ޔޫސުފް ސޫރަތުގައިވާ ތަރުބަވީ މިސާލުތައް 3

ކިޔުމަށް ހޭދަވާނީ 3މ 51ސ
ޔޫސުފް ސޫރަތުގައިވާ ތަރުބަވީ މިސާލުތައް 3

ޢާއިޝަތު ރަފާޙް ޢަލީ

 

· ޔަޢްޤޫބްގެފާނުގެ އަރިހުން ޔަޢްޤޫބްގެފާނުގެ ދަރިކަލުންތައް މަޢާފައް އެދުން 

ޔޫސުފްގެފާނުގެ އަޚުން ޔޫސުފްގެފާނު ގެންގޮސް ވަޅަށް ވައްޓަވައިލެއްވިއެވެ. އަދި ޔަޢްޤޫބްގެފާނުގެ އަރިހަށް އައިސް އެކަމާ ދޮގުހެދިއެވެ. ނަމަވެސް ފަހުން މަޢާފަށް އެދުނެވެ. 

އެގޮތުން ޔޫސުފް ސޫރަތުގެ 97 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

قَالُوا يَا أَبَانَا اسْتَغْفِرْ لَنَا ذُنُوبَنَا إِنَّا كُنَّا خَاطِئِينَ ﴿٩٧﴾‏ قَالَ سَوْفَ أَسْتَغْفِرُ لَكُمْ رَبِّي ۖ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٩٨﴾‏

މާނައީ: "އެއުރެން ދެންނެވޫއެވެ. އޭ އަހުރެމެންގެ ބައްޕާއެވެ! ތިމަންމެންނަށް ތިމަންމެންގެ ފާފަތައް ފުއްސެވުމަށް، ކަލޭގެފާނު دعاء ކޮށްދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެންވީ ކުށްވެރިން ކަމުގައެވެ. (97) އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށްއެދި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވާހުށީމެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. (98)" 

· އެސްފީނާއިން ސަލާމަތްވުމަށްޓަކައި ޔޫސުފްގެފާނުގެ އަޚުންނަށް މިޞްރަށް ވަންނައިރު ތަފާތު ދުރޯށިތަކުން ވަނުމަށް އެންގެވުން 

ޔަޢްޤޫބް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުންތަކަށް މިޞްރަށް ވަންނައިރު ތަފާތު ދޮރޯށިތަކުން ވަނުމަށް އެންގެވިއެވެ. އެކަމުން ވެސް އެނގިގެންދަނީ ޔަޢްޤޫބް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ހުރިހާ ދަރިކަލުންނަށް ބެހެއްޓެވި އޯގާތެރިކަމެވެ. 

ޔޫސުފް ސޫރަތުގެ 67 ވަަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ ﴿٦٧﴾‏

މާނައީ: "އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި اللَّه ގެ حضرة ން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި وكيل ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކުރާހުށިކަމެވެ! (67)"

މިއަދު އޮންލައިން