤަބޫލުނުކުރެވޭތީއެވެ.

މިބުނެދެނީ އެފަދަ ޙާލަތުގައި ފުރަތަމް ބަލަން ޖެހޭ ފާލެވެ. އެއީ ތިމާ އާއި ކީރިތި ޤްރުއާނާއި އޮތް ގުޅުން ބެލުމެވެ. ބަލަންވީ އެ ގުޅުން ހަމަ އެބައޮތްތޯއެވެ؟ އަބަދުވެސް ބާއްވާ ވަރަށް އެބަ ބޭއްވޭތޯއެވެ؟ ބޭއްވެނީ ކިހައިވަރަކަށްތޯއެވެ؟

ބަލަންޖެހޭ ދެވަން ފާލަކީ ތިމާއަށް ﷲ ތަޢާލާ ހަނދުމަ ކުރެވޭ މިންވަރެވެ. އަޅުކަން ކުރެވޭ މިންވަރެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތް ކުރެވޭ މިންވަރެވެ. ފަރުޟޫ ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުތައް ޚާއްޞަކޮށް ދަމުނަމާދުކުރެވޭތޯއެވެ! ޛިކުރުތައް ކިޔޭތޯއެވެ.

ﷲ ތަޢާލާ އާއި ކުއްތަންވާށޭ ބުނީމާ ބައެއް މީހުންނަށް އެބަހުގެ މާނަ އެބަ އޮޅެއެވެ. ވީމާ ތަންކޮޅެއް ތިލަކުރާނަމެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަކީ ކީރިތި ޤްރުއާނާއި ގުޅުން ބަދަހިކުރުމެވެ. ކީރިތި ޤްރުއާނަށް އަމަލުކުރުމެވެ. އަހަރެމެން އެއްވެސް މީހެއްގެ ލޮލަކަށް ﷲ ތަޢާލާގެ ޒާތުފުޅު، ސުވަރުގޭގައި ނޫނީ ނުފެންނާނެއެވެ. ކީރިތި ޤްރުއާން އަހަރެމެންނަށް ދެއްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. ކީރިތި ޤްރުއާނާއި ކުއްތަންވީ ވަރަކަށް ދާނީ ﷲ ތަޢާލާ އާއި ކުއްތަންވެވެމުންނެވެ.

ކީރިތި ޤްރުއާނާއި ކައިރިވީ ވަރަކަށް ރަސޫލް (ﷺ(ގެ ސުންނަތަށް ދާނީ ލޯބި ޖެހެމުންނެވެ. ލޯބި އިތުރުވަމުންނެވެ. ހަމަ އެއާއިއެކު ސުންނަތަށް ލީބިކުރި ވަރަކަށް ކީރިތި ޤްރުއާނާއި ދާނީ ގުޅުން ބަދަހިވަމުންނެވެ. މިއީ ޗޭނުގެ ދެބޮޅެވެ. ވަކި ނުކުރެވޭނެއެވެ. އެކަން ކީރިތި ޤްރުއާނުން އެނގޭނެއެވެ.

 

ވީމާ ކީރިތި ޤްރުއާނާއި ކައިރިވެވިއްޖެ ނަމަ ސިހުރުވެރިންގެ ގާތުން އެއްވެސް ކަމަކަށް އެދޭކަށް ނުޖެހޭނެއެވެ. ސިހުރުވެރިން ލައްވައި ފާލުބަލާކަށް ނުޖެހޭނެއެވެ. މިބުނި މަގުން ތިމާގެ ޙާލަތު ތިމާ އަމިއްލައަށް ބެލުމުން ހުރިހާ ފާލެއް ބެލުނީއެވެ. އެކަންކަން އެންމެ ރަނގަޅަށް ބެލޭނީ ތިމާއަށެވެ. ހައްލުވެސް އެނގޭނެއެވެ. ކުރަންވީ ކަންކަން ވެސް އެނގޭނެއެވެ.

އިތުރު އެހީއެއް ބޭނުން ނަމަ އިމާމެއްގެ އިރުޝާދު ހޯދާށެވެ! ދީނީ ޢިލްމުވެރިންގެ އެހީތެރިކަން ހޯދާށެވެ! ސިހުރުވެރިންގެ ގާތަށް ގޮސް ފާލަބަލައި 40 ދުވަސްވަންދެން އެމީހާ ކުރާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެ ދަރަޖައަށް އަމިއްލައަށް ވެއްޓިނުގަންނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން