އަނބިންނަކީ ފިރިންގެ މިލްކެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ޙަޤީޤަތް ނުއެނގި ތިބެ ދައްކާ ވާހަކަތަކެކެވެ. އެހެނީ އެއްވެސް އިންސާނަކީ އަނެއް އިންސާނެއްގެ މިލްކެއް ނޫނެވެ. އަދި ކޮންމެ އިންސާނަކީވެސް ﷲ ތަޢާލާގެ މިލްކެކެވެ.
އަންހެނުންނަށް މިބާވަތުގެ ވާހަކަތައް ކިޔައިދީގެން އެމީހުންނަކީ މިނިވަނުން ކަމަށް ދައްކުވަން ބާޒާރަށް ނެރެ ވިއްކަނީއެވެ. ކުރަނީ ފާފައެވެ. އެއިރުން އެވާގޮތް އެނގޭހެއްޔެވެ؟ އޭނާގެ މިލްކުވެރިފަރާތަށް އޭނާ ނުކިޔަމަންތެރިވަނީއެވެ. ސަބަބަކީ އެއްވެސް އިންސާނަކަށް ފާފަކުރުމުގެ ހުއްދަ ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ.
އަހުރެންނަކީވެސް ﷲ ތަޢާލާގެ އަޅަކީމެވެ. އަހުރެންގެވެސް މިލްކުވެރި ފަރާތަކީ ﷲ ތަޢާލާއެވެ. އަހުރެން އެއްވެސް ފާފައެއް ކުރާނަމަ އެކަން އެކުރަނީ އަހުރެންގެ މިލްކުވެރިފަރާތާއި ދެކޮޅަށެވެ. ފާފަކުރުމުން ޢަޛާބް ދެއްވަޥާ ސަބަބަކީވެސް އެއީއެވެ. ﷲ ތަޢާލާގެ މިލްކެއްގެ ބޭނުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ގޮތަށް ހިފާތީއެވެ.
ލޮބުވެތި ކަނބަލުންނޭވެ! އަނބިންނޭވެ! ފާފަނުކުރަންވީ ފިރިމީހާއަށްޓަކައެއް ނޫނެވެ. ތިބާއަކީވެސް ﷲ ތަޢާލާގެ މިލްކަކަށްވާތީ ތިބާގެ މިލްކްވެރިފަރާތަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. ތިބާއަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަންނަން ބޭނުންވާނެ މީހަކު ކަމުގައިވާތީއެވެ. ސުވަރުގެ ވަންނަން ބޭނުން ނޫންނަމަ ދިރިހުރިހައި ހިނދަކު ފާފަކުރަމުން ގެންދަންވީއެވެ. ތިބާ ފާފަކުރުމާއި ފިރިމީހާގެ އަޅަކަށްވުމާއި ނުވުމާއިމެދު އެއްވެސް ގުޅުމެއް ނެތެވެ.
މިއަދު ގޮތް ނިންމުން އޮތީ ތިބާއަށެވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާ ތިބާއާއިމެދު ގޮތް ނިންމަވާނީ މިއަދު ތިބާ ގޮތް ނިންމައި ޢަމަލުކުރި ގޮތުގެ މައްޗަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން