މީސްތަކުންނޭވެ! ކައްބާއަށް މީހަކު ކިތަންމެ ކުޑަ ގެއްލުމެއް ދިންނަމަވެސް ދުނިޔޭގެ ހުރިހާ މުސްލިމުން އިންތިހާއަށް ކަންބޮޑުވެގެން ތެޅިފޮޅޭނެއެވެ. އެންމެ ގައި ބުރިއެއް ނައްޓާލަން އުޅުނަސް މޮޔަވާވަރުވާނެއެވެ.
ނަމަވެސް ކޮންމެ ދުވަހަކު އެތައް ސަތޭކަ މުސްލިމުން ޝަހީދުކުރަމުން ގޮސް މަހެއްހައި ދުވަހުގެ ތެރޭގައި 11000 މުސްލިމުންގެ ލޭ އޮހޮރުވައި ޝަހީދުކުރުމުން އެބަ ކަންބޮޑުވެވޭހެއްޔެވެ؟ މިވަނީ ކިހިނަކުން ހެއްޔެވެ؟
އަހުރެމެންގެ ދީނުން އެނގެން އޮތް ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި މިކަން އޮތީ މިގޮތަކަށް ނޫނެވެ. ކަޢުބާ އެކުގައި ތަޅައިލުމަށްވުރެ މުސްލިމެއްގެ ގައިން އޮހޮރުވާ އެންމެ ލޭތިއްކެއްގެ އަގު ﷲ ތަޢާލާގެ ޙަޟްރަތުގައި މާބޮޑެވެ.
ވީމާ ފަލަސްޠީނުގެ މުސްލިމުން ޝަހީދުކުރަމުން ގެންދާ ގެންދިއުމަކީ ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭނެ ކަމެކެވެ. އަދި ދުނިޔޭގެ އެހެންތަނެއްގައި ނަމަވެސް މުސްލިމުންނަށް ޙަމަލާދީ ޝަހީދުކުރާނަމަ ކަންބޮޑުވާންޖެހޭނެއެވެ.
ސުވާލަކި ކަންބޮޑުވާތީ ކުރަން އޮތީ ނުވަތަ ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެއީވެސް ކަންބޮޑުވާން ޖެހެންވީ ކަމެއް ނޫނެވެ! ދުޢާކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! އެއިރުން އެއޮތީ ކުރެވެން އޮތް އެންމެ ބޮޑު ކަންތައް ކުރެވިފައެވެ. ތިބާ ކަންބޮޑުވާކަން ހާމަކުރެވިފައެވެ. ވީމާ އަތުގައި ފައިސާ ނެތިގެން ހޭދަނުކުރެވޭނީ ކަންބޮޑުނުވާށެވެ! ޣައްޒާގެ ރައްޔިތުންނަށްޓަކައި ވީހާ ގިނައިން ދުޢާކުރަމުން ގެންދާށެވެ! ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން